Tuesday, February 5, 2008

Mamma Dharifulhu Naa Na Naa 20



ޝާޒިޔާ ދަންވަރު އަހަރެން ކައިރިއަށް އަންނަ އައުން ހުއްޓުނީ އޭގެ ދެރޭ ފަހުންނެވެ. އޭނާ އަހަރެންނާ ވާހަކަ ދެއްކުންވެސް މުޅީންހެން ހުއްޓާލިއެވެ. ދިމާވާ ކޮންމެ ފަހަރަކު ޝާޒިޔާގެ ލޮލުނަ އަހަރެންނަށް ނަފުރަތުގެ އަސަރު ފާޅުވެއެވެ. އޭނާ ކުއްލިއަކަށް އަހަރެންނާ ހުރިހައި ގުޅުމެއް ކަނޑާލަން ބޭނުންވި ކަހަލައެވެ. އެވީގޮަކާއިމެދު އަހަރެންގެ ހިތުގައި ސުވާލު އުފެދުނެވެ. އަހުމަދު ޝާޒިޔާާއާއި އެވާހަކަ ދެއްކީބާއެވެ ޝާއިޒިޔާ ވާހަކަދެއްކުން ހުއްޓާލުމުން އަހަރެންގެ ހިތަށް އުނދަގޫވާން ފެށިއެވެ. ވީ ކިހިނެއްކަން ޔަޤީން ނުވާތީއެވެ.
'ކިހިނެއްވެ މަށާ ވާހަކަ ނުދައްކަނީ މިހާރު؟' އަހަރެން އެންމެފަހުން ކެތްނުކުރެވިގެން އެހީމެވެ.
ޝާޒިޔާ އަނގަޔަކުން ނުބުންޏެވެ. ނަފުރަތުން ފުރިގެންވާ ނަޒަރަކުން އަހަރެންނަށް ބަލާލީއެވެ. އަހަރެމެން ތިބީ ސްކޫލުން ނިމިގެންއައިސް ކާމޭޒުދޮށުގައި ކާށެވެ. ސިޓިންގރޫމްގައި އެވަގުތު އެކަކުވެސް އިތުރު އެކަކުވެސް ނެތެވެ.
'މީހަކު އެއްޗެކޭ ބުނީތަ؟' އަހަރެން އަނެއްކާވެސް އެހީމެވެ.
ޝާޒިޔާ ދެންވެސް އަނގަޔަކުން ނުބުނެއެވެ. ތަށީގައިހުރި ބަތްކޮޅާ ކުޅެލަކުޅެލާ އިސްދަށަށް ޖަހައިގެން އިނީއެވެ.
'މަދެކެ ރުޅިއައިއްސަ ދޯ؟' އަހަރެން އެއްފަރާތަކަށް ބޯ އަރިކޮށްލުމަށްފަހު ޝާޒިޔާގެ މޫނަށް ބަލާލަމުން ބުނީމެވެ.
ޝާޒިޔާ ކުއްލިއަކަށް ގޮނޑިން ތެދުވިއެވެ. އަދި ބަދިގެއަށްވަދެ އަތްދޮވެލުމަށްފަހު، އަހަރެންނާދިމާއަށް ބަލާވެސްނުލާގޮސް ސިޑިން މައްޗަށް އެރިއެވެ.
އޭގެފަހުން އަހަރެން ކާންއިންނަ ގަޑިއެއްގައި ކާން ނައިސްވޭތޯ ޝާޒިޔާ ބަލައެވެ. އަހަރެންނާ ވާހަކަ ދެއްކުން ހުއްޓާލުމުގެ އިތުރުން އަހަރެން ފެންނަހިސާބަށް ނައިސް ވޭތޯ ބަލައެވެ.
އަހަރެން ހީކުރިގޮތާއި ޚިލާފަށް އަހަރެންނަށް ކޮންމެ ރެޔަކު ޝާޒިޔާ އަންނާނެ ކަމަށް އިންތިޒާރު ކުރެވެން ފެށުނެވެ. ބައެއްރޭރެއަށް އެތައް އިރެއްވަންދެން ނުނިދިފައި އޮންނަމެވެ. ޝާޒިޔާ އަންނާނެކަމުގެ އުންމީދުގައެވެ. އަހުމަދު ޝާޒިޔާއާއި އެވާހަކަ ދެއްކީ ކޮންގޮތަކަށްބާއެވެ.
'ޝާޒިޔާއާއި އެވާހަކަ ދެއްކީތަ؟' އަހަރެން އަހުމަދު ކައިރީ އެހީމެވެ
'ނޫނޭ! އަދި ނުދައްކަން...' އަހުމަދު ބުންޏެވެ. 'އަދި ނާހީއާއި އެވާހަކަ ދައްކާ ނުލެވިގެނަ މި އުޅެނީ...'
'އެހެންތަ؟'
'އާނ... މަށާ ވާހަކައެއްވެސް ނުދައްކާ އެއްގޮތަކަށް.'
'އެހެންތަ؟..' އަހުމަދު ހައިރާންވެފައި އެހިއެވެ. 'ތިވީ މާރަނގަޅަކަށްނު...'
އަހަރެން މަޑުމަޑުން ބޯ ހަލުވާލީމެވެ.
'ބޮޑު ހައިޖާނު ގަނޑަކަށް ނުވެ ތިކަން ތި ހައްލުވީނު... ދެން ޝާޒިޔާއާއި ވާހަކަ ދައްކަން ނޫޅެއްޗޭ އިނގޭ.'
އަހަރެން އާނއެކޭ ބުނީމެވެ.

ޝާޒިޔާ ވާހަކަ ނުދައްކަން ފެށުމުން އަހަރެން ކިޔެވުމަށް ބޮޑަށް ސަމާލުކަން ދިނީމެވެ. ޝާޒިޔާ ވާހަކަ ނުދައްކާ ސަބަބު ނޭންގިގެން ހިތަށް ވެރިވެފައިވާ ނުތަނަވަސްކަން ފިލާތޯއެވެ. ތިންވަނަ ޓާރމްގެ އިމްތިހާނުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ ބޭނުމުގައިވެސް މެއެވެ.
'ކޭ ހާދަކިޔަވައޭދޯ މިހާރު؟' މެތްސް ސައް ހަދަންދިން ފިލާވަޅު ނިނަމާލުމަށްފަހު ރޮބިންކުކްގެ ވާހަކައެއް ކިޔަން އިންދާ ރިލުވާނު ބުންޏެވެ.
'މި ކިޔަވަނީކީ ނޫނެއްނު...' ވާހަކަފޮތުގެ ބޭރު ރިލުވާނަށް ދައްކާލަމުން އަހަރެން ބުނީމެވެ.
'ބްރެއިން.' ރިލުވާނު ވާހަކަފޮތުގެ ނަން ކިޔާލިއެވެ.
'ކޭ ވާހަކަވެސް ކިޔަންތަ؟'
'ކިހިނެއްވީ؟'
'ތީ ރަނޑު މީހުން ކުރާކަމެއް.'
އަހަރެން އަނގަޔަކުން ނުބުނަމެވެ. ރިލުވާނު އެހެން ބުންޏަސް ވާހަކަ ކިޔަނީ ކޮންމެހެން ރަނޑުވެގެން ނޫންކަން އަހަރެންނަށް އެނގެއެވެ.
'އޭ ކޮބާތަ ކޭގެ ޗަބީ މަންޖެ މިހާރު؟' ރިލުވާނު އެހިއެވެ.
'އެބައުޅޭ.'
'ހާދަ ފާޑަކަށް؟.. އެކަން ނިމުނީތަ؟'
އަހަރެން ނޫނެކޭ ބުނުމުގެ ގޮތުން ބޯ ހޫރާލީމެވެ.
'އަންމަޑޭ ކީ ދަތުރެއް ރާވާ ވާހަކަ.'
'އެހެންތަ؟'
'އާން... ބުނި ކޮއްދިއްޕަރު ލިބޭނެޔޯ؟.. ދާންވާނެއެއްނު.'
'ނޭންގެ މޫސަބޭ ފޮނުވާނެކަމެއް.'
'ފޮނުވާނެ... ކޭދެން މާ ނިކަމެތިވެގަނެގެން ތި އުޅެނީ...'
'މޫސަބޭ ކައިރީ އެހީމަ އެނގޭނީ... މިހާރުވެސް މާ ގިނައިން ބޭރަށް ދާތީ ވަރަށް ހިތްހަމަ ނުޖެހިފަ ހުންނަނީ... އަދި ރަށުން ބޭރަށް ދާން ހިޔެއްނުވޭ އޯކޭވާނެހެނެއް.'
'ބުނާނީ ކުލާސް ދަތުރެކޭ... އޭރުން އޯކޭވާނެ.'
އެވަގުތު މެތްސް ގަޑި ނިމޭ ބެލް ޖެހިއެވެ. ސަރ ކުލާހުން ނުކުމެގެން ދިޔައިރު ޝަފީޤުސަރް ހުރީ އައިސް ކުލާސް ދޮރުމަތީގައެވެ. ޝަފީގުސަރ އާއިއެކު އަންހެނަކުވެސް އައިސް ހުއްޓެވެ. އަހަރެންނަށް އެއަންހެން މީހާގެ މޫނަށް ބަލާލެވުމާއިއެކު އެއީ ކާކުކަން އަހަރެންނަށް އެނގުނެވެ. އަހަރެންގެ ހިތުގެ ތެޅުން އަވަސްވެގެން ދިޔައެވެ.
'މިއަދު ތިކުދިންނަށް ކިޔަވައިދޭނީ މިޓީޗަރު...' ކުލާހަށް ވަދެ ސަލާމް ބަދަލުކުރުމަށްފަހު އެއަންހެން މީހާއަށް އިޝާރާތް ކޮށްލަމުން ޝަފީޤުސަރ ބުންޏެވެ. 'މީ މިއަހަރު މުދައްރިސުން ތަމްރީނު ކުރާ ކޯސް ހަދަމުންދާ ދަރިވަރެއް... ތަޖުރިބާއެއްގެ ގޮތުން ތިކުދިންނަށް ކިޔަވަދޭން އައިސް މިހުރީ... ސަރ ހީކުރަން ހުރިހާ ކުދިންވެސް މިޓީޗަރަށް އެއްބާރުލުން ދޭނެކަމަށް.'
'ލައްބަ ސަރ.' ހުރިހައި ކުދިން އެއްފަހަރާހެން ބުނަޏެވެ.
ޝަފީޤުސަރ އެ އަންހެންމީހާ އާއި ދިމާއަށް ބަލާލިލުމަށްފަހު ކްލާސް ފެށުމަށް ބޮލުން އިޝާރާތް ކޮށްލިއެވެ.ގ
'އަސްލަމާ އަލައިކުމް.' އޭނާ ކުލާހުގެ ހުރިހާ ކުދިންނާ މުޚާޠަބު ކޮށްލިއެވެ.
'ވަޢަލައިކުމް ސަލާމް!' ހުރިހައިކުދިން އެއްފަހަރާ ބުނެލިއެވެ. އަހަރެންނަށް އޭނައާއި ދިމާއަށް ބަލަހައްޓާއިގެން އިނދެވުނީއެވެ.
'ހިނގާ އެންމެން ތަޢާރަފު ވެލަމާ ދޯ؟' އަލަށް ކިޔަވައިދޭ މުދައްރިސެއް ކަމުގެ އެއްވެސް ނިޝާނެއް އޭނާގެ އަޑުގައި ނެތެވެ. 'މިސްއަށް ކިޔަނީ އަޒުލާ! ތިޔަކުދިން އަޒުލާމިސް ނޫނީ އަޒޫމިސް ކިޔަސް އެންމެރަނގަޅު.' އެހެން ބުނުމަށްފަހު އޭނާ ޝަފީްޤުސަރގެ މޫނަށް ބަލާލިއެވެ. އަދި ހިނިތުންވެލުމަށްފަހު އަނެއްކާވެސް ކުލާސް ކުދިންނާދިމާއަށް އެނބުރިލިއެވެ. އޭނާއަށް އަހަރެންނާ ހަތަރުކަޅި ހަމަވީ އެވަގުތުއެވެ. އޭނާގެ މޫނުމައްޗަށް ވެރިވެގެން ދިޔަ ކުލަވަރުން އޭނާއަށް އަހަރެންނަކީ ކާކުކަން އެނގުނުކަން އަހަރެންނަށް ޔަޤީންވިއެވެ. އަޒޫމިސް އެސްފިޔަވެސް ޖަހައިނުލާ އަހަރެންނަށް ބަލަހައްޓައިގެން އިިރުކޮޅަކު ހުއްޓެވެ.
'ކޮބާ ފަހަރަކު ކުއްޖަކު ތަޢާރަފު ވެލަންވީނު.' އެނާ އަހަރެންގެ މޫނަށް ބަލަހައްޓައިގެންހުރެ ބުންޏެވެ. އަދި ކުލާހުގެ ކަނާތްފަރާތުން އެންމެ ކުރިއަށް އިން ކުއްޖާއަށް ބަލާލިއެވެ. 'އެންމެ މިކޮޅުން ފަށާ!'
ފަހަރަކު ކުއަޖަކު ތަޢާރަފު ވަމުން އައިސް އަހަރެންނާ ހަމަވުމުން އަހަރެން ތެޅިތެޅިއޮތް ހިތަކާއެކު ތަޢާރަފު ވެލީމެވެ. އެވަގުތު އަޒޫމިސް ނޭވާ ހިފަހައްޓާލައިގެން ހުރިކަމުގެ އިޙުސާސް އަހަރެންނަށް ކުރެވުނެވެ. އަހަރެންގެ ނަން ބުނުމުން އޭނާގެ މޫނުމައްޗަށް ޔަޤީންކަމުގެ ވެރިވެގެން ދިޔައެވެ.
ދިވެހިގަޑި ނިމެންދެންވެސް އަހަރެންނަށް ވަރަށްބޮޑު ނުތަނަވަސްކަމެއް އިޙުސާސް ކުރެވުނެވެ. އަޒޫމިސްވެސް އިރުއިރުކޮޅާ އަހަރެންގެ މޫނަށް ބަލާލައެވެ. ނަމަވެސް އަހަރެންނަކާ ވާހަކައެއް ނުދައްކައެވެ. އެގަޑި ނިމުމުން އަހަރެންނަށް ފުން ނޭވާއެއް ލެވުނެވެ. އަދި މާދަމާ މިކުލާހަށް އަޒޫމިސް ނައުމަށް އެދު ދުޢާވެސް ކުރެވުނެވެ.
'ސަޅި މިސްއެއް ދޯ؟' އެދުވަހުގެ ކިޔެވުން ނިމުމުން ގެއަށް ދިއުމަށްޓަކައި ދަބަހަށް ފޮތްތައް އަޅަމުން ރިލުވާނު ބުންޏެވެ.
'ސަޅިތަ؟' އަހަރެން އެހީމެވެ.
'ސަޅިހޭ!... ކޭ ކަޅިޖަހާނުލާ ބަލަހައްޓައިގެން އިނީ އެޅާ ހަޑިކަމުން ދޯ؟'
އަހަރެންނަކަށް ބުނާނެ އެއްޗެއް ނޭންގުނެވެ. އަހަރެން އަޒޫމިސްއާ ދިމާއަށް އެވަރަށް ބެލިކަން އެހެން މީހަކަށް ފާހަގަ ކުރެވޭނެ ކަމަކަށް ހިޔެއް ނުކުރަމެވެ.
'އެޅާވެސް ވަރަށް ބެލި ދޯ ކޭއަށް؟' ރިލުވާނު ބުންޏެވެ. 'ކޭ ސެޓްކުރަންވީނު!'
'އެ މާ ބޮޑުމީހެއްނު.' ކުލާހުން ނުކުންނަމުން އަހަރެން ބުނީމެވެ. އަހަރެންނަށް އަޒޫމިސް ކުރިން އެނގޭ ވާހަކަ ރިލުވާނުކައިރީ ބުނާކަށް އަހަރެން ބޭނުމެއް ނުވިއެވެ.
'ބޮޑިއްޔާ ބޮޑުތަން ކާން އޮންނާނެއެއްނު.' ނުބައިފާޑަކަށް ހީނގަންނަމުން ރިލުވާނު ބުންޏެވެ.
އަހަރެންވެސް މަޑުމަޑުން ހީނލީމެވެ.
ދެމީހުން ވާހަކަދައްކަމުންގޮސް ސޮކޫލުގެ ދޮރާށިން ބޭރަށް ނުކުމެވުމާއިއެކު ހުރިފިޔަވަޅު މަތީގައި އަހަރެންނަށް ހުއްޓެވުނެވެ. ދޮރާއްޓާއި ދިމާ ކުރިމަތިން މަގުގެ އަނެއްފަރާތުގައި ހުރި ފާރުކައިރީގައި އަހަރެންނާއި ދިމާއަށް ބަލަހައްޓައިގެންހުރީ ދޮންބެއެވެ.


=ނުނިމޭ=