Tuesday, March 11, 2008

Mamma Dharifulhu Naa Na Naa 21

ދޮންބެއާއި ދިމާއަށް ބަލަން އިރުކޮޅެއް ވަންދެން އަހަރެން ހުރީމެވެ. އުފާވާންވެސް، ދެރަވާންވެސް ނޭންގިފައެވެ.
'އޭ ކޮންޅާއެއް؟' އަހަރެން ދޮންބެއާ ދިމާއަށް ބަލަހައްޓާއިގެން ހުރިތަން ފެނުމުން ރިލުވާނު އެހިއެވެ.'
'ނޭންގެ!' އަހަރެން އަވަސް އަވަހަށް ބުނީމެވެ.
'ކޭގެ ބޭބެ ދޯ... ވަރަށް ވައްތަރު ކޭ އާ.'
އަހަރެން ރިލުވާނުގެ ސުވާލަށް ޖަވާބެއް ނުދީ ގެއަށް ދިއުމަށްޓަކައި ހިނގައިގަތީމެވެ. ރިލުވާނުވެސް އަހަރެންނާ އެކުއެކީ ހިނގައިގަތެވެ. ދޮންބެ ކަރިއަށް ދާކަށް އަހަރެން ބޭނުމެއް ނުވިއެވެ. މިއޮއް ހުރިހައި ދުވަސް ވީއިރުވެސް ހަރެން ދިރި ހުރިތޯ ނޫނީ މަރުވީތޯވެސް ދޮންބެ ބަލާ ނުލައެވެ. އެހެން އެކަކަު އަހަރެންގެ ހާލު ބަލާ ނުލިނަމަވެސް ދޮންބެ އަހަރެންނަށް ވާނުވާ ބަލާނެ ކަމުގައި އަހަރެން ކުރިން ހީކުރީމެވެ. އެކަމަކު މާމަޔާއެކު ރަށަށް ދިއުމުން، އެއީ އަހަރެންނަށް ކުރެވުނު ކުއްހީއެއްކަން އެނގުނެވެ. ދެވަނަ ފަހަރަށް އެފަދަ ކުށްހީއެއްގެ މައްޗަށް ބިނާކޮށް އުންމީދުތަކެއް އާލާކުރާކަށް އަހަރެން ބޭނުމެއް ނޫނެވެ. މިހައި ދުވަސްކޮށްފަ ދޮންބެ އަހަރެްނ ދެކެން އަންނަންވީ ކީއްވެހެއްޔެވެ؟ ތުއްތުބޭއާއި ބައްޕަގެ ފަރާތުންވެސް، އަހަރެން މާލޭގަ އުޅޭކަން ދޮންބެއަށް އޮންނާނީ އެނގިފައިކަން ގައިމެވެ. ވީއިރު މިހައި ދުވަސް ވީއިރުވެސް އަހަރެން ދެކިލަން ނާންނަންވީ ސަބަބެއް ކޮބާ ހެއްޔެވެ؟ މިއަދު ދޮންބެ އައިސް އެހުރީ އަޒޫމިސް އަހަރެންނާ ކުލާހުން ދިމާވިވާހަކަ ބުނީމަކަން އަހަރެންނށް ގައިމެވެ.
'ފައުޒީ ކޮއްކޯ!' އަހަރެން ދޮންބެއާ ދުރަށް ހިނގައިގަތުމުން ދޮންބެ ގޮވާލިއެވެ.
އަހަރެންގެ ހިތް އަސަރުން ފުރިގެން ދިޔައެވެ. ދޮންބެ އަހަރެންނަށް ގޮވާލުމުންނެވެ. ކުރިގެ އެތައް ހަނދާންތަކެއް އެއްފަހަރާ އާވެގެން ދިޔައެވެ. ދޮންބެގެ އަޑުގައި ވަނީ ހަމަ އެ އޯގާތެރިކަމެވެ. ބޭބެއަކު ކޮއްކޮއެއްދެކެ ވާ ލޯބީގެ އަސަރެވެ. އަހަރެން ހިނގުން ބާރުކޮށްލީމެވެ.
'ފައުޒީ ކޮއްކޯ!... މަޑުކޮށްބަލަ!' ދޮންބެ އަނެއްކާވެސް ގޮވާލިއެވެ. އަދި އަހަރެންގެ ފަސްފަހަތުން ހިނގާފައި އަންނަކަމުގެ އިހުސާސް އަހަރެންނަށް ކުރެވުނެވެ.
އަހަރެން ކުރިއަށްވުރެވެސް ހިނގުން ބާރުކޮށްލީމެވެ. އަހަރެންގެ ހިތުގައި ދޮންބެއަށް އެއްވެސް ލޯތްބެއް ވާކަން ދޮންބެއަށް އަންގާކަށް އަހަރެން ބޭނުމެއް ނުވިއެވެ. އަހަރެން ބޭނުންވީ ދޮންބެއަކީ އަހަރެންގެ ދިރިއުޅުމަށް މިހާރު އެހާމުހިއްމު މީހެއް ނޫންކަން އަންގާށެވެ. އެކަމަކު އަހަރެން މިވަގުތު ދޮންބެއާއި ހަތަރުކަޅި ހަމަވެއްޖެނަމަ އަހަރެންނަށް ރޮވޭނެކަން ގައިމެވެ. އަހަރެން ދޮންބގެ ކުރިމަތީގައި ރޯކަށް ބޭނުމެއް ނޫނެވެ. އެއްވެސް މީހަކަށް އަހަރެން ރޮނިކޮށް ފެންނާކަށްވެސް އަހަރެން ބޭނުމެއް ނޫނެވެ. މިހާރު އެޒަމާން ހިނގައްޖެއެވެ. އެއީ ކުޑައިރެވެ. މިހާރު އަހަރެންނަކީ ކުޑަކުއްޖެއް ނޫނެވެ.
'ކީއްވެ ތިރޮނީ؟' އަހަރެންނާ އެއްވަރަށް ހިނގަމުން ރިލުވާނު އެހިއެވެ.
'މަށެއް ނުރޮން.' ލޯކައިރިން ކޯތާފަތްމަތީ އަތްޖައްސާލަމުން އަހަރެން ބުނީމެވެ. ލޮލުން ކަރުނަ ފައިބަމުން ދިޔަކަން އަހަރެންނަށް އިހުސާސް ކުރެވުނީ ދެނެވެ.
'އެއީ ކޮންޅާއެއްތަ؟' ރިލުވާނުގެ އަޑުގައިވަނީ ރުޅިވެރިކަމެވެ. 'އެޅާ ކޭއަށް ގޮތެއް ހެދީތަ؟'
އަހަރެން ނޫނެކޭ ބުނުމުގެ ގޮތުން ބޯ ހޫރާލީމެވެ.
'ކޭ ބުނޭ... އޭރުން އެޅާ މޮޅާލާނަން.' ރިލުވާނު ހުރީ ހަމަރަނގަޅަށްވެސް ރުޅިއައިސްފައެވެ.
'އެއީ މަގޭ ދޮންބެ.' އަހަރެން އެންމެފަހުން ބުނީމެވެ. ރިލުވާނު ގްރޫޕް ގޮވައިގެންގޮސް ދޮންބެއަށް ގޮތެއް ހަދާކަށް އަހަރެން ބޭނުމެއް ނުވިއެވެ.
'ދެން ކޭ ކީއްވެ އެޅާދެކެ ބިރުން ތި އުޅެނީ!'
'އަހަރެން ދޮންބެ ދެކެ ބިރެއް ނުގަނޭ... އެކަމަކު ދޮންބެއާ ވާހަކަ ދައްކާކަށް އަހަރެން ބޭނުމެއް ނޫން.' އަތުގެ ނުފުށުން ދެލޯ ފުހެލަމުން އަހަރެން ބުނީމެވެ.
'އެ ކިހިނެއްވީ؟' ރިލޫ އެހިއެވެ.
'ފަހުން ކިޔައިދޭނަން.' އަހަރެން ބުނީމެވެ.
'ފައުޒީ ކޮއްކޯ؟' ދޮންބެ އައިސް އަހަރެންގެ ކޮނޑުގައި ހިފެހެއްޓިއެވެ. އަހަރެން ހުއްޓުނީމެވެ.
'އޭ ތިޅާ އޭނަގެ ގައިން ދޫކޮށްލާ!' ރިލުވާނު ބުންޏެވެ.
'ތީ ކާކު؟' ދޮންބެ ވަރަށް ނަފުރަތުެ ރާގެއްގައި ބުންޏެވެ.
'އިޓްސް އޯކޭ ރިލޫ.' އަހަރެން ބުނީމެވެ.
ރިލުވާނު އަހަރެންގެ މޫނަށް ބަލާލިއެވެ. އަހަރެން ބޯޖަހާލީމެވެ. 'މިޅައި ކޭއަށް ކަމެއް ކޮއްފިއަޔާ މަކައިރީ ބުނާތި!' އެހެން ބުނުމަށްފަހު ރިލުވާނު ގެއަށް ދިއުމަށްޓަކައި ހިނގައިގަތެވެ.
'އެއީ ކާކު؟' ރިލުވާނު ދިއުމުން ދޮންބެ އެހިއެވެ.
'ކީއްކުރަން ދޮންބެ ތިއައީ؟' އަހަރެން ދޮންބެގެ ސުވާލަށް ޖަވާބު ދިނުމަކާ ނުލާ ސުވާލު ކުރީމެވެ.
ދޮންބެ އަހަރެންގެ ލޮލަށް ބަލާލިއެވެ. އެވަގުތު ދޮންބެގެ ލޮލުން ލޯތްބާއި ހަމްދަރުދީ އަހަރެންނަށް ފެނުނެވެ. 'މިއައީ ފައުޒީ ކޮއްކޮ ބަލާ.'
'މަށެއް ނުދާނަން!' އަހަރެން ދިމާލަށް ބުނީމެވެ. ނަމަވެސް އޭރު އަހަރެންގެ ލޮލަށް އަނެއްކާވެސް ކަރުނަތަށް ޖަމާވާން ފަށައިފިއެވެ.
'ދޮންބެއަށް އެނގޭ ކޮއްކޮ ތިހުރީ ރުޅިއައިއްސަކަން.'
'އަހަރެން ރުޅިއެއް ނާދޭ.' އަހަރެން ބެދިފައިވާ އަޑަކުން ބުނީމެވެ. 'އަހަރެން ކީއްވެ ރުޅިއަންނަންވީ... އަހަންނަށް ކޮން ހައްގެއް އޮތީ ދޮންބެ ދެކެ ރުޅިއައުމުގެ. އަހަންނަށް އެނގޭ މަށަކީ އެހައި މުހިއްމު މީހެއް ނޫންކަން.'
'ކާކު ބުނީ ކޮއްކޮ ތީ މުހިއްމު މީހެއް ނޫނޭ؟'
'މީހަކު ނުބުންޏަސް މަށަށް އެނގޭ... މިހާ ދުވަހު އެންމެނާ ވަކިން އުޅޭއިރު މަށަށްވެސް އެނގޭނެ އެއްނު.'
'ކޮއްކޮ ހާދަ ބޮޑެތި ވާހަކަ ދައްކައޭ ދޯ މިހާރު!'
'މަމީ ކުޑަކުއްޖެއް ނޫނޭ!' އަހަރެން ވަރަށް ބާރަށް ބުނީމެވެ.
'މަންމަވެސް ބޭނުންވާނެ ކޮއްކޮ ގެއަށް އަންނަން... މަންމަޔަކަށް ނޭންގޭ ކޮއްކޮ މާލޭގަ އުޅޭކަމެއް.'
'އެނގުނަސް ވަކި ކީއްތަވާނީ... މަންމަޔަށް ރަނަޅުވާނީ އަހަރެން މަންމަ ފެންނަ ހިސާބަށްވެސް ނުދިޔައްޔާ.'
'ތިހެން ހީކުރާކަށް ނުވާނެ... މަންމަ ކޮއްކޮދެކެވެސް ލޯބިވޭ.'
'އެއްވެސް ލޯތްބެއް ނުވޭ!' އަހަރެންގެ އަޑު އިރެއް އިރަކަށްވުރެ ބާރުވިއެވެ.
'ކީއްވެ މަންމަ ވަކި ކޮއްކޮދެކެ ލޯބު ނުވާންވީ.'
'މަށަކީ ހަރާންދަރިއެއްވީމަ!' އަހަރެން ހަޅޭއްލަވައިގަތީމެވެ. އަދި ފަސްއެނބުރި ވަރަށް ބާރަށް ހިނގައިގަތީމެވެ. މަގުމަތިން ދިޔަ އެތައް ބަޔަކު ހުއްޓި އަހަރެންނާ ދިމާއަށް ބަލަހައްޓައިގެން ތިއްބެވެ. އަހަރެން އެކަމަކާ އަޅައެއް ނުލަމެވެ. ދޮންބެ އެ ހުރިި ތަނުގައި ހުއްޓި ހުރީއެވެ. އަހަރެންނާ ދިމާއަށް ބަލަހައްޓައިގެން ކަންނޭންގެއެވެ.

=ނުނިމޭ=