Monday, April 20, 2009

Mamma Dharifulhu Naa Na Naa 23


'ކިހިނެއްވީ؟' އަހަރެމެން ކައިރިއަށް އައިސް ސައިކަލު މަޑުކޮށްލަމުން އައްމަޑޭ އެހިއެވެ.

'މިޅާ ޅައެއްޗެއް އެޅީ!' ރިލުވާނު ހިތްހަމަ ނުޖެހުމުގެ ރާގެއްގައި ބުންޏެވެ.

އަހަރެން އިސް އުފުލާވެސް ނުލާ ތޮށިގަނޑު މަތީ އިނީމެވެ. އަހަރެމެން ތިބީ ލޮނުޒިޔާރަތް ކޮޅުގައެވެ.

'އެ ޗަބީޅާ ބަނޑުބޮޑުވީތަ؟' އައްމަޑޭ ހައިރާންކަން އެކުލެވިގެންވީ އަޑަކުން އެހިއެވެ.

އަހަރެން އާނއެކޭބުނުމުގެ ގޮތުން ބޯޖަހާލީމެވެ. އަނގަބަހުން ޖަވާބުދޭހައި ހިތްވަރެއް އަހަރެންގެ ގަޔަކުނެތެވެ. މޫސަބޭ އިމަޖެންސީ ރޫމުން ނުކުތްއިރު އޭނާގެ މޫނުމަތީގައިވީ ރުޅިވެރިކަމުގެ އަސަރު އަހަރެންގެ ސިކުނޑިން ދުވަހަކުވެސް ފިލާ ނުދާނެއެވެ. އަހުމަދު އަހަރެންގެ ދިފާއުގައި އަވަސް ނުވެގެންނަމަ މޫސަބޭ އަހަރެން މަރާލަންވެސް ފަހަށް ނުޖެހުނީހެވެ. އަހުމަދު މޫސަބޭ ގައިގައި އޮޅުލައިގަތުމަށްފަހު އަވަހަށް އެތަނުން ދިއުމަށް އަހަރެންކައިރީ ބުނީ ކީއްވެކަމެއް އަހަރެންނަކަށް ނޭންގެއެވެ. ނާހިދާވެސް އަހުމަދުގެ ބަސް އެހުމަށް އަހަރެންނަށް ބޮލުން އިޝާރާތް ކޮށްލިއެވެ. އެދެމީހުން އަހަރެންނަށް އަނިޔާއެއް ނުވަތަ ދެރަގޮތެއް ވާންވެސް ނޭދޭ ކަހަލައެވެ. އެމީހުން އަހަރެންނަށް އެހައި ހެޔޮއެދުނީ ކީއްވެހެއްޔެވެ؟ އެސުވާލުގެ ޖަވާބު އަހަރެންނަށް ލިބުން ވަރަށް ނާދިރެވެ. އެގެޔަށް ދެވަނަފަހަރަށް ވަދެފިނަމަ ފުރާނަ ސަލާމަތް ނުވާނެކަމުގެ ބޮރު އަހަރެންނަށް ވަރަށް ބޮޑެވެ.

'ކޭ މަދިން ކޮންޑޮމްތައް ބޭނުމެއް ނުކުރަންތަ؟' އައްމަޑޭ ސުވާލުކުރިއެވެ

އަހަރެން ނޫނެކޭ ބުނުމުގެ ގޮތުން ބޯހޫރާލީމެވެ.

'ދެންކީއްވެ އެޅާ ޕްރެގް ވާންވީ؟' އައްމަޑެގެ އަޑުގައިވަނީ ހައިރާންކަމާއި ގަބޫލުކުރަން ދަތިވުމުގެ އަސަރެވެ.

އަހަރެން ނޭންގެއޭ ބުނުމުގެ ގޮތުން އަތުން އިޝާރާތް ކޮށްލީމެވެ.

'މިޅާ ބުނި ބަރާބަރަށް ކޮނަޑޮމް ބޭނުންކުރާ ވާހަކަ.' ރިލުވާނު ބުންޏެވެ. އޭނާގެ އަޑުގައިވެސް ވަނީ ގަބޫލުނުކުރެވުމުގެ އަސަރެވެ. 'އެކަމު ބޭނުން ކުރިނަމަ ޕްރެގް ވެގެން ނުވާނެ ދޯ!'

'ނޭންގެ! ބައެއްފަހަރު ވެދާނެ! އޭ ހަންޑރެޑް ޕަސަންޓް ޅާއެއް ނޫނޭ.' އަންމަޑޭ ބުންޏެވެ.

'ސީކޮށްތަ؟' ރިލުވާނު ހައިރާންވެފައި އެހިއެވެ.

'އާނ! ތިޅާޔަށް އެކަމެއް ނޭންގޭ؟' އައްމަޑޭ ނުރުހުމުގެ ރާގެއްގައި ބުންޏެވެ.

އަހަރެން އަނގައިންވެސް ނުބުނެ އެމީހުން ދައްކަމުން ދިޔަ ވާހަކަތައް އަޑުއަހަން އިނީމެވެ. އެކަމަކު އެމީހުން ދައްކާ ވާހަކަ އަޑުއަހައިގެން ދެން ކުރާނެ ފައިދާއެއް ނެތްކަން އަހަރެންނަށް އެނގެއެވެ.

'އެ ފަލަޅައިގެ ގޭމީހުންނަށް އެނގޭތަ؟' އައްމަޑޭ އެހިއެވެ.

'އެނގޭހޭ! އެޅައިގެ ބައްޕަ މިޅައި މަރާނުލީ ކިރިޔާޔޯ؟'

'ސީކޮށް؟'

'އާނ! އެގޭގަ އުޅޭ އެހެންޅާޔަކު މިޅައި ސަލާމަތް ކުރީ! ނަސީބެއް އެޅައި އެވަގުތު އެތަނުގަ ހުރިކަން. އެހެންނޫންނަމަ ދެން މިޅާޔާ ބައްދަލުކުރަން ދާންޖެހުނީހީ ސަހަރާޔަށް.'

'އޭރުން މާ ރަނގަޅުވީސް!' ބެދިފައިވާ އަޑަކުން އަހަރެން ބުނީމެވެ. އައްމަޑޭއާއި ރިލޫ އެކަކު އަނެކަކުގެ މޫނަށް ބަލާލިކަމުގެ އިހުސާސް އަހަރެންނަށް ކުރެވުނެވެ. ނަމަވެސް އެކަކުވެސް އަނގަޔަކުން ނުބުނެއެވެ.

'ތިގޮލާ ކިހިނެއް ހަދަނީ ދެން؟' ތިންމީހުންގެ މެދުގައި ވީ ހަމަހިމޭންކަން ފޫދުއްވާލަމުން އަންމަޑޭ އެހިއެވެ.

'ނޭންގެ.' އަހަރެންގެ އަޑު ނުކުންނަނީ ވަރަށް އުނދަގުލުންނެވެ.

'ތިގޮލާގެ އަސްލު ގެއަށް ދާންވީނު!' އަންމަޑޭ ބުންޏެވެ.

އަހަރެން ބޯހޫރާލީމެވެ.

'ކިހިނެއްވީ؟'

'އެއާލާތުން ކައިރިއަށް ގޮސްގެން މިޅާޔަށް ވަކި ރަނގަޅުވާނެހެން ހީވޭތަ؟' ރުޅިވެރިކަން އެކުލެވިގެންވީ ރާގެއްގައި ރިލުވާނު ބުންޏެވެ.

'އެ ކިހިނެއްވީ؟' އައްމަޑޭ އެހިއެވެ.

'އެއާލާތުން މިޅައި ރަށަކަށް ފުނުވާލާފަ މަރުވިތޯވެސް ބަލާނުލާ. މާލެ އައީމަ ދެކިލަންވެސް ނާދޭ. މިޅައިގެ މަންމަ މިޅާދެކެ ވަރަށް ރުޅި އާދެޔޭ.' އަހަރެން ރިލޫއަށް އޭގެ ކުޑައިރުކޮޅެއް ކުރިން ކިޔައިދިން ވާހަކަތައް ރިލޫ އަންމަޑޭއަށް ކުރުގޮތަކަށް ކިޔާލަދިނެވެ. އަންމަޑޭ އިތުރަށް އޮޅުންފިލުވަން ބޭނުންވިއެވެ. ނަމަވެސް އެވާހަކަ ފަހުން ކިޔައިދޭނެ ކަމުގައި ރިލޫ ބުންޏެވެ.

'ދެން ކޭގެ އެހެން ތިމާގެ މީހަކު ނުހުރޭތަ؟' އައްމަޑޭ އެހިއެވެ.

އަހަރެން ބޯހަލުވާލީމެވެ.

'ރައްޓެހި އެހެން ގެއެއްވެސް ނުހުރޭ؟' އައްމަޑެ އަނެއްކާވެސް އެހިއެވެ.

'އައްމަޑޭ! ކޭމެންގެއަށް މިޅައި ގެންދަންވީނު!' ރިލުވާނު ބުންޏެވެ. ހީވީ އަހަރެންނަކީ ކުޅޭއެއްޗެއް ހެނެވެ. ބޭނުންވުމުން ބޭޏުންތަނަކަށް ގެންދަންވީހެނެވެ. 'މިހާރު އާގެއަށް ބަދަލުވީމަ ތަންވެސް ހުންނާނެއެއްނު!'

އައްމަޑޭ ވިސްނާލަން ވަގުތުކޮޅެއް ނެގިއެވެ. އިންތަނުން ތެދުވެގެން ދުވެފައި އެތަނުން ދިއުމަށް އަހަރެންގެ ހިތަށް އެރިއެވެ. އެކަމަކު އަހަރެން ދާނީ ވަކި ކޮނަތާކަށް ހެއްޔެވެ؟ އުފަން ރަށުގައި ބީރައްޓެއްސެއްގެ ގޮތުގައި މިއޮއްހުރިހައި ދުވަހު އުޅުނީ އެހެންގޮތެއް ނެތިގެނެވެ. މިއަދު ވަކިގޮސް ވަންނާނީ ކޮންތާކަށް ހެއްޔެވެ؟ މުޅި އުމުރު މަގުމަތީގައި ގަނަތެޅެން ޖެހުނަސް މަންމަ ކައިރިއަށް ގެއަށް ދާކަށް އަހަރެން ބޭނުމެއް ނޫނެވެ. އަހަރެން ރަށަށް ފޮނުވާލާފައި ހާލުބަލާ ނުޅީތީއެއް ނޫނެވެ. މާލެއައުމުން ދެކިލަން ނައީތީއެއްވެސް ނޫނެވެ. މަންމަގެ އޯގާތެރިކަމެއްނުވާ ހަރުކަށި ބަސްތަކާއި ނަފްސާނީ އަނިޔާތަކަށް އަލުން ކުރިމަތިލެވޭހައި ހިތްވަރު އަހަރެންގެ ގައިގާ ނެތީއެވެ.

'މަޑުކުރޭ މަންމައަށް ގުޅާލާނަން!' ކުޑައިރުކޮޅަކު ވިސްނާލުމަށްފަހު އަންމަޑޭ ބުންޏެވެ. އަދި އަހަރެމެން ތިބިތަނާ ކުޑަތަންކޮޅެއް ދުރަށް ޖެހިލިއެވެ. އަހަރެން އައްމަޑޭއަށް ބަލާލީމެވެ. އޭނާ ޖީބުން މޯބައިލް ފޯނެއް ނެގުމަށްފަހު ނަމްބަރަކަށް ގުޅާލިއެވެ. އެއީ އަހަރެން މޯބައިލް ފޯނެއް ހަމަލޮލުން ދެކުނު ފުރަތަމަ ފަހަރެވެ.

'މަންމަ ބުނީ އޯކޭއޯ.' އޮރުގަނޑަކު ފޯނުން ވާހަކަ ދައްކަން ހުރުމަށްފަހު އަންމަޑޭ އަހަރެމެން ކައިރިއަށް އައިސް ބުންޏެވެ. އަހަރެން އަންމަޑޭގެ މޫނަށް ބަލާލީމެވެ. އޭނާގެ ލޮލުގައި ވަނީ ހަމްދަރުދީއެވެ. 'ކޭގެ އެއްޗެހިތައްވީ އެގޭގަތަ؟'

އަހަރެން އާނއެކޭބުނީމެވެ.

'ކިހިނެއް އެ އެއްޗިހި ގެންނަނީ؟' އައްމަޑޭ އެހިއެވެ.

އަހަރެން އަންމަޑޭއަށް އަހުމަދުމެންގެ ކޮޓަރީ ފޯނުނަމްބަރު ދިނީމެވެ. އައްމަޑޭ އަހުމަދަށް ގުޅިއެވެ.

'ރިލޫ ކޭހިނަގާ މަށާއެކު އެއެއްޗިހި ބަލާ!' އަހުމަދާ ފޯނުން ވާހަކަ ދެއްކުމަށްފަހު އައްމަޑޭ ބުނަޏެވެ. 'ފައުއްޓޭ ކޭ މިތާ މަޑުކުރޭ! އަހަރެމެން އަންނާނަން އެއްޗެހި ހިފައިގެން.'

އަންމަޑޭމެން އަހަރެންގެ ފޮށި ހިފައިގެން އަންނަން ގަޑިއެއްހައި އިރު ވިއެވެ. ރިލޫ އައްމަޑޭގެ ސައިކަލުން ފޭބުމަށްފަހު މަގުމަތިން ޓެކްސީއެއް ހުއްޓުވިއެވެ. އަދި އަހަރެމެން ޓެކްސީއަށް އެރުމުން އައްމަޑެ ސައިކަލަށް އަރާ ދުއްވާލިއެވެ.

ޓެކްސީން ފޭބުމަށްފަހު އަހަރެންނަށް ހުރިފިޔަވަޅުމައްޗަށް ހުއްޓެވުނެވެ. އޭރު އަހަރެންނަށް ހުރެވުނީ މިއަދު އަހަރެންނަށް މިކުރިމަތިވެފައިވާ މުސީބާތުގެ އަސްލު ފެށުނު ގޭގެ ކުރިމަތީގައެވެ. ނަމަވެސް މިއަދު އެގެ ވަނީ ހަދާ ނިމިފައެވެ. އެގެއަކީ އަންމަޑޭމެންގެ ގެކަން އަހަރެން ހަނދާންވީ ކުޑައިރުކޮޅެއް ފަހުންނެވެ. އޭރު އެގެ ހަދަންވެގެން އަންމަޑޭމެން އެހެން ގެއްކަށް ބަދަލުވެގެން އުޅުނީއެވެ.

އަހަރެންނަށް ވިސްނާލެވުނެވެ. ދުނިޔެއަކީ ކޮންފަދަ އަޖައިބު ކުޅިވަރުތަކެއް ދައްކާ ތަނެއްހެއްޔެވެ؟ މިއަދު އަހަރެން އައިސް މިވަންނަނީ އަހަރެންގެ ހަޔާތުގެ ދަތުރުގައި މިސްރާބު ބަދަލުކޮށް މަގުއޮޅުވާލި ހިޔާވަހިކަމުގެ ދަށަށެވެ.

ނުނިމޭ

Pic taken from Phase Drift

9 comments:

Unknown said...

haadha baivaru lhaviyanjekey

Unknown said...

haadha baivaru lhaviyanjekey

naju said...

saadhu buni thedheyy haadha lhaviyani ginaey.. mivahaka continiu nuvane tha dhen vahakai ga dhe ahmed ulhey thi v udha goo vaahaka varah reethi

Unknown said...

plz anehbai genes dheebala. lhaviyani ginviyas vaahaka varah reethi. dhen ahmed ah vaagoi varah balaalaa hiyevey.

Anonymous said...

very nice story yaar :D dhuvahakuves mihaa reality hithah genevey kahala vaahaka eh mi noony adhi nukiye... omg this was in 2009. i am reading this in 2012. hehe when is the part 24... dhen upload kohlabaa avahah
"thiya lhaa maruveetha anehkaa?"
hehe just kidding ^_^ ..

Anonymous said...
This comment has been removed by the author.
Luvrockz said...

http://esfiya.com އަކީ ވެސް ވަރަށް ރީތި ވާހަކަ ސައިޓެއް!!

Vilu said...
This comment has been removed by the author.
Vilu said...

Thiya bunaa "Ammaday" eh magey kaaree mi vaahaka kiyaalachay thankolhe kurin buni. Adhi mi kiyaalevunee. Vara habeyss!! Avaha continue kohlaa.... ;)