'ފައުޒީ މަންމަ ކައިރިއަށް އެއްގޮތަކަށްވެސް ނުދަންތަ؟' ބުޅީގައި ފުއްގަނޑެއް ޖެހުމަށްފަހު ތޮށިގަނޑުމަތިން ބޭރަށް އެއްލަމުން އަހުމަދު އެހިއެވެ. އަހަރެމެން ތިބީ މާފަންނުކޮޅުން އައި.ޖީ.އެމް ހޮސްޕިޓަލާ ދިމާއަށް މަސްބާނަން އައިހެވެ.
'އާނ!' ނަނު ހިފައިގެން ތޮށިގަނޑު މައްޗަށް އަރަމުން އަހަރެން ބުނީމެވެ. 'ކިހިނެއްވީ؟'
'ކަމެއް ނުވޭ... ހަމަ އަހާލީ.' ތޮށިގަނޑު ކައިރިން ތިރީގައި ހުރި އީއްކޮއަށް ބަލާލަމުން އަހުމަދު ބުންޏެވެ. 'މަންމަމެންނަށް އެނގޭތަ ފައުޒީ މާލޭގަ އުޅޭކަން؟'
'އެނގޭނެހެން ހީވަނީ.' މޫދަށް ނަނު އެއްލަމުން އަހަރެން ބުނީމެވެ. 'ތުއްތުބެއާއި ބައްޕައަށް އެނގޭނެ ހަމަ ގައިމުވެސް.'
އެހެންތަ؟.. އެކަމަކު ނާދޭދޯ ބައްދަލުކުރާކަށް؟'
'ހުމ...'
'ދެރަވޭތަ ނާންނާތީ؟'
އުނހުމ... ނުވޭ ދެރައެއް.'
'ހުމ...' އަހުމަދު އަހަރެންގެ މޫނަށް ބަލަހައްޓައިގެން އިރުކޮޅަކު ހުއްޓެވެ. 'ކޮބާ މިހާރު ބައިސްކަލު ދުއްވަން ދަސްވީތަ؟' އަހުމަދު މަޢުލޫ ބަދަލުކޮށްލިއެވެ.
'އާނ...' އަހަރެން ހިނިތުންވެލަމުން ބުނީމެވެ.
'އެހެންތަ؟.. ހުމ... ބައިސްކަލެއް ގެންދެންވީ ދޯ؟'
އަހަރެން އެކައްޗެކޭވެސް ނުބުނަމެވެ. ބައިސްކަލެއް ގަނެދީފިއްޔާ އަހަރެންނަށްވެސް ރަނގަޅެވެ. އެކަމަކު ގަނެދޭށޭ ބުނާކަށް އަހަރެން ބޭނުމެއް ނުވިއެވެ.
'ފައުޒީކައިރީ ވާހަކައެއް އަހަންވެފަ އެބަ އޮތޭ!'
'އެ ކޮންވާހަކައެއް؟'
'ދޮގުނުހަދާ ތެދަށް ބުނަންވާނެ!'
އަހަރެން ކުޑަކޮށް ޖެހިލުނަވާގޮތް ވިއެވެ. އަހަރެން އަހުމަދުގެ މޫނަށް ބަލާލީމެވެ. އަދި އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލީމެވެ.
'ޝާޒިޔާ ދަންވަރު ތިކޮޓަރިއަށް ވަދޭދޯ؟' އަހަރެންނާ ހަތަރުކަޅި ހަމަކޮށްލަމުން އަހުމަދު ބުންޏެވެ.
އަހަރެންގެ ހަތަރެސްފައި ފިނިވެގެން ދިޔައެވެ. ބާރުބާރަށް ހިތް ތެޅިގަތެވެ. މޫނުމައްޗަށް ވެރިވި ނުތަނަވަސްކަން ފޮރުވުމަށްޓަކައި މޫދާދިމާއަށް މޫނު އަނބުރާލީމެވެ.
'ހާދަ ހާސްވީ؟..' އަހުމަދު ބުންޏެވެ. 'އަހަރެންނަށް އެކަހަލަ އެއްޗެއް ހީވާތާ މިހާރު ދިވަސްކޮޅެއް ވެއްޖެ... މީ ރަނގަޅު ހީއެއްތަ؟'
އަހަރެންނަށް ދެންވެސް ޖަވާބެއް ނުދެވުނެވެ. އަހުމަދަށް އެކަން އެނގެނީ ކިހައި ވަރަކަށްކަމެއްވެސް ނޭންގެއެވެ. އަހަރެން އުޅޭނޭ އެހެން ގެއެއް ހޯދަންވީ ވަގުތު އައިސް މިއޮއް ޖެހުނީއެވެ.
'ވަދޭ ދޯ؟' އަހުމަދު އަނެއްކާވެސް އެހިއެވެ.
އަހަރެން ލޯ މަރާލުމަށްފަހު އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލީމެވެ.
'ހުމ... މަށަށް ދެރެއަކު ފެނުނު ޝާޒިޔާ ތިކޮޓަރިއަށް ވަންނަނިކޮށް...'
އަހަރެން އަނގަޔަކުން ނުބުނަމެވެ. ބުނާނީވެސް ވަކިން ކީކޭހެއްޔެވެ؟ އިސްދަށަށް ޖަހައިގެން ހުރިއިރު އަހަރެންގެ ލޮލުތެރަށް މަޑުމަޑުން ކަރުނަތަށް ޖަމާވަމުން ދިޔައެވެ. އެކަމަކުވެސް އަހަރެން ރޯކަށް ބޭނުމެއް ނުވިއެވެ. ކަމެއްވާއިރަށް ލޮލުން ކަރުނަ އަންނާތީ އަމިއްލަ ނަފުސުދެކެ އަހަރެންނަށް ރުޅި އާދެވުނެވެ. ނަމަވެސް އަހަރެން ހިތްވަރުކޮށްގެން ހުއްޓާވެސް އެސްފިޔަތަކުގެތެރެއިން ފުރޭނިގެން ތޮށިގަނޑުމައްޗަށް ކަރުނަތިއްކެއް ޖެހިއެވެ.
'އޭ ފައުޒީ ރޮނީތަ؟' އަހުމްދު ކުޑަކޮށް ކަންބޮޑުވެފައި އެހިއެވެ. 'ތީކީ އަދި ރޯވަރުގެ ކަމެއް ނޫނެއްނު؟'
އަހަރެން އަހުމަދަށް ބަލާލީމެވެ.
'ތީކީ އަދި އެއްގޮތަކަށްވެސް ރޯންޖެހޭވަރުގެ ކަމެއް ނޫނޭ!.. ތިކަމުގަ އަހަރެން އެއްގޮތަކަށްވެސް ފައުޒީ ގޯހެއް ނުކުރަން...'
އަހަރެންގެ މޫނުމައްޗަށް ކޮންމެވެސް ވަރެއްގެ ހައިރާންކަމެއް ވެރިވިއެވެ.
'އާނ... މަށަށް ޝާޒިޔާ ވަރަށް ރަނގަޅަށް އެނގޭ... ކުރިންވެސް ގޭގަ އުޅުނުކުއްޖަކަށް އޭނަޔާހެދި ނޫޅެވިގެން ނުކުމެގެން ދިޔައީ!'
އަހަރެން ޔަޤީން ނުވެފައި އަހުމަދާއި ދިމާއަށް ބަލަހައްޓައިގެން ހުރެވުނެވެ.
'ފައުޒީ ތަންކޮޅެއް މަޑުމައިތިރި ވީމަ ޝާޒިޔާއަށް ތި އަތުއަޅުވާލެވުނީދޯ؟' އަހުމަދު ބުންޏެވެ. 'ނޫނީ ފައުޒީ ޝާޒިޔާދެކެ ލޯބިވޭތަ؟'
އަހަރެން ނޫނެކޭ ބުނުމުގެ ގޮތުން ބޯ ހޫރާލީމެވެ.
'ދެން ކިހިނެއް ޝާޒިޔާގެ މަޅީގަ ފައުޒީ ތިޖެހުނީ؟'
އަހަރެން ދެލޯ ފުހެލީމެވެ. އަދި އެކަން ފެށުނުގޮތް ކުރުގޮތަކަށް އަޙުމަދަށް ކިޔައިދިނީމެވެ.
'ޑެޑީ!..' އީއްކޮ ގޮވާލިއެވެ. 'ހިނގާ ގެއަށްދާން... އީއްކޮ ފޫހިވަނީ.'
'އާނ... ހިނގާދާން ދޯ؟' އަދި އަހަންނާ ދިމާއަށް ބަލާލިއެވެ. 'ތިކަން ނިމުމަކަށް ގެންނަން ޖެހޭނީ... ބައްޕަޔަށް އެނގިއްޖެއްޔާ ފައުޒީ މަރާލަންވެސް ފަހަކަށް ނުޖެހޭނެ... ޝަޒިޔާއަކީ އެގޭ އެންމެން މާ ލޯބިވާ މީހެއްނު... އެމީހުންނަކަށް ޝާޒިޔާ ގޯހެއް ނުވާނެ ދޯ... އެކަމު ނާހީއަށް އެނގޭނެ ޝާޒިޔާގެ ގޮތްގަނޑު މިހާރު... މަ ނާހީއާއި ވާހަކަ ދައްކައިގެން ތިކަން ނިމުމަކަށް ގެންނަން ހެދިދާނެ ގޮތެއް ބަލާނަން.'
ނާހިދާކައިރީ އެވާހަކަ ދައްކާނެކަމަށް ބުނުމުން އަހަރެން ހާސްވާގޮތް ވިއެވެ. އަހުމަދަށް އެކަން ވިސްނުނެވެ.
'ނާހީ ވަރަށް އަންޑަސްޓޭންޑިގ ވާނެ... އޭނަޔަށް އެނގުނަސް އޯކޭ ވާނެ.' އަޙުމަދު ބުންޏެވެ. 'އޭނަ އެހެންނޫނަސް ފައުޒީއަށް ވަރަށް ހަމްދަރުދީ ވޭ.'
-ނުނިމޭ-
Pic taken from Phase Drift