Wednesday, November 7, 2007

Mamma Dharifulhu Naa Na Naa 4


އަހަންނަށް ހޭލެވުނީ ގޭކައިރި މިސްކިތުން ބަންގިގޮވާ އަޑަށެވެ. އަހަރެން އަވަސް އަވަހަށް ތެދުވީމެވެ. އަދި ކޮޓަރިން ނުކުމެގެން ފާޚާނާއަށް ދިޔައީމެވެ. އޭރު ދޮންބެ ފާޚާނާއިން ނުކުންނަނީއެވެ.

'އަވަސް ކުރޭ!' އަހަރެން ފެނުމުން ދޮންބެ ބުންޏެވެ.

އަހަރެން ޖަވާބެއް ނުދީ ފާޚާނާއަށް ވަނީމެވެ. އަދި އަވަސް އަވަހަށް ވުލޫކޮށްލައިގެން ނުކުތީމެވެ. އޭރު ނަމާދަށް ދާން ތައްޔާރުވެގެން ދޮންބެ ހުއްޓެވެ. އަހަރެން ކުރީދުވަހު ލައިގެން އުޅުނު ފަޓުލޫނާއި ގަމީސް ލައިގެން ދޮންބެއާއެކު ނަމާދަށްދާން ނުކުތީމެވެ.

'ތިނޫން އެއްޗެއް ނެތީތަ ލާނެ؟' އަހަރެން ލައިގެންހުރި ރޫއަރާފައިވާ ގަމީހަށް ބަލާލަމުން ދޮންބެ ބުންޏެވެ.

'އަނެއް ގަމީސް އޮތީ ދާވެފަ." އަހަރެން އިސް ޖަހައިގެން ހުރެ މަޑުމަޑުން ބުނީމެވެ.

'ކޮބާ ދޮންބެ ދިން ގަމީސް؟ އެއީ ދޮންބެ އެންމެ ފަހަރަކު ލާފަ އޮތް ގަމީހެއް.'

'މަންމަ ބުނީމަ ތުއްތުބެއަށް ދިނީ.' ރޭ ވެހުނު ވާރޭގެ ސަބަބުން މަގުމަތީ ހެދިފައިވާ ފެންގަނޑުގެ އެއްކައިރިން، ފެންގަނޑަށް ނޭރި ހިނގަން މަސައްކަތް ކުރަމުން އަހަރެން ބުނީމެވެ. 'މަންމަ ބުނީ މަށަށް މާ ބޮޑޯ އެގަމީސް.'

'ހޫނ!' ފެންގަނޑުގެ އެއްފަރާތުން ފާރުކައިރީގައި ބަހައްޓާފައި ހުރި ގާކޮޅުތައް މަތިން ހިނގަމުން ދޮންބެ ބުންޏެވެ.

އޭރު މާލޭގެ މަގުތަކުގައި އަދި ގާ ނާޅައެވެ. ކިރިޔާވެސް ވާރޭކޮޅެއް ވެހިލައިފިނަމަ މަގުތައް ފެންބޮޑުވެއެވެ.

އަހަރެމެންނަށް މިސްކިތާ ހަމަޔަށް ދެވުނު އިރު ނަމާދުކުރަން ފަށައިފިއެވެ.

ނަމާދުކޮށް ނިމިގެން ގެއަށް އައިސް އެންމެ ފުރަތަމަވެސް އަހަރެން ހޯދީ ޝަހޫދައްތަ ދިން ހަދިޔާއެވެ. ކޮޓަރީގެ ފޮތް ހަރުގަނޑުމަތީ ހަދިޔާ ނެތުމުން، ޝަހޫދައްތަ އެ ޗޮކްލެޓް އައިސް އަލަމާރިއަށް ލީކަން އެނގުނެވެ. ޗޮކަލެޓް ފެނުމާއެކު އަހަރެންގެ ކުޅު ދިޔާވިއެވެ. އަވަސް އަވަހަށް ޗޮކްލެޓް ނަގައިގެން މީހަކަށް ފެނުމުގެ ކުރިން ކޮޓަރިއަށް ވަދެ ކަނޑާލީމެވެ. ޗޮކްލެޓްގައި ދަތްވަޅެއް ޖެހުމާއެކު އަހަރެންގެ ލޯ ފެންކަޅިވެގެން ދިޔައެވެ.

'ކަލޭ ދޯ މަގޭ ޗޮކަލެޓް ކާލީ؟' ކޮޓަރީގެ ދޮރު ހުޅުވާލުމަށްފައު ވައިރޯޅިއެއް ފަދައިން ކޮޓަރިތެރެއަށް ވަދެގެން އައިސް ތުއްތުބެ އެހިއެވެ. ފެންވަރައިގެން ރަނގަޅަށް ފެންވެސް ނުހިއްކާ ތުވާލި އަނދެގެން ހުރުމުގެ ސަބަބުން ތުއްތުބެގެ ގައިން ކޮޓަރި ތެރެއަށް ފެންތައް ފައިބަން ފެށިއެވެ. އަހަރެން ހުރީ ސްކޫލަށް ދާން ތައްޔާރުވެގެންނެވެ. އޭރު ޖާދުﷲ ކޮއްކޮ ޔުނީފޯމް ލަނީއެވެ.

'މަށެއް ނުކަން!' އަހަރެން ފަހަތަށް ޖެހިލުމަށް ފަހު ބުނީމެވެ.

'ދެން ކާކު ކެއީ؟' އަޑަށް ބާރުލާފައި ތުއްތުބެ އެހިއެވެ. 'ކަލޭ ނޫން އެހެން މީހަކު ނުނަގާނެ.' ކޮޓަރީގައި ހުރި ކުޑަ ކުނިވަށިގަނޑަށް ތުއްތުބެ ބަލާލިއެވެ. 'މީ ކޯއްޗެއް؟' އޭގެތެރޭގައި ހުރި ޗޮކްލެޓް ކަރުދާސްކޮޅު ތަކަށް އިޝާރާތް ކޮށްލަމުން ތުއްތުބެ ބުންޏެވެ.

'ތީ ޝަހޫދައްތަ މަށަށް ދިން ޗޮކަލެޓެއް!'

'މަންމާ!' ތުއްތުބެ ވަރަށް ބާރަށް ގޮވާލިއެވެ. އަހަރެންގެ ހިތް ބިރުން ތެޅިގަތެވެ.

'މަށެއް ނުނަގަން.' އާދޭހުގެ ރާގެއްގައި އަހަރެން ބުނީމެވެ. 'އެއީ ޝަހޫދައްތަ ދިން ޗޮކްލެޓެއް!' އަހަރެން ތުރުތުރުއަޅާ އަޑަކުން ތަކުރާރު ކޮށް ބުނީމެވެ.

'މަންމާ!'

'ކިހިނެއްތަ ވަނީ؟' މަންމަގެ އަޑުގައި ވަނީ ހިތްހަމަ ނުޖެހުމުގެ ރާގެވެ.

'މި ފައުޒީ މަގޭ ޗޮކްލެޓް ކާލީ!'

'އެ ތެދެއް؟' ދެބުމަ ގޮށްޖަހާލުމަށް ފަހު ނުރުހުމާއެކު ބަލާލަމުން މަންމަ ބުންޏެވެ.

އަހަރެން ނޫނެކޭ ބުނުމުގެ ގޮތުން ބޯހޫރާލީމެވެ.

'މިއޮތީނު ކާލާފަ!' ޗޮކްލެޓް ކަރުދާސްތައް މަންމައަށް ދައްކާލަމުން ތުއްތުބެ ބުންޏެވެ.

'ކިހާވަރުގަދަ ކަމެއް މިދެން! މިކުއްޖާގަނޑާހެދި މަށަށް ނޯވޭ ނޭވާވެސް ލެވެން.' ވަށިގަނޑަށް ބަލާލަމުން މަންމަ ބުންޏެވެ. އަދި ފިޔަވަޅެއް ކުރިއަށް އެޅުމަށްފަހު އަހަރެންގެ ކަންފަތުގައި ހިފާ އަނބުރާލިއެވެ. 'ކަލޭ ކީއްވެތަ މާ އަތްދިގުވެގެން ތި އުޅެނީ؟'

'އާހހ!' ވީތަދުން އަހަރެންގެ އަނގައިން އަޑެއް ބޭރުވިއެވެ.

'މިހާރު މި ހައިވާނުގެ އަތް ދިގުކަމުން ތަނެއްގަ އެއްޗެއް ބޭއްވޭ ވަރެއްވެސް ނޫނޭ!' އަހަރެންގެ ފޫކޮޅުގައި ބާރު ދެއެތިފަހަރު ޖަހަމުން މަންމަ ބުންޏެވެ. އަހަރެންގެ ލޮލުން ހޯސްލާފައި ކަރުނަތައް ފައިބައިގަތެވެ.

ޖާދުﷲ ކޮއްކޮ ރޯންފެށިއެވެ. ނަމަވެސް މަންމަ އަޅައެއް ނުލައެވެ.

އެވަގުތު ބައްޕަ އައިސް ކޮޓަރިއަށް ވަނެވެ. 'ކިހިނެއްތަ ތިވަނީ؟' މަންމަގެ އަތުގައި ހިފާ ފަހަތަށް ދަމައިގަންނަމުން ބައްޕަ ބުންޏެވެ.

'ކަލޭގެ ލޯބިވާ ދަރި ކުރެން އަހާބަލަ!' މަންމަ ނުރުހުމާއެކު ބުންޏެވެ. 'މަގޭ އަތުން ދޫކޮށްލާ!' އަތް ފޮޅުވާލަމުން މަންމަ ބުންޏެވެ. އަދި ކޮޓަރިން ނުކުމެގެން ދިޔައެވެ.

'ކިހިނެއްވީ މަންމަ އެހާ ރުޅިއައިސްގެން އެ އުޅެނީ؟' އަހަރެން ކުރެން ބައްޕަ އެހިއެވެ.

އަހަންނަށް ޖަވާބެއް ނުދެވުނެވެ. ހައްތާ ބާރަށް ރޮއެގަނެވުނީއެވެ.

ބައްޕަ އަހަރެން ގަޔާ ކައިރި ކޮށްލިއެވެ. އަހަރެން ބައްޕަ ގައިގާ އޮޅުލައިގަތީމެވެ.

'ކިހިނެއްތަ ވީ ސަލާމް؟' ބައްޕަ ތުއްތުބެ ކުރެން އެހިއެވެ. ކަންތައް ހިނގި ގޮތް ތުއްތުބެ ކިޔައިދިނެވެ. އަހަރެން ތުއްތުބެއާ ދެކޮޅު ހެދުމުގެ ގޮތުން އެއްވެސް އެއްޗެކޭ ނުބުނަމެވެ.

'ދެން އަޅާނުލާ! މިއަދު އޮފީހުން އަންނަމުން ޗޮކްލެޓެއް ގެނެސްދޭނަން.' ބައްޕަ ތުއްތުބެ ކައިރީ ބުންޏެވެ. 'ދަރިފުޅުވެސް ބޭނުންތަ ޗޮކަލެޓެއް؟' އަހަރެން ގަޔާ ދުރުކޮށްލުމަށްފަހު މޫނަށް ބަލާލަމުން ބައްޕަ ބުންޏެވެ.

އަހަރެން ދެއަތުން މޫނު ފުހެލުމަށްފަހު ނޫނެކޭ ބުނުމުގެ ގޮތުން ބޯ ހޫރާލީމެވެ.

'އެއްޗެއް ބޭނުން ވެއްޖެއްޔާ ބައްޕަ ކައިރީ ބުނައްޗޭ! އޭރުން ބައްޕަ ހޯދަދެވޭތޯ ބަލާނަން.' ބައްޕަ އޯގާތެރިކަމާއެކު ބުންޏެވެ. 'ދެން އަވަހަށް ހުއަޓާލާ! ހުއްޓާލައިގެން އަވަހަށް ސްކޫލަށް ދާންއުޅޭ! މިހާރު އެއޮއް ގަޑިޖެހެނީ!'

ކޮއްކޮއާއެކު ގެއިން ނުކުމެ ތާޖުއްދީނަށް ދާން އާއްމުކޮށް އަޅާ މަގަށް އެޅިއިރު އެމަގުގައި ވަނީ ބޮޑު ފެންގަނޑު ހެދިފައެވެ. އެހަރެން ބޫޓާއި އިސްތާކީނު ބާލާ ކޮއްކޮ އަތަށް ދިނުމަށްފަހު ކޮއްކޮ އުރާލީމެވެ. އަދި ކޮއްކޮ އުރައިގެން ހުރެ ފެންގަނޑު ހުރަސްކުރަން ފެށީމެވެ. އެވަގުތު ކޮއްކޮ ހޭންފެށިއެވެ. ކޮއްކޮގެ މައުސޫމު ހުނުމުގެ ސަބަބުން އަހަންނަށް އުފާވެރިކަން ލިބުނެވެ. އަހަރެންވެސް ހޭންފެށިމެވެ. ވަކި ސަބަބެއް ނެތިއެވެ.

'ކޮއްކޮ ހާދަ ބަރޭ!' ފެންގަނޑު ހުރަސްކޮށްލުމަށްފަހު ކޮއްކޮ ބިންމައްޗަށް ބޭލުމަށްފަހު އަހަރެން ބުނީމެވެ. އަދި ބޫޓާއި އިސްޓާކީނު އަތުލުމަށްފަހު ކޮއްކޮގެ އަތުގައި ހިފައިގެން ހިނގައިގަތީމެވެ.

ސޮކޫލަށް ދެވުނުއިރު ކްލާސްތައް ފެށިއްޖެއެވެ. ސްކޫލުގެ ގޯތިތެރޭގައިވެސް ވަނީ ފެންގަނޑު ހެދިފައެވެ. ކޮއްކޮ ކްލާހާއި ދިމާއަށް ދުއްވައިގަތުމުން އަހަރެން ބޫޓަށް އަރައިގެން ކްލާހަށް ވަނީމެވެ.

'ކީއްވެ ގަޢި ޖެހުނީ؟' މިސް އެހިއެވެ.

'މިސް ފެންގަނޑު...' އަހަރެން ޖަވާބު ދިނީމެވެ.

އަހަރެންގެ ޖަވާބުން މިސް ކައިރިއަށް ހިނިއަންނަގޮތް ވިއެވެ. 'އަވަހަށް ގޮސް އިށީންދޭ!'

އަހަރެން އިށީންނުމުން، މިސް ބޯޑުގައި ކުރިން ލިޔަމުން ދިޔަ ޖުމްލަތައް ފުރިހަމަ ކުރަންފެށިއެވެ. އަހަރެން ބޭރު ބަލާލީމެވެ. ކްލާހުގައި އިންނާކަށް އަހަރެން ބޭނުމެއް ނޫނެވެ. އަހަރެން ބޭނުންވަނީ ޝަހޫދައްތަ ކައިރިއަށް ދާށެވެ. ޝަހޫދައްތައާއި ސުވާލުކުރާށެވެ. އެ ޗޮކްލެޓަކީ ތުއްތުބެގެ ޗޮކްލެޓެއް ކަމަށްވާނަމަ، ޝަހޫދައްތަ އަހަރެންނަށް ދިން ޗޮކްލެޓް ކޮބާހެއްޔެވެ؟

އަހަރެން މިސްއާ ދިމާއަށް ބަލާލީމެވެ. އޭރުވެސް ބޯޑުގައި ޖުމްލަ ލިޔުމުގައި އަވަދިނެތި މިސް އުޅެއެވެ. އަހަރެން މަޑުމަޑުން ތެދުވީމެވެ. އަދި އެހެން ކުދިންގެ މޫނަށް ބަލާލުމަށްފަހު ނުބުނާށޭ ބުނުމުގެ ގޮތުން އިނގިލި ތުންފަތުގައި ޖައްސާލާ އިޝާރާތްކޮށްލީމެވެ. އަދި ސިއްރުސިއްރުން، މިސްއަށް ނޭންގި ކުލާހުން ބޭރަށް ނުކުތީމެވެ. އެއަށްފަހު، ޝަހޫދައްތައާއި ބައްދަލުކުރަން ދިއުމަށްޓަކައި މިސްރާބު ޖެހީމެވެ.

-ނުނިމޭ-

Pic taken from Phase Drift

Monday, October 29, 2007

Mamma Dharifulhu Naa Na Naa 3

'ހެޕީ ބާރތްޑޭ!' ކުޑަ ޕާރުސަލެއް ދިއްކޮށްލަމުން ހިނިތުންވެލާފައި ޝަހޫދައްތަ ބުނެލިއެވެ. އެ އޯގާތެރިކަމުން ފުރިގެންވާ ހިތްގައިމު އަޑު ކަންފަތުގައި ޖެހުމާއެކު އަހަރެންގެ ހިތަށް ފިނިކަން ލިބިގެން ދިޔައެވެ.

އަހަރެން އަވަސް އަވަހަށް ޝަހޫދައްތަ އަތުން އަހަރެންގެ އުފަންދުވަހުގެ ހަދިޔާ ލިބިގަތީމެވެ.

“HAPPY 12th B’DAY” ޕާރުސަލްގައި ލިޔެފައި އޮތެވެ.

ހަދިޔާ ކެނޑުމުގެ ކުރިންވެސް އެއީ ކޯއްޗެއްކަން އަހަރެންނަށް އެނގުނެވެ. އަހަރެން ކުޅުދިޔާވާން ފެށިއެވެ. ޗޮކްލެޓަކީ އަހަރެން އެންމެ ބޭނުންވާ ހަދިޔާއެވެ.

'މިހާރު ނުކައްޗޭ!' ޗޮކްލެޓް ޕާރުސަލް ކޮށްފައިވާ ކަރުދާސްގަނޑު ނައްޓާލުމުން ޝަހޫދައްތަ ބުނަޏެވެ. 'ރޭގަނޑު ޗޮކްލެޓް ކޭމަ ދަތް ފަނިކާނެ!'

އަހަރެން ޝަހޫދައްތަގެ މޫނަށް ބަލާލީމެވެ.

'ހެނދުނު ތެދުވެގެން ކާލަން އައިސް އަލަމާރީގަ ބާއްވާނީ' ޝަހޫދައްތަ އަތްދިއްކޮށްލަމުން ބުނަޏެވެ.

އަހަރެން ދޭން ބޭނުން ނުވެހުރެ، ޗޮކްލެޓް ދިނީމެވެ. އަހަރެން ބަޑުހައިވެފައިވާ މިންވަރު ޝަހޫދައްތަ އަށް އަންގާކަށް ބޭނުމެއް ނުވިއެވެ. ޝަހޫދައްތަ މަންމައަށް ކުރާ ނަފުރަތު ހައްތަހާ ބޮޑުވާނެތީއެވެ.

ފޮތް ހަރުގަނޑު ތެރޭ ޗޮކްލެޓް ބޭއްވުމަށްފަހު، އަހަރެން ނިދާ ގޮދަޑިމަތީ ޝަހޫދައްތަ އިށީންނިއެވެ. އަދި ކައިރިގައި އިށީންނުމަށް އަތުން އިޝާރާތް ކޮށްލުމަށްފަހު ފާރުގައި ލެނގިލިއެވެ. އަހަރެން ޝަހޫދައްތައާއި ޖެހިގެން ގޮދަޑީގައި އިށީންދެލީމެވެ. އަދި ޝަހޫދައްތަގެ އުނގުގައި ބޯއަޅާލުމަށްފަހު ގޮދަޑިމަތީ ރަނގަޅަށް އޮށޯވެލީމެވެ. އޭރުވެސް މެދުކެނޑުމެއްނެތި ވާރޭވެހެމުން ދިޔައެވެ.

'މިރޭވެސް މަންމަ ހަޅޭއްލެވީ ދޯ؟' ލޯތްބާއެކު އަހަރެންގެ އިސްތަށިގަނޑުގައި ފިރުމާލަމުން ޝަހޫދައްތަ އެހިއެވެ.

އަހަރެން ޖަވާބެއް ނުދެމެވެ. ޝަހޫދައްތަގެ އޯގާތެރި ފިރުމުންތައް ލިބޭ ކޮންމެފަހަރަކު އަހަރެންގެ ހިތްފުރި، ކަރުނަ ތިކިތަކެއްގެ ސިފައިގައި ބަންޑުންވެގެން ދެއެވެ. ޝަހޫދައްތަ އެއީ އަހަރެންގެ މަންމަ ނަމައޭ ހިތަށް އަރައެވެ. މަޑުމަޑުން ލޮލުތެރަށް ޖަމާވާންފެށި ކަރުނަތިކިތައް އެސްފިޔަތަކުގެ ތެރެއިން ފޭދިގެން މޫނުމައްޗަށް ފައިބަން ފެށިއެވެ.

'މިއަދު މަގުމަތިން ބައްޕަ އާ ދިމާވި.' އަހަރެންގެ ކަރުނަތައް ފުހެލަދެމުން ޝަހޫދައްތަ ބުންޏެވެ. އަހަރެން ލޯ ހުޅުވާލުމަށްފަހު ޝަހޫދައްތަގެ މޫނަށް ބަލާލީމެވެ. 'އެހި ފައުޒީގެ ހާލު ކިހިނެއްތޯ'

'ބައްޕަ ތުއްތުބެއަށް ހަދިޔާ ގެނެސްދިން.' އަހަރެން ބެދިފައިވާ އަޑަކުން ބުނީމެވެ. އިއްޔެ އަކީ ތުއްތުބެގެ އުފަންދުވަހެވެ.

'އަޅާނުލާ! ބައްޕަ ނުދިނަސް ޝަހޫދައްތަ ހަދިޔާ ގެނެސްދީފީމެއްނު.'

'ކީއްވެތަ އެންމެން އަހަރެންދެކެ އެހާ ރުޅި އަންނަނީ؟' އެތައް ސަތޭކަ ފަހަރަކު ކުރިޔަސް ޖަވާބު ނުލިބޭނޭ ސުވާލު އަހަރެން ކުރީމެވެ. ސުވާލެއްގެ ގޮތުގައެއް ނޫނެވެ. ޝަކުވާއެއްގެ ގޮތުގައެވެ.

'އެކަކު ލޯބި ނުވިޔަސް، ޝަހޫދައްތަ ވަރަށް ލޯބިވޭ!' ނިތްކުރީގައި މަޑުމަޑުން ބޮސްދެމުން ޝަހޫދައްތަ ބުނަޏެވެ. 'މާދަމާ އެއްކަލަ ތަނަށް ދާންވާނެ ދޯ؟' ޝަހޫދައްތަ މަޢުލޫ ބަދަލު ކޮށްލިއެވެ. 'މިހާރު އެތަން ވަރަށް ސަޅި.'

އަހަރެން މަޑުމަޑުން ލޯ ފުހެލުމަށްފަހު ހިނިތުންވެލީމެވެ. 'ކޮން އިރަކުން؟' އަހަރެން އެހީމެވެ.

'ހަވީރު.'

އަހަރެން އަވަސް އަވަހަށް ބޯޖަހާލީމެވެ.

'ދެން އަވަހަށް ނިދާ. އެހެންނޫނީ ސްކޫލަށް ދާކަށް ނުހޭލެވޭނެ!'

އަހަރެން ބަސް އަހައިގެން ލޯމަރާލީމެވެ.

ޝަހޫދައްތަ އަހަރެންގެ ބޮލުގައި ފިރުމަމުން ނާނާ ކިޔަން ފެށިއެވެ.

...ސަންތި މަރިޔަނބު މީ އަރާރޭ،

ގަންނަ ބިރުވޭ ހާދަހާއޭ،

ދަންވަރޭމީ އަނގަ ލައްޕާނދޭ،

ދަައްތަ ކޮއެފުޅު ނާނަނާ،


Tuesday, October 16, 2007

Mamma Dharifulhu Naa Na Naa 2



މަންމަގެ ނާނާގެ އަޑުކެނޑި އެތައްއިރެއް ވީއިރުވެސް އަހަރެންނަށް އަލުން ނިދޭގޮތެއް ނުވިއެވެ. ނުކައި އޮތުމުގެ ސަބަބުން އިންތިހާއަށް ބަނޑުހައި ވެފައި ވާތީއެވެ. އޭރު މަންމަ ކާންގޮވުމުން ނުގޮސް އޮވެވުނީތީ މިހާރު ދެރަވެއެވެ. ކިތަންމެ ބަނޑުހައިވިޔަސް ދެން ބަދިގެއަށް ވަދެ ކާކަށް ނުކެރޭނެއެވެ. މަންމަގެ ރުޅިގަނޑު އިތުރަށް ގަދަވާނެތީއެވެ. ރިހަތެލި ހޫނުކޮށްފައި ވަނިކޮށް އެއިން ރިހަނެގުން ވާނީ އަލިފާނަށް ދަރުއެޅުން ކަހަލަ ކަމަކަށެވެ.

މޫނުމަތީގައި ހިއްލާފައިވާ ދާތައް އަތުން ފުހެލުމަށްފަހު ސީލިންގގައި ހުރި ފަންކާއަށް އަހަރެން ބަލާލީމެވެ. ގަދަ އަޑެއް ކިޔާފައި، މަޑުމަޑުން އެނބުރޭ އެ ފަންކާއިން ކޮޓަރިތެރެއަށް ކުޑަކޮށްވެސް ފިނިކަމެއް ނުފޯރައެވެ. ނިދާބޮކީގެ ފަނޑު އަލީގެ ތެރެއިންވެސް ފަންކާގެ ފިޔަތަކުގެ ބުރު ވަކިކުރަން އެނގޭހައި ވެއެވެ. ފަންކާ ރަނގަޅު ކުރަންވެގެން ދޮންބެ އެތައް ފަހަރަކު މަސައްކަތް ކޮށްފިއެވެ. މިއަދުވެސް ތެޔޮދޯރިއަކުން ފަންކާއަށް ތެޔޮޖަހާ އުޅުނެވެ. ނަމަވެސް ފަންކާގެ އެނބުރުމަކަށް އެއްވެސް ބަދަލެއް ނާދެއެވެ. ދޮންބެ މަތީއެނދުގައި އޮންނަނީވެސް ފަންކާއިން ކޮންމެވެސް ވަރެއްގެ ފިނިކަމެއް ލިބޭތޯއެވެ. އެކަމަކު ތިރީ އެނދުގައި އޮތް ކުޑަބެއަށް ނުވާ ފިންޏެއް ދޮންބެއްކަށްވެސް ނުވާނެކަން ގައިމެވެ. ކުޑަކުޑަ ކޮޓަރީގައި އަހަރެންގެ ތަންމައްޗަކީ އެނދު ހުންނަ ފަޅިނޫން އަނެއް ފަޅީގެ ބިތްކައިރީގައި އޮންނަ ތުނި ގޮދަޑިއެކެވެ.

ކޮއްކޮ ގޮދަޑި މަތީގައި ފުރުޅިލި އަޑު އިވުމުން އަހަރެން ކޮއްކޮއަށް ބަލާލީމެވެ. ކޮޓަރީގެ މެދުގައި، ފަންކާ ދަށުގައި އޮތްއިރުވެސް ކޮއްކޮ ވަނީ ދާހިއްލާ ފޯވެފައެވެ. މިރޭ ވަކިން ހޫނުގަދަ ރެއަކީއެވެ. އަހަރެން މަޑުމަޑުން ގޮދަޑިން ތެދުވީމެވެ. އަދި ކޮޓަރީގައި ފޮތްތަކާއި ސްކޫލް ދަބަސްތައް ބަހައްޓާފައި ހުރި ހަރުގަނޑުން ތުނި ފޮތެއް ނަގައިގެން އައިސް ކޮއްކޮގެ މޫނަށް ވިހެން ފެށީމެވެ.

ވާރޭގެ ތުނި ތިކިތައް ފުރާޅު މައްޗަށް ވެހެންފެށުމުން އަހަރެން ހިތަށް އުފާވެރިކަން ލިބިގެން ދިޔައެވެ. ކޮޓަރި ތެރޭގައިވާ ހުނުކަން ކުޑަވެގެން ދާނެތީއެއް ނޫނެވެ. ވާރޭގެ ތިކިތަކުން ފުރާޅުގެ ޓިނުތަކުގައި އުފައްދާ މިޔުޒިކުން އަހަރެންގެ ހިތަށް ފިނިކަން ލިއްބައިދޭތީއެވެ. ވާރޭގެ އަޑު މަޑުމަޑުން ގަދަވަމުންގޮސް، ފަންކާއިން ގޮވަމުންދިޔަ ގަދަ އަޑު ފަނޑުކޮށްލައިފިއެވެ. އަހަރެން ކޮއްކޮ ކައިރިން ތެދުވެގެންގޮސް ގޮދަޑީގައި އޮށޯތީމެވެ. އަދި ލޯމަރާލާ، ވާރޭގެ ހިތަގައިމު އަޑުގެރެތެއަށް ވިސްނުން ދޫކޮށްލީމެވެ. އެވަގުތު ކޮޓަރީގެ ދޮރުގައި މީހަކު މަޑުމަޑުން ޓަކި ޖަހާލިއެވެ. ލޯހުޅުވާލުމަށްފަހު ފާރުގައި ހުރި ގަޑިއަށް އަހަރެން ބަލާލީމެވެ. އޭރު ގަޑިން މެންދަމުން އަނބުރާ އެއްގަޑި ބައިވާން އުޅެނީއެވެ. އަހަރެންގެ ތުންފަތް މައްޗަށް އުފާވެރިކަމުގެ ހިނިތުންވުމެއް ވެރިވިއެވެ. އަދި އަވަސް އަވަހަށް ތެދުވެގެންގޮސް ކޮޓަރީގެ ދޮރު ހުޅުވާލީމެވެ. ދޮރުމަތީގައި ޝަހޫ ދައްތަ ހިނިތުންވެފައި ހުއްޓެވެ.

'ޝޝޫހހ!' ޝަހާދަތް އިނގިލި ތުންފަތުގައި ޖައްސާލާ، އެއްވެސް ވާހަކައެއް ނުދައްކުމަށް ޝަހޫ ދައްތަ އިޝާރާތް ކޮއްލިއެވެ.

އަހަރެން އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލީމެވެ.

ޝަހޫދައްތަ ކޮޓަރި ތެރެއަށް ވަނުމުން އަހަރެން މަޑުމަޑުން ދޮރު ލައްޕާލީމެވެ.


Saturday, October 13, 2007

Mamma Dharifulhu Naa Na Naa


'ކޮބާ ފައުޒީ؟...' ބައްޕަގެ އަޑު ޖެހުމުން އަހަރެން ލޯހުޅުވާލީމެވެ.

'ކޮޓަރީގަ އެއްނު ވާނީ.' މަންމަގެ އަޑުގައި ވަނީ ހިތްހަމަ ނުޖެހުމެވެ.

'އަދިވެސް އެސޮރުދެކެ ރުޅި އައިއްސަތަ؟'

މަންމަ އަނގައަކުން ނުބުންޏެވެ.

'އެސޮރު ކައިފިތަ؟' ބައްޕަ އެހިއެވެ.

'ކުރެވުނު ކަންތައް މޮޅުވެ ނުކައި ނިދައިފި.' އެ ފޫހިކަން އެކުލެވިގެންވާ ރާގުގައި މަންމަ ބުންޏެވެ. 'އެހައި މޮޅުކަމެއް ކުރެވުނީމަ ބަނޑުވެސް ފުރުނީ ތޯއްޗެއް!'

'ސައުދާ ކީއްވެތަ އެސޮރު ދެކެ ތިހާ ރުޅިއެއް ތިއަންނަނީ؟' ހިތްހަމަނުޖެހިފައިވާ ރާގެއްގައި ބައްޕަ ބުންޏެވެ. 'ކުދިކުދި ކަންތަކާ އެސޮރުދެކެ ތި ރުޅިއަންނަނީ މާބޮޑަށް...އެއީ އަދި ކުޑަކުއްޖެއްނު؟'

'ކުޑައްޔާ ހެޔޮ ދޯ ކޮންމެފަދަ ކަމެއް ކުރިޔަސް! އެހެން ނޫނަސް އެއީ ތަންދޮރު ނޭންގޭ ވަރުގެ ކުޑަކުއްޖެއް ނޫނޭ! މިސޮރުގެ އަތެއް ތަނެއް ބިންދައިގެން ދިޔަނަމަ އަހަރެން ކީއްކުރާނީ؟ ނަޒީފަކަށް ނޭނގޭނޭ ފައުޒީގެ ހުންނަ ނުލަފާކަމެއް. މިސޮރާ ގާތްނުވާށޭ ބުންޏަސް ނުހުރޭ ދުރުގައެއް. ހަމަ ތަނެއްގަ ބާއްވާފަ ދުރަށް ޖެހިލާއިރަށް ކޮންމެވެސް އަނިޔާއެއް ދޭނެ.'

'ދެންހަމަ ކަމެއް ވެދާނެ އެއްނު!' ބައްޕަ އަހަރެންގެ ދިފާއުގައި ވާހަކަ ދެއްކިއެވެ. 'އެސޮރުވެސް ގަސްދުގަ އެކަހަލަ ކަމެއް ނުކުރާނެ އެއްނު.'

'އެއްގޮތަކަށްވެސް!' މަންމަ ނަފުރަތާއެކު ބުންޏެވެ.

'ސައުދާގެ ވާހަކަ ތިހުންނަގޮތުން ހީވަނީ ފައުޒީއަކީ ސައުދާގެ އެންމެ ބޮޑު ދުޝްމަނު ހެން'

'ހޫނ! ކަންތަކާ ޖެހުނީއޭމި!' މަންމަގެ އަޑު ބާރުވިއެވެ. 'ދެން ހީވާނީ އެހެންފަދަ ކަމެއްހެން. އެކުއްޖާގަނޑު މީނައަށް ޖައްސާފަ މިހުންނަނީ ކޮންފަދަ ޖާދުލެއް ކަމެއް ނޭންގެ'

'ބަލަ އެއީ މަގޭވެސް ދަރިއެކޭ!' ބައްޕަގެ އަޑުވެސް ބާރުވިއެވެ. 'މައި ލަގޮނޑިއަށް އެކަނިތަ އަސަރު ކުރާނީ!'

އަހަރެން ލޯމަރާލުމަށްފަހު ފުން ނޭވާއެއް ލީމެވެ. އަނެއްކާވެސް އެ ޒުވާބެވެ. އިވޭ އަޑުތަކާއި ފެންނަ މަންޒަރުތަކުގެ ހަނދާންތައް ސިކުނޑީގައި ރައްކާކުރެވެން ފެށީއްސުރުވެސް އިވެމުންދާ ޒުވާބެވެ. މަންމައާއި ބައްޕަގެ ޒުވާބުގެ އަސްލަކަށް އަބަދުވެސް ވަނީ އަހަރެންނެވެ. ނަމަވެސް އަހަރެންނަށް ސަބަބު އެނގެނީ މަދު ފަހަރެއްގައެވެ.

ޒުވާބުގެއަޑު ބާރުވަމުން ދިޔަވަރަކަށް އަހަރެން ދެލޯ މަރާ ބާރުކުރަމުން ދިޔައީމެވެ. ނަމަވެސް ދެކަންފަތުގައި އަތް އަޅާކަށް އަހަރެން ބޭނުމެއް ނުވިއެވެ. ނުރޯން ހިތްވަރުކޮއްގެން އޮއްވާވެސް ދެލޮލުގެ ތެރެއިން މަޑުމަޑުން ކަރުނަ ފޭދެން ފެށިއެވެ.

އަހަރެންނަށް ނިދުނީ ކޮން އިރަކުކަމެއް ބުނެދޭކަށް ނޭންގެއެވެ. ހޭލެވުނީ މަންމަގެ ހިތްގައިމު އަޑުން ކިޔަމުންދާ މަޑުމަޑު ނާނާއެއްގެ އަޑަށެވެ. އެއީ އަހަރެންނަށް އެތައް ފަހަރަކު އަޑުއިވި ދަސްވެފައިވާ ނާނާއެކެވެ. މަންމަ ކުޑަ ކޮއްކޮ ނިންދަވާއިރު އަބަދު ކިޔާ ނާނާއެވެ. އަހަރެން މަންމަގެ އަޑާ އެއްވަރަށް ވައިއަޑުން ކިޔަންފެށީމެވެ.

...ސަންތި މަރިޔަނބު މީ އަރާރޭ،

ގަންނަ ބިރުވޭ ހާދަހާއޭ،

ދަންވަރޭމީ އަނގަ ލައްޕާނދޭ،

މަންމަ ދަރިފުޅު ނާނަނާ،