Thursday, January 10, 2008

Mamma Dharifulhu Naa Na Naa 17

އެރެއަށްފަހު އަހަރެންގެ ތަންމަތި ފަޅުފިލުވާލަދޭ ބައިވެރިއެއްކަމުގައި ޝާޒިޔާ ވިއެވެ. އޭނާ ކޮންމެ ރެޔަކުހެން ދަންވަރު ގަޑީގައި އަހަރެން ކައިރިއަށް އާދެއެވެ. އަހަރެންނަށް ހަމަޔަށް ނިދި ނުލިބޭން ފެށިއެވެ. ދުވާލު ގަޑީގައި އަހަރެން ހުންނަނީ ނިދި ބޮލަށް އަރާފައެވެ. ކުލާހުގައި ތާޔަށް ޖެހޭގޮތްވެއެވެ.

'ފައުޒީ މިހާރު ހާދަ ފާޑަކަށޭ ތިހުންނަނީ!' އެއްރެޔަކު އިޝާނަމާދަށް ދަމުން މޫސަބޭ އެހިއެވެ. 'ބަލިވެތަ ތި އުޅޭނީ؟'

'ނޫން!' އަހަރެން ބުނީމެވެ.

'މަންމަމެން މަތިން ހަނދާންވަނީ ދޯ؟'

އަހަރެން ޖަވާބެއް ނުދެމެވެ.

'ފައުޒީ ބޭނުމިއްޔާ މޫސަބޭ ގެންގޮސްދީފާނަން ފައުޒީގެ ގެއަށް...' އަހަރެންގެ މޫނަށް ބަލާލަމުން މޫސަބޭ ބުންޏެވެ.

އަހަރެން ދެންވެސް ޖަވާބެއް ނުދެމެވެ.

'ބޭނުންތަ ދާން؟' މޫސަބޭ އެހިއެވެ.

'ނޫން!' އަހަރެން އެގެއަށް ދާކަށް ބޭނުމެއް ނުވެއެވެ. އާއިލާގެ އެންމެން މަތިން ކިތަންމެ ހަނދާންވިޔަސް، އެމީހުން އަހަރެން މަތިން ހަނދާން ނައްތާލާފައި ވާކަން އަހަންނަށް އެނގޭތީއެވެ.

މޫސަބޭއަށް އަހަރެމެންގެ ސިއްރު ފަޅާއަރާފާނެތީ ބިރުގެންނަމަވެސް، ކޮންމެ ރެޔަކު ޝާޒިޔާ އަންނަ ގަޑިއަށް އަހަންނަށް އިންތިޒާރު ކުރެވެން ފެށިއެވެ. ޝާޒިޔާދެކެ ލޯބި ވެވިގެނެއްނޫނެވެ. ގަޔާވާތީއެއްވެސް ނޫނެވެ. ޝާޒިޔާއާއި އެކު ހޭދަކުރާ ވަގުތުކޮޅުގައި އަހަރެންގެ ހަށިގަނޑަށް ލިއްބައިދޭ ލައްޒަތީ އަރާމުގެ ސަބަބުންނެވެ. ޝާޒިޔާ އެހައި ފަލަ ނޫންނަމަ، އަދި ގޭތެރޭގައި ތުއިވެތުއިވެފަ ނޫޅޭނަމަ އަހަރެންނަށް ޝާޒިޔާއާއި ގަޔާ ވެވިއްޖައިހެވެ. އަހަރެން ނިދާ އެނދު ދެމީހުން އަރާ ތިއްބާ ބިންދައިގެން ހިނގައިދާނެ ކަމުގެ ބިރު އަހަރެންނަށް ހީވާން ފެށިއެވެ. އެހެންވެ، ކޮންމެ ރެއަކު ޝަޒިޔާ އައުމުން ކޮޓަރީގެ ތަރުފާލު މައްޗަށް އެނދުގެ ގޮދަޑި ބަދަލު ކޮށްލަނީއެވެ.

ޝާޒިޔާ ކޮންމެ ރެޔަކު އަންނަން ފެށުމުން އަހަރެންނަށް އަންމަޑޭގެ އެހީތެރިކަން ހޯދަން ބޭނުންވިއެވެ. ކަމެއް ގޯސް ވެދާނެތީ އަހަރެން ބިރުގަތީއެވެ. އަހަރެން ރިލުވާނާއި އަންމަޑޭއަށް ޝާޒިޔާގެ ވާހަކަ ކިޔައިދިނީމެވެ.

'ކޭ ތީ ނަސީބު ގަދަ ޅާއެއް އިނގޭ!' އަންމަޑޭ ބުންޏެވެ. 'ގޭތެރޭން ކޭ އަށް ހުރިހާ ކަމެއް ފުދޭގޮތް ވީނު ތި؟'

'ދެންހެޔޮ ދޯ މީހާ ޑަބަލް ބެޑެއްވަރު ވިޔަސް!' ރިލުވާނު ބުންޏެވެ.

'ކަލޯ ރިލޫ... ވަރަށް އަރާމުވާނެ... އެކަހަލަ ޗަބީ ޅާޔަކު އަތު ޖެހުނީމަ ކޭ އަށްވެސް އެނގޭނީ!' އަންމަޑޭ ބުންޏެވެ. 'ނޫންތަ ފައުއްޓޭ؟'

އަހަރެން އާންއެކޭ ބުނުމުގެ ގޮތުން ބޯޖަހާލީމެވެ. އަންމަޑޭ އިތުރަށް އޮޅުން ފިލުވަން ބޭނުންވިއެވެ. ނަމަވެސް އަހަރެން އެ ހުރިހައި ތަފްޞީލު އަންމަޑޭއަށް ކިޔައިދޭކަށް ބޭނުމެއް ނުވިއެވެ.

އަންމަޑޭ އަހަރެންނަށް ކޮންޑޮމް ފޮއްޓެއް ދިނެވެ. އަދި ހުސްވީމަ ބޭނުމިއްޔާ އަންގާލާށޭ ބުންޏެވެ. އަންމަޑޭ އެއެއްޗިހި ހޯދަނީ ކިހިނެއް ކަމެއް ނޭންގެއެވެ. އަހަރެން އެޔެއް އޮޅުން ފިލުވާކަށް ބޭނުމެއްވެސް ނުވެއެވެ.

'އަހަރެން ދެކެ އެއްވެސް ވަރަކަށް ލޯބިވޭތަ؟' އެއްރެއަކު ޝާޒިޔާ އަހަރެން ކައިރީ އެހިއެވެ.

'ލޯބިވުން އެހާ މުޙިއްމުތަ؟' އަހަރެން އެހީމެވެ. 'ޝާޒިޔާ ބޭނުންވާ ކަންތައް ކަންތައް ވަންޏާ އެ ނިމުނީނު.'

'ތިބުނީ ފައޫ ބޭނުމެއް ނުވެޔޭތަ އަހަރެން އަންނާކަށް؟'

'މަށެއް ތިހިނެއް ނުބުނަމެއްނު.'

'އަޅެ ބުނެބަލަ... މަށާ އެއްވެސް ވަރަކަށް ގަޔާވޭތަ؟'

'ކިހިނެއް ހީވަނީ؟' ކޮންޑޮމް ޕެކެޓެއް ކަނޑާލުމަށްފަހު ކޮންޑޮމް ލައްވާލަމުން އަހަރެން ބުނީމެވެ.

ޝާޒިޔާ ހިނިތުން ވެލިއެވެ. 'ހީވަނީ ވާހެން... އެކަމަކު ޔަޤީނެއް ނޫން.'

'ހީވާނީ ރަނގަޅަށް.'

'ފައޫ ލޯބިވާ އެހެން ކުއްޖަކު ހުރޭތަ؟'

'ތިދެން ކޮންވާހަކައެއް؟' ގޮދަޑީގައި އޮށޯވެގެން އޮތް ޝާޒިޔާއާއި ދިމާއަށް ތިރިވެލަމުން އަހަރެން ބުނީމެވެ.

ޝާޒިޔާ އަހަރެންގެ މޭމަތީގައި ފައިތިލް ޖައްސާލިއެވެ. އަދި ތިރިވިޔަ ނުދީ ހިފަހައްޓާލިއެވެ. 'ބުނެބަލަ!'

'ހުރުން އެއީ މައްސަލައެއްތަ؟' އަހަރެން ހިންދެމިލަމުން ބުނީމެވެ.

'އެހެންވީމަ ހުރޭ ދޯ؟.. އެއީ ކޮންނަމެއް ކިޔާ ކުއްޖެއް؟'

އަހަރެން ހިތްހަމަ ނުޖެހޭގޮތް ވިއެވެ. އަހަރެން މީހަކު ދެކެ ލޯބިވިއްޔާ ޝާޒިޔާއަށް ކީއްހެއްޔެވެ؟ އޭނާ ބޭނުންވާ ކަންތައް ވަނިކޮށް އެ ނިމުނީ ނޫން ހެއްޔެވެ؟ އަހަރެން ޝާޒިޔާގެ ކިބައިން ބޭނުންވާހާވެސް އެއްޗަކީ ކޮންމެ ރެއަކު އޭނާ އަންނަ ވަގުތު ކޮޅުގައި އެލިއްބައިދޭ ވަގުތީ އަރާމެވެ. 'ހަމަ ގައިމުވެސް ޝާޒިޔާއެއް ނޫން ކިޔަނީ!'

ޝާޒިޔާ އެއްވެސް އެއްޗެކޭ ނުބުނެ އަހަރެންނާ ދިމާއަށް ބަލަހައްޓައިގެން އޮތެވެ. އޭނާގެ މޫނުމަތިން ހިތްހަމަ ނުޖެހުމުގެ އަސަރު ފެންނަން ހުއްޓެވެ.

'ކިހިނެއްވީ؟' އަހަރެން އެހީމެވެ. 'މަށަކަށް ޝާޒިޔާދެކެ ގަދަކަމުން ލޯތްވެއް ނުވެވޭނެ...'

'އަހަރެން ފަލަވީމަތަ؟' ޝާޒިޔާ އެހިއެވެ.

އަހަރެން ބޯ ހޫރާލީމެވެ.

'ދެން ކީއްވެ؟'

'މަށަކަށް ނޭންގެ.' އަހަރެން ކުޑަކޮށް ރުޅިއަންނަގޮތް ވިއެވެ. 'މިދެން ކޮން ވާހަކައެއް؟.. މަށެއް ބޭނުމެއް ނޫން މިވާހަކަ ދައްކާކަށް.'

'ފައޫ ރުޅިއައީތަ؟' ޝާޒިޔާ ހިނިތުން ވެލަމުން ބުންޏެވެ. ' ފައޫ ރުޅިއައީމް ވަރަށް ލޯބި!.. ހީވަނީ ކިއުޓް ބޭބީއެއްހެން.'

'އެހެންތަ؟.. އަޅެ ބޭބީއެއްނޫންކަން އަންގާލަންތަ؟' އަހަރެން ނުރުހުންވެގެން ހުރެ ބުނީމެވެ. އަދި ޝާޒިޔާއާއި ދިމާއަށް ތިރިވާން ފެށީމެވެ.

'އަޅެ ތިހުރި ކުޅަދާނަކަމެއް ދައްކާލަބަލަ!' ހިނިތުންވެގެން އޮވެ ޝާޒިޔާ ބުންޏެވެ.

އެވަގުތު ސިޓިންގރޫމްގައި މީހަކު އުޅޭހެން އަހަރެންނަށް ހީވިއެވެ. އަހަރެން ކޮޅަށް ތެދުވީމެވެ. އަދި އެއްވެސް އަޑެއް އިވޭތޯ ސަމާލުވެލީމެވެ.

'ކިހިނެއްވީ؟' ޝާޒިޔާ އެހިއެވެ.

'ޝްޝހހ!' އަހަރެން ތުންފަތުގައި ޝާހާދަތް އިނގިލި ޖައްސާލީމެވެ. ޝާޒިޔާ ހަމަހިމޭންވިއެވެ.

ކޮޓަރީގައި ހުރި ފަންކާގެ އަޑާއި އަހަރެންގެ ނޭވާގެ އަޑުނޫން އެހެން އަޑެއް އަހަރެންނަކަށް ނުއިވެއެވެ. ނަމަވެސް މީހަކު އުޅޭތޯ ނޫޅޭތޯ ޔަޤީން ކުރަން އަހަރެން ބޭނުންވިއެވެ. އަހަރެން އަވަސް އަވަހަށް ސޯޓު ލީމެވެ. އަދި ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު އަހަރެން ސިޓިންގރޫމަށް ނުކުތީމެވެ. ސިޓިންގރޫމުގައި ދިއްލާފައި ހުރި ބޮކީގެ ފަނޑު އަލީގެތެރެއިން އަހަރެން ސިޓިންގރޫމަށް ނަޒަރު ހިންގާލީމެވެ. އެވަގުތު އަހަރެންގެ ހިތް ބާރުބާރަށް ތެޅިގަނެގެން ދިޔައެވެ. މޫސަބޭ އާއްމުކޮށް އިށީންދެގެން އިންނަ ސަރަންފީ ގޮނޑީގައި މީހަކު އިށީންދެގެން އިނެވެ. ނަމަވެސް ގޮނޑި ހުރީ އަހަރެންނަށް ފުރަގަސްވާގޮތަށް އަނބުރާލާފައި ކަމަށް ވުމުން އަހަރެންނަށް ފެންނަނީ އެމީހަކުގެ ބޮލުގެ މަތީބައެވެ.

އަހަރެންގެ ހަތަރެސްފައި ފިނިވާގޮތް ވިއެވެ. އެކަމަކުވެސް ދާވެސް ހިއްލަންފެށިއެވެ. ހަދާނެގޮތް ބޮޑުވިއެވެ. އެއީ ކާކުތޯ ބަލަންވެސް ބޭނުންވިއެވެ. އެކަމަކު އެމީހަކަށް އަހަރެންގެ ކޮޓަރީގައި ޝާޒިޔާ އޮތްކަން އެނގޭކަމަށް ވާނަމަ ނުވަތަ އެނގިއްޖެ ނަމަ އަހަރެންގެ ދުވަސް ދިޔައީއެވެ. ހިތަށް ވެރިވެފައިވާ ހާސްކަމާއި ނުތަނަވަސް ކަމުގެ ތެރޭގައިވެސް، އެއީ ކާކުތޯ ބަލާނެ އުކުޅެއް އަހަރެންނަށް ވިސްނުނެވެ. އަހަރެން ކޮޓަރީގެ ދޮރު ބޭރުން ލައްޕާލީމެވެ. އަދި ފެންބޯންކަމަށް ހަދާފައިގޮސް ބަދިގެއަށް ވަނީމެވެ. ބަދިގޭން ނުކުންނަ އިރު އެ ގޮނޑީގައި އިން މީހަކު އިންނާނީ ސީދާ އަހަރެންނަށް ކުރިމަތިވާ ގޮތަށެވެ.

އަހަރެން އައިސް އަލަމާރިން ފެންފުޅިއެއް ނެގީމެވެ އަދި ތައްޓަކަށް ފެންފޮދެއް އެޅުމަށްފަހު، ފެންފޮދު ބޯލީމެވެ. އޭރު އަހަރެންގެ އަތުގައި މަޑުމަޑު ތުރުތުރެއް އުފެދިފައި ހުއްޓެވެ. އަހަރެން ފެންބުއި ތަށި ބެހެއްޓުމަށްފަހު، ބަދިގޭން ނުކުތުމަށްޓަކައި އެނބުރިލީމެވެ. އަދި ސިޓިންގރޫމުގައި އިން ސަރަންފީ ގޮނޑިއަށް ބަލާލީމެވެ.

އެވަގުތު އަހަރެންގެ މެޔަށް ހޫނު ފެންއެއްޗެއް އަޅާލިހެން ހީވިއެވެ. ހަތަރެސްފައި ތުރުތުރު އަޅައިގަނެގެން ދިޔައެވެ. ނޭވާލާން އުނދަގޫވިއެވެ. ކަޅިޖަހާނުލާ އަހަރެންގެ މޫނަށް ބަލަހައްޓައިގެން އެ ސަރަންފީގައި އިނީ.....

-ނުނިމޭ-

2 comments:

Mulhadhevi said...

E saranfeega inee Shahu dhatha dho? hehehe heevany ehen hen vaany....hehe v salhi ingey.. maa avaha falhaaerydho?

Unknown said...

hey, nice ending mifaharu....can't wait to know who that person is......? when is the other episode due? :)by the way....... gud descriptions ingey........ lookin forward to the next episode ......