Friday, December 21, 2007

Mamma Dharifulhu Naa Na Naa 14

ރިލުވާނު ބުނީ ރަނގަޅަށެވެ. އަންމަޑޭ ބަލާލާފަވެސް ޖަހަނީ ޖަންކީ ވައްތަރެކެވެ. ބޯދިގުކޮށް ބޮލުގައި ހުރީ ކުލަޖައްސާފައި އެވެ. ތުނބުޅިއާއި މަތިމަސް ވަނީ ޑައިކޮށްފައެވެ. ދެލޮލުގައި ކޮންމެވެސް ވަރެއްގެ ރަތްކަމެއް ހުއްޓެވެ. އަތްދިގު ޓީޝާޓަކާއި ފަޓުލޫނެއް ލައިގެން ހުރިއިރުވެސް އޭނާހުރި ހީކަރުވައިގެންފަހެއް އަހަރެންނަށް ހީވިއެވެ. ކަރުގައި ކަޅުކުލައިގެ ފަށެއް އަޅާފައި އޮތެވެ. ފަށުގެ ފުލުގައި ޞަލީބެއް ފާޑުގެ އެއްޗެއް އޮތެވެ. ނަމަވެސް އެއީ ކޮން އެއްޗެއް ކަމެއް އޭރަކު އަހަރެންނަކަށް ނޭންގުނެވެ. އައްމަޑޭގެ އަތުގައި ރިހިކުލައިގެ ޗޭނުގަނޑެއް އޮޅާލާފައި އޮތެވެ. އެއްކަންފަތުގައި ރިހި ބޮޅޭއްލާފައި އިނެވެ. މިހުރިހައިކަމަކުން އަންމަޑޭގެ މިޒާޖު ހުނަނާނެގޮތް ދެނެގަންނާކަށް އަހަރެންނަށް މާ އުނދަގުލެއް ނުވިއެވެ. ނަމަވެސް މީހަކު ހުންނަ ސިފަޔަކުން މީހެއްގެ ޙަޤީޤަތް ނޭނަގޭނެކަން އަހަރެންނަށް އެނގެއެވެ.

'މިޅައި މިހެން ހުއްޓަސް ވަރަށް ރަނގަޅުވާނެ!' އަންމަޑޭއާއި އަހަރެން އެކަކު އަނެކަކަށް ތަޢާރަފުކޮށް ދިނުމަށްފަހު ރިލުވާނު ބުންޏެވެ. އަދި އަންމަޑޭ ގްރޭޑް އަށެއްގައި އުޅެނިކޮށް ޓީޗަރެއްގައިގާ ޖެހުމުގެ ސަބަބުން ސްކޫލުން ވަކިކުރީކަމާއި އޭގެފަހުން ކިޔެވުމާއި މުޅިން ވަކިވީ ކަމުގައި ކިޔައިދިނެވެ.

'އެޅާ ފުނޑާލާފަ އޮންނާނީ!' އެޓީޗަރުގެ ކިބައިން ބަދަލުހިފިވާހަކަ އަންމަޑޭ ފަޚުރުވެރިކަމާއިއެކު ބުނެލިއެވެ. 'އެޅާ މަސްދުވަސް ވަންދެން އޮތް ހޮސްޕިޓަލުގަ.'

އަންމަޑޭ އަހަރެންނަށްވުރެ ތިން އަހަރު ބޮޑެވެ. އަދި އަހަރެންނަށް އެދުވަހު އެނގުނު ގޮތުގައި ރިލުވާނާއި އަންމަޑޭ އަކީ ކުރިން އެއްކުލާހެއްގައި އުޅުނު ދެމީހުންނެވެ. އޭނާ މަޖީދިއްޔާ ގްރޭޑް އަށެއްގައި ތިން އަހަރު ރިޕީޓްވުމުން ސްކޫލުން ކަޑާލީއެވެ.

އަންމަޑޭ ޖީބުން ސިނގެރޭޓް ފޮއްޓެއް ނެގިއެވެ. އަދި އެއިން ސިނގެރޭޓެއް ނަގާ އަހަންނަށް ދިއްކޮށްލިއެވެ. އޭރު އަހަރެމެން އަދި ބައިސްކަލު ދުއްވާކަށް ނުފަށަމެވެ. ހެންވޭރުކޮޅުން ތޮށިގަނޑުމަތީ އިށީންދެލައިގެން ތިބީއެވެ.

'މަ ނުބޮން ސޮގެރެޓެއް!' އަހަރެން ބޯ ހޫރާލަމުން ބުނީމެވެ.

އަންމަޑޭ އާއި ރިލުވާނު ސިގެރޭޓް ބޯންފެށިއެވެ.

'ބައްޔެއްނު ރިލޫ... ކޭ ބަސްއަހާ ކުޑަކުއްޖެއް ގޮވައިގެންތަ ތިއުޅޭނީ އައިސް... ތިކަން އެނގޭނަމަ މަ ނުވެސް އަންނާނަން.' އަންމަޑޭ ބުންޏެވެ.

'ނޫނެކޭ... އެޅައި ތަންކޮޅެއް އަލީޔޭ!' ރިލުވާނު ބުންޏެވެ. އެމީހުން ދައްކާ ވާހަކަ ކޮންމެހެން މަށަށް އަޑު ނުއިއްވާކަށް އެމީހުން މަސައްކަތެއް ނުކުރެއެވެ.

'ކޮބާ ޕުލްއެއް ޖަހާލަބަލަ!' އަހަންނަށް ސިނގެރޭޓް ބުރި ދިއްކޮށްލަމުން އަންމަޑޭ ބުންޏެވެ.

އަހަރެން ނޫނެކޭ ބުނުމުގެ ގޮތުން ބޯހޫރާލީމެވެ. މޫސަބޭ އަހަރެން ފޮނުވީވެސް ވަރަށް ނަޞޭޙަތް ދީފައެވެ. އަހަރެން ގޯސްމަގަކުން ނުދާނެކަމަށް އިތުބާރުކުރާކަމަށް ބުނެފައެވެ. އަހަރެން އެ އިތުބާރު ގެއްލުވާލާކަށް ބޭނުމެއް ނުވެއެވެ.

'ދެން ކޮންއިރަކުން ބައިސްކަލު ދުއްވަނީ!' ކަނޑާދިމާއަށް ފުރަގަސްދީގެން ތިބިއިރު އަހަރެމެންގެ ކުރިމަތީގައި ހުރި ބައިސްކަލުތަކަށް ބަލާލަމުން އަހަރެން ބުނީމެވެ.

'ބައިސްކަލު ދުއްވަން ދަސްކޮށްދެވޭނީ ގޮތެއްގެ މަތިން!' އަންމަޑޭ ބުންޏެވެ.

އަހަރެން އަންމަޑޭގެ މޫނަށް ބަލާލީމެވެ.

'އަހަރުން ބާއްވާ ބުފޭ އަކަށް ކޭ އަންނަ މަތިން!'

'އެ ކޯއްޗެއް ބުފޭ އަކީ؟' އަހަރެން އެހީމެވެ.

އަންމަޑޭ ހީނގަތެވެ. 'ކޭ ތީ ބިކުރެއް ދޯ؟'

އަހަންނަކަށް ބިކުރަކީ ކޯއްޗެއްކަމެއްވެސް ނޭންގެއެވެ. އެކަމަކު އަހަރެން އެކައްޗެކޭވެސް ނުބުނެ މަޑުން އިނީއެވެ.

'ބަލާއެއްނު އަންމަޑޭ!' ރިލުވާނު މުއްކަވާލާފައި އަންމަޑޭގެ ކޮނޑުގައި މަޑުމަޑުން ޖަހާލަމުން ބުންޏެވެ. 'ފިރިހެނުންގެ ބިކުރު ހުރޭތަ!'

'އާނ!' އަންމަޑޭ މަށާދިމާއަށް ބަލާލިއެވެ. 'ކޭ ބިޓެއް ހުރޭތަ؟'

އަހަރެން ބޯހޫރާލީމެވެ.

'އަންހެން ޅާއެއްގެ އޮރިޔާން ދެކުނިންތަ؟'

އަހަރެން އަޒޫ މަތިން ހަނދާންވިއެވެ. އަދި އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލީމެވެ.

'އާނ.. އެބަ ރަނގަޅުވޭ.' އަންމަޑޭ ހެވިފައި އިނދެގެން ބުންޏެވެ. 'ސަޅި ޅާއެއްތަ؟'

އަހަރެން އަނެއްކާވެސް ބޯޖަހާލީމެވެ.

'ކޭ ތަޅާލިންތަ؟'

އަހަރެން ބޯ ހޫރާލީމެވެ.

'ބައްޔެއްނު!' އަންމަޑޭ ދެބުމަ ގޮށްޖަހާލަމުން ބުންޏެވެ.

'އޭ އަހަރެން ދޮންބެގެ ބިޓު.' އަހަރެން ބުނީމެވެ.

'އެހެންތަ؟' އަންމަޑެ ހީނގަތެވެ. 'ކޭ ވަގަށް ބެލީ ދޯ!'

އަހަރެން ޖަވާބެއް ނުދެމެވެ. އިތުރަށް އެވާހަކަ ދައްކާކަށް އަހަރެން ބޭނުމެއް ނުވިއެވެ.

'ކޭ އަންނާނަންތަ ބުފޭއަށް؟' އަންމަޑޭ އެހިއެވެ.

އަހަރެން ދާކަށް ބޭނުމެއް ނުވެއެވެ. އެކަމަކު ބައިސްކަލު ދުއްވަން ދަސްކުރަން އަހަރެން ބޭނުންވިއެވެ. އަހަރެން ބުފޭއަށް ދާން އެއްބަސްވީ އެހެންވެގެންނެވެ. އެއީ ކޮން އެއްޗެއްކަން ނުވެސް އެނގިހުރެއެވެ.

އަންމަޑޭއާއި ރިލުވާނާ ދެމީހުންވެގެން އަހަރެންނަށް ބައިސްކަލު ދުއްވަން ދަސްކޮށްދޭން ފެށިއިރު މަޖީދިއްޔާއެ ކެޑޭޓް ކުދިން އެތަނުގައި ކެޑޭޓް ޕްރެކްޓިސްއަށް ގޮސް އުޅެއެވެ. އަހަރެން ބައިސްކަލަށް އަރަންދެން ދެމީހުން ބައިސްކަލުގައި ހިފަހައްޓާއިގެން ތިބެއެވެ. އަދި އަހަރެން ތުރުތުރު އަޅަމުން ބައިސްކަލު ދުއްވާއިރު ބައިސްކަލުގެ ދެފަރާތުން މަޑީގައި ހިފަހައްޓާއިގެން އެމީހުން އަހަރެންނާ އެއްވަރަށް އާދެއެވެ. އެގޮތަށް ދެތިން ފަހަރަކު ހެދުމަށްފަހު، އަހަރެން ކުޑަކޮށް ފަރިތަވެލުމުން، އަހަރެން ބައިސްކަލު ރަނގަޅަށް ދުއްވާލުމުން އެމީހުން މަޑިން ދޫކޮށްލަންފެށިއެވެ. އަހަރެން ދެތިން ފަހަރަކު ބައިސްކަލާއެކު އެއްޓުނެވެ. އެއްފަހަރަކު ވަރަށް ބާރަށް ވެއްޓުމުން އެތަނުގައި ތިބި ކެޑޭޓް ކުދިންތައް ހީނގެންއަޑު އިވުނެވެ. އަހަރެންނަށް އެމީހުންނާ ދިމާއަށް ބަލާލެވުނެވެ. އެވަގުތު އަހަރެންގެ ހިތް ބާރުބާރަށް ތެޅިގަތެވެ. އެކުދިންތަކުގެ ތެރޭގައި، ހައިރާންވެފައިވާ ނަޒަރަކުން އަހަރެންނާ ދިމާއަށް ބަލަހައްޓައިގެން ތުއްތުބޭ ހުއްޓެވެ.

އަހަރެން އިންތަނުން ތެދުވަންވެސް ނޭންގިފައި އިނީމެވެ. ރިލުވާނުމެން އައިސް އަހަރެން ކޮޅަށް ނެގިއެވެ. އޭރުވެސް އަހަރެން ހުރީ ތުއްތުބޭއާއި ދިމާއަށް ބަލަހައްޓައިގެނެވެ. އެވަގުތު ކޮމާންޑެއްގެ އަޑު އިވުމާއެކު ތުތްތުބޭ އަހަންނަށް ފުރަގަސްދީ ސަމާލަށް އައެވެ. އަހަރެން ގައިން ވެލި ފޮޅާލީމެވެ. އުޅަނބޮށިން ތަންގަނޑެއް މަށައިގެން ގޮސްފައިވާކަން އެނގުނީވެސް ދެނެވެ. އިރުކޮޅަކުން ކެޑޭޓްކުދިންތައް މާޗް ކޮށްފައިގޮސް އޮބާލައިފިއެވެ.

އެދުވަހު ދެން އިތުރަށް ބައިސްކަލު ދުއްވަން ދަސްކުރާކަށް އަހަރެން މަސައްކަތެއް ނުކުރަމެވެ. އަންމަޑޭ، ބުފޭއަށް ދިއުމަށް އަހަރެން އެއްބަސް ކުރުވިއެވެ. އަހަރެންގެ ގެ ހުންނަތަން އޮޅުން ފިލުވިއެވެ. އަދި ބަލާ އަންނާނެކަމުގައިވެސް ބުންޏެވެ. އަހަރެން ފޮނުވާކަށް މޫސަބޭ ހިތްހަމައެއް ނުޖެހޭނެކަން އަހަރެންނަށް އެނގެއެވެ. ބައިސްކަލު ދުއްވަންދާންވެސް ހުއްދަ ދިނީ ވަރަށް ނުދޭން އުޅެފައެވެ. އަހަރެން ގޯސް މަގަކުން ހިނގައިދާނެތީ ބިރުގަންނަނީ ކަންނޭންގެއެވެ.

އަހަރެން އެކަނިން ގެއާދިމާއަށް ހިނގާފައި ދިޔައިރު މީހަކު ފަހަތުން އަންނަކަމުގައި ހިވާންފެށިއެވެ. އަހަރެން ހިނގުން ތަނކޮޅެއް ބާރުކޮށްލީމެވެ. ނަމަވެސް އަދިވެސް އެމީހަކު ފަހަތުން އަންނަހެން ހީވަމުން ދިޔައެވެ. އެންމެފަހުން އަހަރެން ފަސްއެނބުރި ބަލާލީމެވެ. އޭރު ޝަހޫދައްތަ އަހަރެންގެފަސްފަހަތުން ހިނގާފައި އާދެއެވެ. އަހަރެން ކުރިއަށްވުރެވެސް ހިނގުން ބާރުކޮށްލީމެވެ.

'ފައުޒީކޮއްކޯ!' ޝަހޫދައްތަ ގޮވާލިއެވެ. 'މަޑުކޮށްބަލަ!'

ކީއްވެގެން ކަމެއް ނޭންގެއެވެ. އަހަރެން ހުރިފިޔަވަޅު މަތީ ހުއްޓުނީމެވެ. ނަމަވެސް ފަސްއެނބުރި ބަލައެއް ނުލަމެވެ.

'ޝަހޫދައްތަ ދެކެ ރުޅިއައިއްސަތަ؟' އަހަރެންނާ އަރާ ހަމަކުރަމުން ޝަހޫދައްތަ ބުންޏެވެ. އަދި އަހަރެންގެ ކުރިމަތީ ހުއްޓުނެވެ.

އަހަރެން ހުރީ އިސްޖަހައިގެންނެވެ. ޝަހޫދައްތައާއި ދިމާއަށް ބަލާލައިފިނަމަ އަހަރެންނަށް ރޮވޭނެކަން އެނގޭތީއެވެ.

'އެނގޭ ފައުޒީކޮއްކޮ ތިހުރީ ޝަހޫދައްތަ ދެކެ ރުޅި އައިއްސަކަން.' އަހޫދައްތަ ހިތާމަވެރި ރާގެއްގައި ވާހަކަ ދެއްކިއެވެ. 'އެނގޭ ކީއްވެކަންވެސް... ފައުޒީކޮއްކޮ ހީކުރަނީ ޝަހޫދައްތަ ފައުޒީކޮއްކޮ މަތިން ހަނދާން ނައްތާލީ ކަމަށްދޯ؟... އެކަމަކު ޝަހޫދައްތަ ހަނދާން ނައްތައެއް ނުލަމޭ!... ޝަހޫދައްތަ ކޮންމެ ދުވަހަކުވެސް، ކޮންމެ ރެއަކުވެސް ފައުޒީކޮއްކޮ މަތިން ހަނދާން ކުރަން... އެކަމަކު ފައުޒީކޮއްކޮގެ މަންމަ އެއްގޮތަކަށްވެސް ނުރުހޭ ޝަހޫދައްތަ ފައުޒީ ކޮއްކޮއާއި ވާހަކަ ދައްކާކަށްވެސް، ގުޅާކަށްވެސް... ޝަހޫދައްތަ އުޅުނިން ގުޅަންވެގެން އެރަށު ފޯނުނަންބަރު ހޯދަންވެސް... އެކަމު ނަމްބަރު އަހާލުމުން ފައުޒީކޮއްކޮގެ މަންމަ ޝަހޫދައްތައަށް ވަރަށް އެއްޗިހިކީ...' ޝަހޫދައްތަގެ އަޑު ބެދުނެވެ.

އަހަރެން ޝަހޫދައްތަގެ މޫނަށް ބަލާލީމެވެ. އެވަގުތު ޝަހޫދައްތަގެ ފެންކަޅިވެފައިވާ ދެލޯފެނުމުން އަހަރެންގެ ހިތަށް ވަރަށް އަސަރު ކުރިއެވެ. އެއްވެސް ހިފެހެއްޓުމެއްނެތި ހޯސްލާފައި ލޮލުން ކަރުނަތައް ފައިބައިގަތެވެ. އަހަރެން ޝަހޫދައްތަގެ ގައިގައި އޮޅުލައިގަތީމެވެ. ޝަހޫދައްތަ އަހަރެންގެ ބުރަކަށީގައި ފިރުމާލިއެވެ. އަހަރެން ޝަހޫދައްތަގެ ގައިގައި ބައްދައިގަނެގެންހުރެ ރޮމުން ގެންދިޔައީމެވެ. މަގުމަތިން ހިނގާފައި ދިޔަ މީސްމީހުން އަހަރެމެންނާ ދިމާއަށް ބަލަމުން ދިޔަކަންވެސް އަހަރެންނަށް ފާހަގަވީ އިރުގަނޑެއް ފަހުންނެވެ. އެމީސްމީހުންގެ މޫނުމަތިން 'މީ ކޮންކަމެއް ހޭ' ބުނާކަހަލަ އަސަރުތަކެއް ހާމަވިއެވެ.

ނަމަވެސް އަހަރެން ޝަހޫދައްތަގެ ގައިން ދޫކޮށްލާކަށް ބޭނުމެއް ނުވިއެވެ.

'މީހުންތައް އެއޮށް ބަލަނީ!' ލޮލުން ކަރުނަތައް ފުހެލަމުން ޝަހޫދައްތަ ބުންޏެވެ. އަދި އަހަރެންގެ ދެކޮނޑުގައި ހިފާ ޝަހޫދައްތައާއި ކުޑަކޮށް ދުރުކޮށްލިއެވެ. އަހަރެން ފަހަތަށް އެނބުރިލުމަށްފަހު ބަލާލީމެވެ. އޭރު ތަންކޮޅެއް ދުރުގައި ދެތިން މީހަކު އަހަރެމެންނަށް ބަލަހައްޓައިގެން ތިއްބެވެ.

'ހިނގާ މިތަނުން އަވަހަށް ދާން.' އަހަރެންގެ އަތުގައި ހިފައިގެން ހިނގައިގަންނަމުން ޝަހޫދައްތަ ބުންޏެވެ. އަހަރެންވެސް ދެލޯ ފުހެލުމަށްފަހު ޝަހޫދައްތައާއި އެއްވަރަށް ހިނގައިގަތީމެވެ.

'ޝަހޫދައްތައަށް ކިހިނެއް އެނގުނީ އަހަރެން މާލެއައިކަން؟' ހިނގާފައި ދަމުން އަހަރެން އެހީމެވެ.

'ނަޒީދައްތަ ފޯނުކޮށްފަ ބުނީ.' ޝަހޫދައްތަ ބުންޏެވެ.

އަހަރެން ޔަޤީން ނުކުރެވިގެން ޝަހޫދައްތަގެ މޫނަށް ބަލާލީމެވެ.

'ކިހިނެއްވީ؟' ޝަހޫދައްތަ އެހިއެވެ. 'ޔަޤީން ނުކުރެވުނީ ދޯ؟'

އަހަރެން ޖަވާބެއް ނުދެމެވެ.

'ނަޒީދައްތަ ޝަހޫދައްތަ ދެކެ ކިތަންމެ ރުޅި އަޔަސް، ފައުޒީ ކޮއްކޮ ދެކެ ވަރަށް ލޯބިވޭ... އެހެންވެ، ނުވެސް ދަންނަ ބައެއްގެ ކައިރިއަށް ކިޔަވަން އައިކަން ނަޒީދައްތަ އަށް އެނގުނީމަ ޝަހޫދައްތައަށް ގުޅާފަބުނީ ފައުޒީކޮއްކޮއަށް ވާނުވާ ބަލައްޗޭ.'

އަހަރެން ވިސްނާލީމެވެ. މިދެ ދައްތައާއިމެދު އަހަރެންނަށް މިއޮއް ހުރިހައި ދުވަހު މިކުރެވުނީ ކިހައި ބޮޑު ކުށްހީއެއް ހެއްޔެވެ؟ އަހަރެންގެ އަސްލު މަންމައާއި ޚިލާފަށް އެދެދައްތަވެސް އަހަރެންދެކެ އިންތިހާއަށް ލޯބިވެއެވެ. މަންމަ ކިހާ ގޯސް ހެއްޔެވެ؟ މަންމަ އަހަރެންދެކެ ލޯބިނުވާތާނގައި އެހެންމީހަކުވެސް އަހަރެންނަށް ހަމްދަރުދީވެ، ލޯބިވާކަށް ނޭދެއެވެ. ރަޙުމުގެ ލޮލަކުން ބަލާލާކަށް ނޭދެއެވެ.

-ނުނިމޭ-


Friday, December 14, 2007

Mamma Dharifulhu Naa Na Naa 13

ޝަހޫދައްތަ ފެނުމުން އަހަރެންނަށް ހުރިފިޔަވަޅު މައްޗަށް ހުއްޓެވުނެވެ. ޝަހޫދައްތަ ހިނިތުންވެފައި ބަލަހައްޓައިގެން ހުއްޓެވެ. މަޑު ވައިލެޓް ކުލައިގެ ޓޮޕަކާ ކަޅުކުލައިގެ ބެލްސެއް ލައިގެން، އިސްތަށިގަނޑު ނިއުޅުވާލައިގެން ހުރިއިރު، ޝަހޫދައްތަ ކުރިއަށްވުރެ މާ ރީތިކަން އަހަންނަށް ފާހަގަ ކުރެވުނެވެ. ބައްޓަންގަނޑުވެސް ކުރިއަށްވުރެ އަންހެންވަންތައެވެ.

ޝަހޫދައްތަ ލެނގިލައިގެންހުރި ފާރުކައިރީގައި މެދުއުމުރުގެ އެހެން އަންހެނަކު ހުއްޓެވެ. އޭނާވެސް ހުރީ އަހަރެންނަށް ބަލަހައްޓައިގެންނެވެ. ނަމަވެސް އަހަރެން އެ އަންހެންމީހާއަށް މާބޮޑު ސަމާލުކަމެއް ނުދެމެވެ.

އަހަރެން ކުރިއަށް ހިނގައިގަތީމެވެ. ޝަހޫދައްތަވެސް އަހަރެންނާ ދިމާއަށް ހިނގައިގަތެވެ. އަހަރެން ކަޅިޖަހާވެސްނުލާ ބަލަހައްޓައިގެން ހުރެގޮސް ޝަހޫދައްތައާ އަރާ ހަމަކުރީމެވެ. ނަމަވެސް އަހަރެން މަޑެއް ނުކުރަމެވެ. ޝަހޫދައްތަ ކައިރިން އަޅާފައި ކުރިއަށް ދިޔައީއެވެ. ޝަހޫދައްތައަށް ހުއްޓުން އެރިކަން އަހަރެންނަށް އެނގުނެވެ. ނަމަވެސް އަހަރެން އަޅައެއް ނުލަމެވެ. ފަހަތް ބަލާވެސްނުލާ ހިނގަމުން ދިޔައީމެވެ.

'ފައުޒީކޮއްކޯ!' ޝަހޫދައްތަ ގޮވާލިއެވެ.

އަހަރެން ކުރިއަށްވުރެ ހިނގުން ބާރުކޮށްލީމެވެ. ޝަހޫދައްތައާއި ވާހަކަ ދައްކަން އަހަރެން ބޭނުމެއް ނުވިއެވެ. އަހަރެން ރަށަށް ދިއުމުން ޝަހޫދައްތަ އަހަރެން މަތިން ހަނދާން ނައްތާލީތީއެވެ.

'އެއީ ކޮންޅާއެއް؟' ބާރު ބާރަށް ހިނގާފައި އައިސް އަހަރެންނާ އަރާ ހަމަކުރުމަށްފަހު ރިލުވާނު އެހިއެވެ. ރިލުވާނަކީ ކުލާހުގައި އަހަރެންނާ ޖެހިގެން އިންނަ ކުއްޖާއެވެ. ސްކޫލަށް ދާންފެށިތާ މިވީ މަދުދުވަސްކޮޅުގެ ތެރޭގައި އަހަންނަށް ލިބުނު ހަމައެކަނި ރަޙުމަތްރެރިޔާއެވެ.

'ކޮބާތަ؟' އަހަރެން ނޭނަގޭ ކަމަށް ހަދާފައި އެހީމެވެ.

'އެތާ ކޭއާ ދިމާއަށް ބަލަހައްޓައިގެން އެހުރީނު ފާޑެއްގެ އަންހެންޅާއެއް.'

'އަހަރެން ފަހަތަށް އެނބުރި ބަލާލީމެވެ. އޭރު ޝަހޫދައްތަ ފެންނާކަށް ނެތެވެ. 'ކޮބާތަ؟' އަހަރެން އަނެއްކާވެސް އޮޅުވާލުމުގެ ގޮތުން ބުނީމެވެ.

ރިލުވާނުވެސް ފަހަތަށް އެނބުރި ބަލާލިއެވެ. 'މިހާރު ނެތް.' އަހަންނަށް ބަލާލަމުން ރިލުވާނު ބުންޏެވެ. 'ނުދެކެން ތަ؟.. މަހީކުރީ އޭޅާ ފެނިގެންކަމަށް ކޭ ތިހައި ބާރަށް ހިނގާފަ ތިދަނީ.'

'ނޫން... މަށެއް ނުދެކެން... މިއަދު އެކަނި ގެއަށްދާން ޖެހޭތީ އެހެންވެ އަވަހަށް ގެއަށް ދާންވެގެން މިދަނީ.' އަހަރެން އެއްގޮތަކަށްވެސް ޝަހޫދައްތަގެ ވާހަކަ ރިލުވާނު ކައިރީ ދައްކާކަށް ބޭނުމެއް ނުވިއެވެ. 'މިއަދު އަދި މަސް ގަންނަންވެސް ދާންޖެހޭނެ.'

'ބައްޔެއްނު... ކޭތަ ތިގެއަށް މަސްވެސް ގަންނަނީ؟' ރިލުވާނުގެ ވާހަކަދެއަކުން ހުންނަގޮތާމެދު އަހަރެން އެހާ ހިތްހަމައެއް ނުޖެހެއެވެ. އެކަމަކު އެކަމަކާ ގުޅޭގޮތުން އަހަރެން އެއްވެސް އެއްޗެކޭ ނުބުނަމެވެ. އެއީ އޭނާގެ އަމިއްލަ ކަމަކަށް ވާތީއެވެ.

'އާނ... ކީއްތަވީ؟' އަހަރެން އެހީމެވެ.

'ތިގޭގަ ނޫޅޭތަ އެހެންމީހަކު؟'

'މަށަކީއޭ ތިބުނާ 'އެހެން މީހާ' އަކީ... ދެން އުޅޭނީ އެފެމެލީގެ މީހުން އެކަނި.' އަހަރެން އޮޅުންފިލުވައިދިނީމެވެ. 'އެހެންނޫނަސް މަހެއް ގަނެލަން ދިއުން މަށަށް އެހައި ބޮޑު ކަމަކަށް ނުވޭ.'

'މޮއްގަނޑުގަތަ ދަނީ؟'

ރިލުވާނު އެ ބުނީ ކީކޭ ކަމެއް އަހަރެންނަކަށް ނޭންގުނެވެ. 'ކީކޭ.' އަހަރެން ރިލުވާނަށް ބަލާލަމުން އަހާލީމެވެ.

ރިލުވާނު ހީނގަތެވެ. 'ކޭ ތީ ކޮން ޒަމާނެއްގެ އެއްޗެއް؟..ތީ ޑައިނަސަރއެއްތަ؟... މޮއްގަނޑުގެ މާނައަކީ ހިނގާފަހޭ!'

އަހަރެން ކުޑަކޮށް ހިތްހަމަ ނުޖެހޭގޮތް ވިއެވެ. ނަމަވެސް އެކަން އޮއްބާލާފައި ޖަވާބުދިނީމެވެ. 'އާނ... ހިނގާފަދަނީ... އެކަމު މޫސަބޭ ގަދަވެ އުޅެންޏާ އޭނައާއެކު ސައިކަލުގަ ދަނީ.'

'މޫސަބޭ ކައިރީ ބުނަންވީނު ބައިކެއް ހޯދަދޭށޭ... ތިގެ ހުންނަނީ މާރުކޭޓާ ވަރަށް ދުރުގައެއްނު.'

'މަށަކަށް ނޭންގޭ ބައިސްކަލު ދުއްވާކަށް.'

ރިލުވާނު އަނެއްކާވެސް ހީނގަތެވެ. 'އަމާ ބަނޑުތޯއްޗެއް!... ކޭ އަށް ބައިކު ދުއްވަންވެސް ނޭންގޭ؟'

އަހަރެން ކައިރިއަށް ހަމަ ރަނގަޅަށްވެސް ރުޅިއަންނަގޮތް ވިއެވެ. އަދި އަނގައިންވެސް ނުބުނެ ހިނގުން ބާރުކޮށްލީމެވެ.

އަހަރެން ހިތްހަމަ ނުޖެހުނުކަން ރިލުވާނަށް އެނގުނެވެ. އޭނާ ވެސް ހިނގުން ބާރުކޮށްލިއެވެ. 'ކޭ ރުޅިއައީތަ؟' އޭނާ ހެވިފައި ހުރެގެން އެހިއެވެ. 'ސޮރީ!'

އަހަރެން ޖަވާބެއް ނުދެމެވެ. އަހަރެން ބޭނުންވީ އަވަހަށް ގެއަށް ދާށެވެ.

'މަ ދަސްކޮށްދީފާނަން ކޭ އަށް ބައިކް ދުއްވަން!' ރިލުވާނު ބުންޏެވެ.

އަހަރެން ހިނގުން މަޑުކޮށްލީމެވެ އަދި ރިލުވާނުގެ މޫނަށް ބަލާލީމެވެ.

'ސީކޮށް.'

'ކިހިނެއް؟' އަހަރެން އެހީމެވެ.

'އަހަރުން ގޭގަ ހުންނާނެ ދެ ބައިކް... މަގޭ ބައިކާ މަ ބޭބެގެ ބައިކް... ބޭބެޅާ މިހާރު އުޅެނީ ސައިކެއްގަ.'

'ދެން ކީއްވެ ހިނގާފަ ސްކޫލަށް އަންނަނީ؟' އަހަރެން އެހީމެވެ.

'އަހަރުންގެ ހުންނަނީ މިތާ ކައިރީ... ޖޭއެސް ކައިރީ.' ރިލުވާނު އޮޅުންފިލުވައިދިނެވެ. 'ބައްޕަގެ ބަލާޔާހެދި ބައިކްގަ ސްކޫލަށް އާދެވޭކަށް ނޯވޭ... މަނާކޮށްފަ އޮންނަނީ.'

'ދެން ކިހިނެއް ދަސްކޮށްދޭ ވާހަކަ ތިބުނީ؟.. ބައްޕަ މަނާކޮށްފަ އޮންނަންޏާ؟'

'ބައިކްގަ ސްކޫލަށް އައުމޭ މަނާކޮށްފަ އޮންނަނީ.، ރިލުވާނު ބުންޏެވެ. 'ފުރައިޑޭ މޯނިންގ ގަ ދާންވީނު!'

'ހުމ.'

'ކޭ އަށް ދެވޭނެތަ އަނެއްކާ؟.. މޫސަބޭ އޯކޭވާނެތަ؟'

'ހީވަނީ އޯކޭވާނެހެން... މޫސަބޭ ވަރަށް ރަނގަޅުވާނެ.'

'އަހަރެމެން ގެކައިރީ އުޅޭ އަންމަޑޭ ވެސް ގޮވައިގެން ދާނީ... އެޅައި ވަރަށް މަޖާވާނެ.' ރިލުވާނު ވަރަށް ފޯރިއާއެކު ބުންޏެވެ. 'ވަރަށް ބަލާވެސް ބޮޑުވާނެ... އެޅާޔާ ޖެހިފަ މަ ނުވާނެ ކެހަކަށްވެސް.'

އަހަރެން ކުޑަކޮށް ޖެހިލުންވާގޮތް ވޮއެވެ. ރިލުވާނަށްވުރެ ކަންތައްގަނޑު ބޮޑު މީހަކު އެނގިދެނިވެ އުޅުމާމެދުއެވެ. ނަމަވެސް ބައިސްކަލު ދުއްވަން ދަސްކުރަން އަހަރެން ބޭނުންވިއެވެ. އަދި އެކަން އެންމެ ފަސޭހައިން ވާން އޮތީ ރިލުވާނުގެ ފަރާތުންނެވެ.

'އެހެންވީމަ އޯކޭ... ކޭ އަށް ދަރުބާރުގެ ފުރަގަހަށް އަންނަން އެނގޭނެ ދޯ؟'

'އާން.' އަހަރެން ބޯޖަހާލަމުން ބުނީމެވެ.

'އޯކޭ... އެހެންވީމަ ސިކްސް ގަ... އަހަރެމެން ތިބޭނަން އެތާ.'

******************


އަހަރެންނަށް ގެއާހަމަޔަށް ދެވުނު އިރު، ޝަޒިޔާ ގޮވައިގެން ސައިކަލުގައި އައިސް އަޙުމަދު ގެކައިރިއަށް މަޑުކޮށްލަނީއެވެ.

'ފައުޒީ...!' ޝާޒިޔާ ވަރަށް ދިގުކޮށް އަހަރެންނަށް ގޮވާލިއެވެ. އަހަރެން ހިނިތުން ވެލީމެވެ. އަދި އަޙުމަދަށް ބަލާލީމެވެ. އަޙުމަދު އިނީ ފާޑަކަށް ހެވިފައެވެ.

'މިގެންގޮސް ދީބަލަ ނާހިދާ އަތަށް.' ސައިކަލުގެ ހުނަގާނުގައި އަޅުވާފައިއިން ކޮތަޅެއް ނަގާ އަހަރެންނަށް ދިއްކޮށްލަމުން އަޙުމަދު ބުންޏެވެ. އަހަރެން ކޮތަޅުގައި ހިފީމެވެ. އޭރު ޝާޒިޔާ ގޭތެރެއަށް ވަދެގެން ހިނގައްޖެއެވެ. 'ފްރައިޑޭ ފަތިހު މަސްބާނަން ދާން މިއުޅެނީ ތޮށިގަނޑު މައްޗަށް... އީއްކޮ ގޮވައިގެން... ދާނަންތަ؟' ސައިކަލު އަނބުރާލަމުން އަޙުމަދު ބުންޏެވެ.

އީމާން އަކީ އަޙުމަދުގެ ހަތަރު އަހަރަށްދާ ދަރިފުޅެވެ. ލޯބިން އީއްކޮ ކިޔަނީއެވެ.

އަހަރެންނަށް ޖަވާބެއްދޭން އުނދަގޫވިއެވެ. ބައިސްކަލު ދުއްވަންދާން އޮތީވެސް ހުކުރު ދުވަހު ހެނދުނު ކަމަށް ވީމައެވެ.

'ކިހިނެއްވީ؟' އަޙުމަދު އެހިއެވެ.

'މަ ރައްޓެހި ކުއްޖަކާއެކު ފްރައިޑޭގަ ބައިސްކަލު ދުއްވަން ދަސްކުރަން ދާން މިއުޅެނީ.' އަހަރެން ޖަވާބު ދިނީމެވެ.

'އެހެންތަ؟.. ބައިސްކަލު ދުއްވާކަށް ނޭންގޭތަ؟'

އަހަރެން އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލީމެވެ.

'އޯކޭ... އެހެން ފަހަރަކުން ދޯ؟.. ދަސްވީމަ އަންގާލައްޗޭ!' އަޙުމަދު ބުންޏެވެ. 'މަ ކޭއަށް ބައިކެއް ގެންދޭނަން... އެކަމު އޭރުން އީއްކޮ ސްކޫލަށް ގެންގޮސް ގެނެސް ހަދައިދެން ވާނެ!'

އަހަރެން ހިނިތުންވެލުމަށްފަހު ބޯޖަހާލީމެވެ. ބައިސްކަލެއް ގަނެދޭ ވާހަކަ ބުނުމުން އަހަރެން ވަރަށް އުފާވިއެވެ. އެކަމަކު އެކަން ހާމައެއް ނުކުރަމެވެ.

'އަޙުމަދު ސައިކަލު ދުއްވާލުމުން އަހަރެން ގޭގެ ދޮރާށި ހުޅުވާލީމެވެ. އަދި ގޭތެރެއަށް ވަނުމުގެ ކުރިން ގެހުނަން ގޯޅީގެ އަނެއްކޮޅަށް ބަލާލެވުނެވެ. ގޯޅިގެ ނިމޭހިސާބުގައި ގެއެއްގެ މަގުމަތީ ފާރުގައި ލެނގިލައިގެން ޝަހޫދައްތަ ހުއްޓެވެ. އަހަރެންނަށް ހައިރާން ކަމެއް ލިބުނެވެ. ޝަހޫދައްތަ އަހަރެންގެ ފަހަތުން ހިނގާފައި އައީހެއްޔެވެ؟

'ފައުޒީ!' އެވަގުތު ޝާޒިޔާ ގޮވާލިއަޑު އިވުނެވެ.

'އޯތް!' އަހަރެން އަވަސް އަވަހަށް ގޭތެރެއަށް ވަނީމެވެ. އަދި މަޑުމަޑުން ދޮރާށި ލައްޕާލީމެވެ. ޝަހޫދައްތައާ ގުޅޭގޮތުން އެއްވެސް މީހަކު އަހަރެންނާ ސުވާލެއް ކުރާކަށް އަހަރެން ބޭނުމެއް ނުވެއެވެ.

'ބައްޕަ އެބަ ގޮވާލައްވާ!'

'މިދަނީ!'

އަހަރެން ގޭތެރެއަށް ވަންއިރު ސިޓިންގރޫމްގައި މޫސަބޭ އިނެވެ. އީއްކޮއަށް ކާންދެން ކާމޭޒިކައިރީ ނާހިދާ އިނެވެ. ކާމޭޒުމަތީގައި ކާން ތައްޔާރުކޮށްފައި ހުއްޓެވެ. އަޙުމަދު ދިން ކޮތަޅު އަހަރެން ނާހިދާ އަތަށް ދިނީމެވެ.

'ކޮބާ އަޙުމަދު؟' ނާހިދާ އެހިއެވެ.

'ހިނގައްޖެ.' އަހަރެން ބުނީމެވެ.

'އެކަނި ގެއަށް އަންނަން އެނގުނު ދޯ؟' މޫސަބޭ އެހިއެވެ.

'ލައްބަ!' އަހަރެން ޖަވާބު ދިނީމެވެ.

'އަވަހަށް ޔުނީފޯރމް ބަދަލުކޮށްގެން ކާން އާދޭ!' މޫސަބޭ ބުންޏެވެ. 'ފައުޒީ ނައިސްގެން މޫސަބޭވެސް ނުކައި އަދި މި އިނީ.'

އަހަރެންނަށް ބުނަންވެސް ނޭންގޭފަދަ ހިތަހަމަ ޖެހުމެއް އެވަގުތު ލިބުނެވެ. މޫސަބޭ އަހަރެން އަންނަންދެން ނުކައި މަޑުކުރީތީއެވެ.

'އަލުގަނޑުވެސް ނުކަމޭ އަދި.' ތުއި ރާގެއްގައި ޝަޒިޔާ ބުންޏެވެ. އޭނާނަށް ޅަވިޔަނި ނުކިޔެނީ ކަމެއް ނޫނީ ތުއިވާނަވެގެން ނުކިޔަނީ ކަމެއް އަހަރެންނަކަށް ޔަޤީނެއް ނޫނެވެ.

ނާހިދާ ފޫހި ގޮތަކަށް ޝާޒިޔާއަށް ބަލާލިއެވެ.

'ދަރިފުޅުވެސް ދޭ ޔުނީފޯރމް ބަދަލު ކުރަން.' މޫސަބޭ ބުންޏެވެ.

އަހަރެން ކޮޓަރިއަށްވަދެ، މޭޒުމަތީ ފޮތްދަބަސް ބެހެއްޓީމެވެ. އެއީ ވަރަށް ކުޑަ ކޮޓަރިއެކެވެ. ހަތަރެސްކަން އެއްވަރު، އެ ކޮޓަރީގެ ފުޅާމިނުގައި ހުންނަނީ ކިރިޔާ އެނދެއް ބެހެއޓޭހައި ޖާގައެވެ. އެކަމަކު އަހަރެން އެކަނި އުޅެން އެ ކޮޓަރި ފުދި އިތުރުވެއެވެ.

އެދުވަހު އަހަރެންނަށް ޝަހޫދައްތައާއި މެދު ވަރަށް ވިސްނުނެވެ. އެރޭ މެންދަމުން އަލިވިއިރުވެސް އަހަރެންނަށް ނިދޭގޮތެއް ނުވިއެވެ. ޝަހޫދައްތަ އަހަރެންގެ ފަހަތުން ގެއާހަމަޔަށް އައިސްފައިވެސް ދުރުގައި ބަލަހައްޓައިގެން ހުރީ ކީއްވެބާއެވެ؟ އަހަރެން ވާހަކަ ދައްކަން ބޭނުން ނުވާކަން ޝަހޫދައްތައަށް ވިސްނުނީ ކަންނޭންގެއެވެ. އަހަރެން މާލެ އައިކަން ޝަހޫދައްތައަށް އެނގުނީ ކިހިނެއްބާއެވެ؟ އަހަރެން ކިޔަވާ ސްކޫލަށް ދަންދެން ޝަހޫދައްތަ އޮޅުންފިލުވީ ކިހިނެއް ހެއްޔެވެ؟

ޚިޔާލުތަކުގެ ދުނިޔެއަށް ގެއްލިފައި އޮއްވާ އެންމެފަހުން އަހަންނަށް ނިދުނީ ފަތިސްވާން އުޅެނިކޮށެވެ. އެރޭ، ދުވަސްތަކަކަށްފަހު، އަނެއްކާވެސް އެ ބިރުވެރި ހުވަފެން އަހަރެންނަށް ފެނުނެވެ.

-ނުނިމޭ-


Sunday, December 9, 2007

Mamma Dharifulhu Naa Na Naa 12

އަހަރެން މާލެ އައިއިރު ސްކޫލްތަކުގެ ބޮޑުބަންދު ޗުއްޓީ ފެށުނީއެވެ. ރަށު ސްކޫލުގެ ގްރޭޑް ހަތެއް ނިންމާފައި މާލެ އައުމުގެ ސަބަބުން، ވަރަށް ފަސޭހަކަމާއެކު އެމް.އީ.އެސްގެ ގްރޭޑް އަށަކުން އަހަރެންނަށް ޖާގަ ލިބުނެވެ. ސްކޫލަށް ވެއްދުމުގެ ހުރިހައި ޒިންމާއެއް އުފުލުމަށްފަހު، މޫސަބޭ އަހަރެންނަށް ބާޒާރު ކުރާށާއި މާރުކޭޓަށްގޮސް މަސް ގަންނަން ދަސްކޮށްދިނެވެ. ކުރިން މާލޭގައި އުޅުނު ނަމަވެސް އަހަރެންނަށް މާލޭގައި ތަންތަނަށް ގޮސް ހަދާކަށް ނޭންގެއެވެ.

މޫސަބޭގެ ހަތަރު ދަރީންނާއި އަންބަކު ހުރެއެވެ. އެ ހަތަރު ދަރީން ތެރެއިން ދޮއްޓަށް ތިބޭ ދެ އަންހެން ދަރީންނާއި ފިރިހެން ދަރިފުޅު އުޅެނީ މީހުނާ އިނދެގެނެވެ. ހަގަށް ހުންނަ އަންހެން ކުއްޖާ ފެށޭއަހަރު ބަދަލުވާނީ އަމީނިއްޔާގެ ގްރޭޑް ނުވައަކަށެވެ. އެއީ ޝަޒިޔާއެވެ. ހަތަރު ދަރީންތެރެއިން މޫސަބޭ އެންމެ ލޯބިވާ ދަރިފުޅެވެ. އެއާއިލާގެ އެންމެންވެސް ޝާޒިޔާދެކެ ވަރަށް ލޯބިވެއެވެ. އެމީހުން ވާ ލޯބީގެ ހެކި ޝާޒިޔާގެ ގައިގާ ޖަހާފައިވާ ލޮކި މަސްތަކުން ހާމަވާހައިވެއެވެ.

އަހަރެން އެގެއަށް ދިޔަ ދުވަހުން ފެށިގެން ޝާޒިޔާ އަހަރެންނަށް ވަރަށް ބަލާކަން ފާހަގަ ކުރެވުނެވެ. އޭއްޗެކޭމީއްޗެކޭ ކިޔައިގެން އަހަރެންނާ ވާހަކަ ދައްކަން މަސައްކަތް ކުރެއެވެ. އުމުރުން ސާދަ އަހަރު ފުރިފައި ވުމާއެކު އަހަރެންނަށްވެސް މިވަނީ ކީއްކަން އެނގޭހައި ވިއެވެ. އެކަމަކު އަހަރެން ޝާޒިޔާއާއި އެއްގޮތަކަށްވެސް ގަޔާއެއް ނުވެއެވެ. ވެއްޓިއްޖެއްޔާ ނަގާބަހައްޓާނެ ކޮޅެއްވެސް ނޭންގޭހައި ފަލަވީމައެވެ. ތަށިބަރިއެއްހެން ގައިގެ ވަށައިގެން މަސްޖަހާފައި ހުންނައިރުވެސް ގަޔަށްބާރު ހެދުން ލާފައި ހުންނާތީއެވެ. އުމުރަށްވުރެ ޅަވެގެން، ތުއިވެ ތުއިވެފައި ވާހަކަ ދައްކާތީއެވެ. ތުއްތު ކުއްޖެއްހެން މޫސަބޭގެ އުނގަށް އެރި އުޅޭތީއެވެ. އެހެން އުޅެނިކޮށް މޫސަބޭގެ ސަރަންފީ ގޮނޑި ބިންދައިގެން ދެމީހުން ސިޓިންގރޫމް ތެރެއަށް ވެއްޓުނު ދުވަހު އަހަރެން ކައިރިއަށް ނުލަފާ ހިންޏެއް އައެވެ. އެކަމަކު ހިނިގަނޑު އޮއްބާލާފައި ގޮސް ދެމީހުން ނެގޭތޯ ބެލީމެވެ. އެކަމަކު އަހަރެންނަކަށް ޝާޒިޔާއެއް ނުނެގުނެވެ. އޭނާ ނެގުނީ މޫސަބޭގެ އެންމެ ދޮށީ އަންހެން ދަރިފުޅު ނާހިދާގެ ފިރިމީހާ، އަހުމްދުގެ އެހީއާއިވެސް އެކުގައެވެ.

އަހަރެން މޫސަބޭއާއިއެކު ފަސްވަގުތު ނަމާދަށް ދަމެވެ. މިސްކިތަށްދާން ނުކުންނަ ކޮންމެ ފަހަރަކު އަހަރެން ދޮންބެ މަތިން ހަނދާންވެއެވެ. މިސްކިތުން ދޮންބެއާއި ދިމާވާނެ ނަމައޭ ހިތަށް އަރައެވެ. އެކަމަކު ގަލޮޅުގައި ހުންނަ މިސްކިތަކަށް ދޮންބެ ނަމާދަށް ނާންނާނެކަން އަހަރެންނަށް އެނގެއެވެ.

އެއްދުވަހަކު މޫސަބޭއާއިއެކު މާރުކޭޓަށް މަސް ގަންނަށް ގޮސް އުޅެނިކޮށް އަހަރެންނަށް މާރުކޭޓުތެރެއިން ބައްޕަ ފެނުނެވެ. މީހަކު އަހަރެންނާ ދިމާއަށް ބަލާހެން ހީވެގެން އަހަރެން ބަލާލިއިރު އަހަރެންގެ ކުރިމަތިން ދިހަވަރަކަށް ފޫޓު ދުރުގައި ބައްޕަ ހުއްޓެވެ. އެކަމަކު ބައްޕަ ހުރީ އަހަރެންނަށް ބަލަހައްޓައިގެނެއް ނޫނެވެ. އަހަރެން ބައްޕައާއި ދިމާއަށް ވަރަށް ބެލީމެވެ. ނަމަވެސް ބައްޕައަކަށް އަހަރެން ފެނުނުހެނެއް ހިއެއް ނުވެއެވެ. އަހަރެމެން މަސްގަނެގެން މާރުކޭޓުން ނުކުތްއިރުވެސް ބައްޕަ މާރުކޭޓް ތެރޭގައި ހުއްޓެވެ. މޫސަބޭގެ ސައިކަލު ފަހަތަށް އެރުމަށްފަހުވެސް އަހަރެން މާރުކޭޓް ތެރެއިން ބައްޕަ ފެނޭތޯ ބަލާލީމެވެ.

އެރޭ އަހަރެންގެ މާޒީގެ މަތިން ވަރަށް ހަނދާންވިއެވެ. އެންމެ ބޮޑަށް ހަނދާންވީ ޝަހޫދައްތަގެ މަތިންނެވެ. ޝަހޫދައްތަ ކޮބައިބާއެވެ؟ ރަށުގައި އަހަރެން ހޭދަކުރި ދެއަހަރު ދުވަހުގެތެރޭ ޝަހޫދައްތަ އެންމެ ފަހަރަކުވެސް އަހަރެންނަށް ގުޅާނުލީ ކީއްވެބާއެވެ؟ ޝަހޫދައްތަ އަހަރެންމަތިން ހަނދާން ނައްތާލީ ހެއްޔެވެ؟

*******************

އާއަހަރުފެށި، ސަކޫލްތަކުގެ ކިޔެވުން ފެށިއްޖެއެވެ. އެކަމަކު އަހަރެންނަށް ސްކޫލަށްދާން ފެށޭވެރުވީ ދެހަފުތާވީ ފަހުންނެވެ. ފާނަބަސަންދު ޖެހިގެން ގޭގައި މަޑުކުރަން ޖެހުނީއެވެ. އަހަރެން ބަލިވުމުން މޫސަބޭއާއި މޫސަބޭގެ އަންހެނުން އުފަން ދަރިއެއް ފަދައިން އަހަރެންނަށް އަޅާލިއެވެ. އަހަރެންނަށް އެކަނި ސްކޫލަށް އައިސް ގޮސް ހަދަން ދަސްކޮށް ދިނުމަށްޓަކައި މޫސްބޭ ހަފުތާއެއް ވަންދެން އަހަރެން ގޮވައިގެން ސްކޫލު ދޮށަށް ހިނގިއެވެ. ފުރަތަމަ ކްލާހަށް ދިޔައިރު އަހަރެން ހުރީ ކޮންމެވެސް ވަރަކަށް ބިރުގެންފައެވެ. ކުލާސް ދޮރުމައްޗަށް އެރުމާއެކު އަހަރެންގެ ހިތް ބާރުބާރަށް ތެޅެންފެށިއެވެ. ކުލާހުގެ ހުރިހައި ކުދިން ތިބީ އަހަރެންނާ ދިމާއަށް ބަލަހައްޓައިގެނެވެ. އޭގެތެރޭގައި ދަންނަ އެންމެ މޫނެއްވެސް ނެތެވެ. ބޯޑުގައި އެއްޗެއް ލިޔަން ޓީޗަރު ހުއްޓެވެ.

'ސަރ! އާކުއްޖެއް!' އަހަރެން އައިސް ދޮރުމައްޗަށް ހުއްޓުމުން ކުއްޖަކު ބުނިއަޑު އިވުނެވެ.

ޓީޗަރު އަހަންނަށް ބަލާލިއެވެ. 'އާދޭ!' އަހަރެންނަށް އަތުން އިޝާރާތް ކޮށްލަމުން ޓީޗަރު ބުންޏެވެ.

އަހަރެން މަޑުމަޑުން ކުލާސްތެރެއަށް ވަނީމެވެ.

'އިށީންދޭ!' އެންމެ ކުރީބަރީގައި ހުސްކޮށްހުރި ގޮނޑިއަކަށް އިޝާރާތްކޮށްލަމުން ޓީޗަރު ބުންޏެވެ.

އަހަރެން ޑެސްކް މަތީ ދަބަސް ބޭއްވުމަށްފަހު ގޮނޑީގައި އިށީންނީމެވެ.

'ޓައިމްޓޭބަލާ ހުރިހައި އެއްޗެއް ހަމަޔަށް އެބަހުރިތަ؟' ޓީޗަރ އަހާލިއެވެ.

'ލައްބަ!'

އިރުކޮޅެއް ވަންދެން އަހަރެންގެ މޫނަށް ބަލަހައްޓައިގެން ޓީޗަރު ހުއްޓެވެ. އެއަށްފަހު ކުލާހުގެ ހުރިހައި ކުދިންނާ ވާހަކަ ދައްކަން ފެށިއެވެ. 'މިއަދު ކުލާހަށް އިތުރު ކުއްޖަކު އައީމަ ސަރ ބޭނުން ހުރިހައި ކުދިން އަލުން ތަޢާރަފް ވެލަން. ކޮބާ މިކޮޅުން ފަށާ!' ކުލާހުގެ އެންމެ ކުރިން ކަނާތްފަރާތު ކަނުގައި އިން ކުއްޖާއަށް އިޝާރާތް ކޮށްލަމުން ސަރ ބުންޏެވެ.

ފަހަރަކު ކުއްޖަކު ތަޢާރަފުވާން ފެށިއެވެ. އެކަމަކު އަހަރެން އެއިން އެއްވެސް ކުއްޖެއްގެ ނަމެއް ހަނދާނެއް ނުހުންނާނެކަން ގައިމެވެ.

އެންމެން ތަޢާރަފުވަމުން އައިސް އަހަރެންނާ ހަމަވުމުން އަހަރެން ކޮޅަށް ތެދުވީމެވެ. އަދި ނަން ބުނެލީމެވެ.

'ކޮން ރަށެއް؟' ނަން ބުނުމަށްފަހު އިށީންނަން އުޅެނިކޮށް ސަރ އެހިއެވެ.

އަހަރެންނަކަށް ދޭނެ ޖަވާބެއް ނޭންގުނެވެ. ސަރއަށް ބަލަހައްޓައިގެން ހުރެވުނީއެވެ.

'މަންމަ ކޮންރަށެއް؟' އަހަރެންނަށް ޖަވާބުދޭން އުނދަގޫވި ސަބަބު ސަރއަށް ވިސްނުނު ކަހަލައެވެ.

'މާލެ.' އަހަރެން ޖަވާބު ދިނީމެވެ.

'ބައްޕަ؟'

'އަލިފު ރަސްދޫ.'

'އެހެންވީއިރު ފައުޒީ ކޮން ރަށެއް؟'

އަހަރެންނަށް ޔަޤީންކޮށް ބުނާކަށް ނޭންގުނެވެ. އުފަންދުވަހުގެ ސެޓްފިކެޓް ބަލާލާފަ އާދެވުނު ނަމައޭ ހިތަށް އެރިއެވެ.

'އައި.ޑީ ކާރޑްގަ އިންނަނީ ކޮން ރަށެއް؟'

'އަޅުގަނޑުގެ އައި.ޑީ ކާރޑެއް ނޯވޭ.' އަހަރެން ތުރުތުރު އަޅާ އަޑަކުން ބުނީމެވެ.

ކުލާސްތެރެއިން ކުއްޖަކު ހީނލިއަޑު އިވުނެވެ. ސަރ އެކުއްޖާއާއި ދިމާއަށް ހަރުކަށި ގޮތަކަށް ބަލާލިއެވެ.

'އެންމެ ރަނގަޅު... އިށީންދޭ.' އަހަންނަށް ބަލާލުމަށްފަހު ސަރ ބުނެލިއެވެ.

ކުލާހުގެ ހުރިހައިކުދިން ތަޢާރަފްވެ ނިމުމުން ސަރ ތަޢާރަފު ވެލިއެވެ.

'ސަރ އަށް ކިޔަނީ ޝަފީގު! ސަރ ކިޔަވައިދެނީ ދިވެހި.' އަދި އެއަށްފަހު ބޯޑާ ދިމާއަށް އެނބުރިލިއެވެ.

'އޭ ނިއުބޯއި!' އަހަރެންގެ ފުރަގަހުގަ އިން ކުއްޖާ މަޑުމަޑުން ގޮވާލުމުން އަހަރެން އެނބުރިލީމެވެ.

'އޭ ކާކު!' ސަރ ބުނިއަޑު އިވުމުން އަހަރެން އަވަސް އަވަހަށް އެނބުރިލީމެވެ. 'ކާކު ނިއުބޯއި އޭ ބުނީ!'

އެކަކުވެސް އަނގަޔަކުން ނުބުންޏެވެ.

'އޭނަޔަށް ކިޔަނީ ފައުޒީ! އެކަކުވެސް ނިއުބޯއި ކިޔައިގެން ނުވާނެ!'

'ލައްބަ ސަރ' ހުރިހައި ކުދިން އެއްފަހަރާ ބުންޏެވެ.

އެކަމަކު ދެހަފުތާއެއްހައި ދުވަސް ވަންދެން އަހަރެންނަށް 'ނިއުބޯއީ'ގެ ލަގަބު ލިބުނެވެ.

'ފައުޒީ!' އެދުވަހު ކްލާސްތައް ނިމިގެން އަހަރެން ސްކޫލުން ނުކުންނަން ދަނިކޮށް ޝަފީގު ސަރ ގޮވާލިއަޑު އިވުމުން އަހަރެން ބަލާލީމެވެ. 'އެކަނިތަ ގެއަށް ދަނީ؟'

'ނޫން! ބޭބެއާއި އެކު.' އަހަރެން ބުނީމެވެ.

'ސަރ ބޭނުން ފައުޒީގެ ބޭބެއާއި ބައްދަލުކޮށްލަން.'

އަހަރެމެން ސްކޫލުން ނުކުތްއިރު ދޮރު ކައިރީ މޫސަބޭ ހުއްޓެވެ. އަހަރެން ސަރ މޫސަބޭއާއި ބައްދަލުކޮށް ދިނީމެވެ. ޝަފީގުސަރ މޫސަބޭކައިރީ ދެއްކީ އަހަރެންގެ އައި.ޑީ ކާރޑްގެ ވާހަކައެވެ. އަދި އަހަރެން ރަޖިސްޓްރީ ކޮށްފައިވަނީ ކޮން ރަށެއްގައިތޯ އެހިއެވެ.

'މާލޭގަ.' މޫސަބޭ ބުންޏެވެ.

އަމިއްލަ ރަށަކީ ކޮބައިކަން އެނގުމުން އަހަރެން ހަމަޖެހުމުގެ ނޭވާއެއް ލީމެވެ.

އެންމެ ފުރަތަމަ އެކަނިން ސްކޫލަށް ދިޔަދުވަހު އަހަރެން ވަރަށް އުފާވިއެވެ. އެހެން މީހުންގެ މައްޗަށް ބަރޯސާނުވެ އުޅުމަކީ އަހަރެން އެންމެ އެދޭ ގޮތެވެ. ނަމަވެސް އެ ހިތްހަމަޖެހުން ދެމިއޮތީ އެދުވަހުގެ ކިޔެވުން ނިމެންދެނެވެ. އަހަރެން ސްކޫލުން ނުކުތްއިރު ސްކޫލާއި ތަންކޮޅެއް ދުރުން ގެއެއްގެ މަގުމަތީ ފާރުގައި ލެނގިލައިގެން ޝަހޫދައްތަ ހުއްޓެވެ.

-ނުނިމޭ-


Monday, December 3, 2007

Mamma Dharifulhu Naa Na Naa 11

ދޯނީގައި ހުރެގެން އެކި މީސްމީހުންގެ މޫނަށް ވަކިވަކީން ބަލަމުން އަހަރެން ގެންދިޔައީމެވެ. އަހަރެންނަށް އަލްވަދާއު ކިއުމަށްޓަކައި ތިމާގެ މީހުންގެ އިތުރުން އަހަރެންގެ ހުރިހައި ރައްޓެހިން އަތިރިމައްޗަށް އައިސް ތިއްބެވެ. އަހަރެން ރަށަށް އައި ދުވަސް މަތިން އަހަރެން ހަނދާން ވިއެވެ. އެދުވަހު އަހަރެންނަށް އިހުސާސް ކުރެވުނީ ބީރައްޓެހި ކަމެވެ. އެދުވަހު ރަށަށް އަރައިގެން މާމައާއި އެކު ހިނގާފައި ދިޔައިރު ގޭގޭގެ ފާރުމަތިން ބޯދިއްކޮށްގެނާއި ޖޯލިފަތި ތަކުގައި ތިބެގެން މީހުން އަހަރެންނާ ދިމާއަށް ބަލަމުން ދިޔަގޮތް އަހަރެން އިއްޔެ ވީ ކަމެއްހެން ހަނދާން އެބަ ހުއްޓެވެ.

'އެއީތަ އެކުއްޖާ؟' އަހަރެން ރަށަށް ފޭބިއިރު އަތިރިމަތީ ހުރި ޖޯލިފައްޗެއްގައި އޮތް މެދުއުމުރުގެ އަންހެނަކު އެ ޖޯލިފަތީގައި އޮތް އެހެން މީހެއް ކައިރީ ބުނިއަޑު އިވުނެވެ.

'އާނ... ބަލާލާފަވެސް އެނގެއެއްނު!' އެމީހާ ޖަވާބު ދިނެވެ.

'އާނ... ވަރައް ވައްތަރުދޯ... ވަކިކުރަންވެސް ނޭންގޭ!'

އަހަރެން މާމައަށް ބަލާލީމެވެ. މާމަގެ މޫނުމަތީގައިވި އަސަރުތައް ދެނެގަންނާކަށް އަހަރެންނަކަށް ނޭންގުނެވެ. އެމީހުން ދެއްކި ވާހަކައަށް އަޅާވެސްނުލާ މާމަ އަހަރެންގެ އަތުގައި ހިފައިގެން ހިނގައިގަތެވެ. ފަޚުރުވެރިކަމާކެކު އިސް އުފުލައިގެން ހުރެއެވެ.

އަތިރިމަތީގައި ތިބެގެން އަހަރެންނަށް ޓާޓާ ކިޔަމުން ދިޔަ ރައްޓެހީންނަށް އަހަރެންވެސް އަތް ހޫރާލީމެވެ. ހުރިހައި ރައްޓެހީންނާ ވަކިވާން ޖެހޭތީ އަހަރެން ވަރަށް ދެރަވިއެވެ. އެރައްޓެހީން ނުލިބުނުނަމަ އަހަރެން ރަށުގައި ހޭދަކުރި ދުވަސްތައް ވަރަށް އެކަނިވެރި ވީހެވެ. ނަޒީދައްތަ ރަށަށް އަންނާނެ ދުވަހަކަށް އިންތިޒާރު ކޮށްކޮށް އަހަރެން މޮޔަވީހެވެ. އެކަމަކު ސްކޫލަށް ވަނުމުން ރަޙުމަތްތެރީން ލިބި، އަހަރެންގެ އެކަނިވެރިކަން ފިލައިގެން ދިޔައެވެ. އެކަމަކުވެސް ނަޒީދައްތަ ރަށަށް އަންނާނެ ދުވަހަކަށް އަހަރެން އިންތިޒާރު ކުރީމެވެ. އެއިންތިޒާރަށް ނިމުމެއް މިއައީ ނަޒީދައްތަ ލޮލަށް ނުފެނިއެވެ. މިއަދު އަހަރެން މިވަނީ ރަށް ދޫކޮށް ދާންޖެހިފައެވެ.

'ފައުޒީ!' ރަށު އޮފީހުގެ ސެކެޓްރީ ގޮވާލި އަޑު އިވުމުން އަހަރެން އޭނާއަށް ބަލާލީމެވެ. މާމަ ދުނިޔޭގައި ހުރިއިރު ކޮންމެ ދުވަހަކުވެސް މާމަގެ ޙާލު ބަލާލަން އޭނާ އާދެއެވެ. އެއީ މާމަގެ ކޮންމެވެސް ވަރެއްގެ ތިމާގެ މީހެކެވެ. މާމަ ނިޔާވުމުން އަހަރެން އުޅުނީ އެގޭއައެވެ. އަހަރެންގެ އެހެން ތިމާގެ މީހުންވެސް ތިބެއެވެ. އެކަމަކު އެމީހުން އަހަރެން ގެންދާކަށް ބޭނުމެއް ނުވިއެވެ.

ސެކެޓާރީ އާއި އެންމެ ފުރަތަމަ ދިމާވީ އަހަރެން ރަށަށް އައި ދުވަހުއެވެ. 'ފައުޒީގެ ބައްޕަ މިއަދު އެކެއް ޖަހާއިރު ގުޅާނެ.' އޭނާއައީ ބައްޕަ އަހަރެންނަށް ގުޅާނެ ވާހަކަ ބުނާށެވެ. އަހަރެން މާމައާއިއެކު އެކެއްޖެހި އިރު އޮފީހަށް ދިޔައީމެވެ. އަދި ބައްޕަގެ ފޯނުކޯލު އައުމުން އަހަރެން ވަރަށް ރުއިމެވެ. ބައްޕަ އަހަރެންނަށް ވަރަށް ނަޞޭޙަތް ދިނެވެ. ނުރޯށޭ ބުނެ ހިތްވަރު ދިނެވެ. އަދި ބައްޕަ އަހަރެންގެ ޙާލު ބަލާނެ ކަމުގައި ބުންޏެވެ. މަންމަވެސް އަހަރެންނާ ވާހަކަ ދެއްކިއެވެ. ނަމަވެސް ދޯނިމަތީ ހޮޑު ލެވުނުތޯ އަހާލުމަށްފަހު ބައްޕަގެ އަތަށް ފޯނު ދިނީއެވެ.

އެހަފުތާގައި ދެފަހަރު ބައްޕަ އަހަންނަށް ގުޅިއެވެ. އެއަށްފަހު ނުގުޅާތާ ހަފުތާއެއް ވެފައި ބައްޕަ އަނެއްކާވެސް ގުޅިއެވެ. ދެން ގުޅީ އެއްމަސް ދުވަސް ފަހުންނެވެ. ގުޅާ ކޮންމެ ފަހަރަކުވެސް މަންމަ އަހަރެންގެ ޙާލު އަހާ ކަމަށާއި ސަލާމް ބުނާކަމުގައި ބައްޕަ ބުނެއެވެ. އެކަމަކު މަންމަ އެންމެ ފަހަރަކުވެސް އަހަރެންނަކަށް ނުގުޅައެވެ.

ބައްޕަގެ ކޯލުތައްވެސް މަދުވަމުން ގޮސް، އަހަރެއް ނުވަނީސް ގުޅުން އެއްކޮށް ހުއްޓާލިއެވެ. ބައްޕަ ގުޅާނެ ދުވަހަކަށް އަހަރެންނަށް އިންތިޒާރު ކުރެވުނެވެ. ސެކެޓްރީ އަހަރެމެން ގެއަށް އަންނަ ކޮންމެ ފަހަރަކު ބައްޕަ ނުގުޅާތޯ އަހާލެވެއެވެ. އެއިން ކޮންމެ ފަހަރަކު ސެކެޓްރީގެ ލޮލުން ހަމްދަރުދީގެ އަސަރު އަހަރެންނަށް ފާޅުވެއެވެ. ބައެއްފަހަރު ބައްޕަ ގުޅި ކަމުގައި ބުނެއެވެ. އެކަމަކު އެއީ އަހަރެން ދެރަނުކުރަންވެގެން ބުނާ އެއްޗެއްކަން އަހަންނަށް އެނގެއެވެ.

މާމަ ނިޔާވީ އަހަރެން ރަށަށް އައިތާ އަހަރަކާއި ދެމަސްވާން އުޅެނިކޮށެވެ. މާމަ ނިޔާވުމުން އެޚަބަރުދޭން ސެކެޓްރީ މާލެއަށް ގުޅިއެވެ. ނަމަވެސް ދެކެވުނު ވާހަކައެއް އަހަރެންނަކަށް ނޭންގެއެވެ.

'މިއަދަށްފަހު ފައުޒީގެ އާއިލާގަ އަހަރެން ނޫން އެހެން މީހަކު ނެތްކަމަށް ހީކޮށްލާ!' ސެކެޓްރީ އަހަރެން ކައިރީ ބުންޏެވެ. ވެގެން އުޅޭގޮތް ކޮންމެވެސް ވަރަކަށް އަހަރެންނަށް ވިސްނުނެވެ. އަހަރެންގެ ހިތަށް ވަރަށް އަސަރުކުރިއެވެ. އެއްވެސް މީހަކަށް އަހަރެންނަކީ މުޙިއްމު މީހަކަށް ނުވަނީއެވެ. އެންމެން އަހަރެންދެކެ އެހާ ރުޅިއަންނަނީ ކީއްވެކަން އަހަންނަށް ހަމަ ވިސްނާ ވިސްނާވެސް ނޭންގުނެވެ.

މޫސަބޭ އަހަރެންގެ ބޮލުގައި ފިރުމާލުމުން އަހަރެން މޫސަބެއަށް ބަލާލީމެވެ. އަދި ލޮލުގައި ހުރި ކަރުނަތައް ފުހެލުމަށްފަހު، އަހަރެންނަށް އަލްވަދާއު ކިޔަން އައިސް ތިބި މީހުންނަށް އަދިވެސް އެއްފަހަރު ހަނާ އަޅާލީމެވެ.

އަހަރެންނަށް މޫސަބޭއާއި ދިމާވީ ރަށުގެ މިސްކިތުންނެވެ. ރަށުގެ ކުޑަ މިސްކިތަށް އަންނަ މަދު މީހުންކޮޅުގެ ތެރެއިން ފަންސާހަކަށް އަހަރުގެ އާމޫނެއް ފެންނަން ފެށުމުން އެއީ ރަށު މީހެއް ނޫންކަން އަހަންނަށް އެނގުނެވެ.

'ކޮއްކޯ...' އެއްދުވަހަކު އަހަރެން ނަމާދުކޮށް ނިމިގެން މިސްކިތުން ފޭބިތަނާ މޫސަބޭ އަހަރެންނަށް ގޮވާލިއެވެ.

އަހަރެން މޫސަބޭއަށް ބަލާލީމެވެ.

'ކޮއްކޮއަށް ކޮންނަމެއް ކިޔަނީ؟' އޭނާ އެހިއެވެ.

އަހަރެން ނަން ބުނީމެވެ.

'ތީ ކޮންގެޔަކު ކުއްޖެއް؟' މޫސަބޭ އެހިއެވެ.

އަހަރެން ގޭގެ ނަން ބުނީމެވެ. އަދި މޫސަބޭގެ އެދުމުގެ މަތިން އަހަރެމެން ގެއަށް މޫސަބޭ ގެންދިޔައިމެވެ. އަހަރެން ފަސްވަގުތު މިސްކިތަށް ނަމާދަށް ދާތީ އެކަމާ ގުޅިގެން ސެކެޓްރީ ކައިރީ މޫސަބޭ އަހަރެންނަށް ވަރަށް ތަޢުރީފު ކުރިއެވެ. ސެކެޓްރީ އަހަރެންގެ ވާހަކަ މޫސަބޭއަށް ވަރަށް ތަފްސީލުކޮށް ކިޔައިދިނެވެ. އަހަރެން މާލެ ގެންގޮސްގެން ކިޔަވައިދޭން މޫސަބޭ ބޭނުން ވިއެވެ. މޫސަބޭ އަކީ މާލޭ މީހެކެވެ. އޭނާ ރަށަށް އައިސް އުޅުނީ ރަށުގައި އުޅޭ އޭނާގެ ރައްޓެއްސަކާ އެކުއެވެ.

ސެކެޓްރީވެސް ބޭނުންވީ އަހަރެން މާލެ ފޮނުވާށެވެ. ރަށުގައި މާމައްޗަށް ކިޔެވެންވެސް ނުހުންނަ ކަމަށާއި މާލެގޮސް ރަނގަޅަށް ކިޔެވުމަށް ނަޞޭޙަތް ދިނެވެ.

އަހަރެން ރަށަށް އައިތާ ދެއަހަރާއި ދެދުވަސް ފަހުން އަނެއްކާ އެނބުރި މާލެދާން ޖެހިފައި މިވަނީ ނުވެސް ދަންނަ ބައެއްގެ ކައިރިއަށެވެ. މާލޭގައި އަހަރެންގެ އާއިލާގެ މީހުން ދިރި އުޅެމުން ދަނިކޮށެވެ.

ދޯނި ފަޅުން ނުކުތް އިރުވެސް އަހަރެން ދޯނީގެ ކަފިގަނޑު ކައިރީ ކޮޅަށް ހުރީމެވެ. އަތިރިމައްޗަށް ބަލަހައްޓައިގެންނެވެ. އެވަގުތު ރަށަށް ލަފަންވެގެން އައި ދޯންޏަކާ ދިމާއަށް އަހަރެންނަށް ބަލާލެވުނެވެ. އެދޯނީގައި ނަޒީދައްތަ އިންދާ އަހަންނަށް ފެނުނެވެ. ނަޒީދައްތަ އިނީ އަހަންނަށް ބަލަހައްޓައިގެނެވެ. އޭނާގެ މޫނުމަތީގައި ކޮނަމެވެސް ވަރެއްގެ ހައިރާން ކަމަކާއި ހިތާމަވެރި ކަމެއް ވީކަމުގައި އަހަންނަށް ހީވިއެވެ.

އަހަރެން މޫނު އަނބުރާލީމެވެ. ނަޒީދައްތައާއި ދިމާއަށް ބަލަން އަހަރެންނަށް ކުޅަދާނަ ނުވީއެވެ. ރުޅިއާއި، ހިތާމަޔާއި، ވޭނާއި، ހިތްދަތިކަން އަހަރެންގެ ހިއްސުތަކަށް ވެރިވެގެން ދިޔައެވެ.

-ނުނިމޭ-