ގޭގެ ދޮރާށި ހުޅުވާލުމާއެކު އެންމެ ފުރަތަމަވެސް އަހަރެންގެ ލޮލުގައި އަޅައިގަތީ ދޮރާށިން އެތެރޭގައި ބަހައްޓާފައި ހުރި ބައިސްކަލެވެ. އަހަރެންގެ ހިތުގައިވީ ނުތަނަވަސްކަން ކޮންމެވެސް ވަރަކަށް ކުޑަވެގެން ދިޔައެވެ. އަހުމަދު އަހަރެންނަށް ބައިސްކަލެއް ގަނެދިނީއެވެ. އޭނާ ވަޢުދުވީ ފަދައިންނެވެ.
'ތީ އަހުމަދު ފައުޒީއަށް ގަނެދިން ބައިސްކަލެއް...'
އެހެންބުނިއަޑު އިވުމުން އަހަރެން ގޭތެރެއަށް ބަލާލީމެވެ. އޭރު ގޭގެ ދޮރުން އެތެރޭގައި އަހަރެންނަށް ބަލަހައްޓައިގެން ނާހިދާ ހުއްޓެވެ. އަހަރެން ހިނިތުން ވެލީމެވެ. ހަޤީގަތުގައިވެސް އަހަރެން ހުރީ ވަރަށް އުފާވެފައެވެ.
'ފައުޒީ! ނިކަން އާދެބަލަ މިކޮޅަށް! ކުޑަވާހަކައެއް ދައްކަންވެފަ އެބަ އޮތޭ!' ނާހިދާ އަތުން އައުމަށް އިޝާރާތްކޮށްލަމުން ބުންޏެވެ.
އަހަރެންގެ ހިތް ނުތަނަވަސް ވިއެވެ. ބައިސްކަލު ފެނުމުން ލިބުނު އުފާވެރިކަން ވަގުތުން ފިލައިގެން ދިޔައެވެ. ނާހިދާ ދައްކަން އެއުޅެނީ ކޮން ވާހަކައެއްކަން އަހަރެންނަށް އެނގުނެވެ. އަހުމަދު ނާހިދާ ކައިރީގައި ޝާޒިޔާގެ ވާހަކަ ދެއްކީކަން ގައިމެވެ.
'އަހުމަދު އެދައްކަނީ ތެދު ވާހަކައެއްތަ؟' އަހަރެން ގޭތެރެއަށް ވަނުމުން ނާހިދާ އެހިއެވެ. ސިޓިނގރޫމްގައި އަހަރެމެން ދެމީހުން ފިޔަވައި އިތުރު މީހަކު ނެތެވެ.
އަހަރެން އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލީމެވެ.
'މިހާރުވެސް ތިކަމެއް ހިނގާތަ؟' ނާހިދާގެ އަޑުގައި ކޮންމެވެސް ވަރެއްގެ ނުރުހުމެއް ހުރިހެން އަހަރެންނަށް ހީވިއެވެ. އޭނާ އަހަރެންދެކެވެސް ކޮންމެވެސް ވަރަކަށް ރުޅި އައިސްފައިވާކަހަލައެވެ.
'ނޫން...' އަހަރެން އިސްދަށަށް ޖަހައިގެންހުރެ މަޑުމަޑުން ބުނެލީމެވެ.
'ކިހިނެއް ވެގެންނޯ މި ނުދާންފެށީ؟'
'ނޭންގެ ކީއްވެގެންކަމެއް.' އަހަރެން ތެދަށް ޖަވާބު ދިނީމެވެ.
'ކޮންއިރަކުން ފެށިގެން ނާންނަން ފެށީ؟'
އަހަރެން ވިސްނާލީމެވެ. 'އަހުމަދު ކައިރީ އެވާހަކަ ބުނިތާ ދެރެއް ފަހުން.'
'އެހެންތަ؟' ވިސްނުމެއްގެ ތެރެއަށް ގެއްލިގެންހުރެ ބުނާފަދަ ރާގެއްގައި ނާހިދާ ބުންޏެވެ.
އަހަރެން ނާހިދާއަށް ބަލާލީމެވެ. އޭނާ ހުރީ ބައިސްކަލާ ދިމާއަށް ބަލަހައްޓައިގެނެވެ.
'ދެންދޭ އެއްޗިހި ބަދަލުކޮށްގެން ކާން.' ނާޙިދާ އެހެން ބުނުމުން އަހަރެން ކޮޓަރިއަށް ވަނީމެވެ. އަހަރެން ޔުނީފޯމު ބާލަމުން ވިސްނާލީމެވެ. ނާހިދާ އެސުވާލުތައް އެކުރީ ކީއްވެހެއްޔެވެ؟ ކަންތައް އޮޅުންފިލުވުމުގެ ބޭނުމުގައި ހެއްޔެވެ؟ ނޫނީ އަހަރެންނާއި އަހުމަދުގެ ވާހަކަ ފުށުއަރާތޯ ބެލުމުގެ ބޭނުމުގައި ހެއްޔެވެ؟ މިކަންތައްގަނޑު ނިމިގެންދާނީ ކިހިނެއްބާއޭ އަހަރެންގެ ހިތަށް އެރިއެވެ.
އަހަރެން އަލުން ސިޓިންގރޫމަށް ނުކުތްއިރު މޫސަބޭ ކާމޭޒުދޮށުގައި އިނެވެ.
'އަވަހަށް އާދޭ ކާން.' އަހަރެން ފެނުމުން މޫސަބޭ ބުންޏެވެ. އޭރު ނާހިދާ ބަތްތައްޓެއް ހިފައިގެން ސިޑިން މައްޗަށް އަރަނީއެވެ.
އަހަރެން ކާމޭޒުދޮށުގައި އިށީންނީމެވެ. އެވަގުތު އީއްކޮ ވަރަށްބާރަށް ދުވަމުން ސިޑިން ތިރިއަށް ފޭބިއެވެ.
'ކާކާ... ތުއްތަ ހޮޑުލަނީ!' އީއްކޮ ވަރަށް ހާސްވެފައި ހުރެ ބުންޏެވެ.
'ހޮޑުލަނިއްޔޭ؟!' މޫސަބޭ ގޮނޑިން ތެދުވަމުން ބުންޏެވެ. އަދި އަވަސް އަވަހަށް ސިޑިއާއި ދިމާއަށް ހިނގައިގަތެވެ.
'ލައްބަ.' އީއްކޮ ޖަވާބު ދިނެވެ. 'ބައިވަރު ހޮޑު ލީ.'
މޫސަބޭ ދިއުމުން އަހަރެން ވާނުވާ ނޭންގިފައި ހަދާނެ ގޮތެއްވެސް ނޭންގިފައި އިނީމެވެ. ކާންވީތޯ ނުވަތަ ޝާޒިޔާއަށް ވީގޮތެއް ބަލަން ދާނީތޯ އަހަރެން ވިސްނާލީމެވެ.
'ފައުޒީ!' މޫސަބޭ ގޮވާލިއަޑު އިވުމުން އަހަރެން ފުންމައިގެން ކޮޅަށް ތެދުވީމެވެ. 'ނިކަން އަވަހަށް މަގުމަތިން ކާރެއް ހުއްޓުވާބަލަ! ބުނޭ ވަރަށް އަވަހަށް ހޮސްޕިޓަލަށް ދާންޖެހިގެނޭ.'
އަހަރެން ދުވެފައި މަގުމައްޗަށް ނުކުތީމެވެ. އަދި ވަރަށް އުނދަގުލުން ކާރެއް ހުއްޓުވީމެވެ. އޭރު އަހުމަދާއި މޫސަބޭއާއިވެގެން ޝާޒިޔާ ސިޑިން ތިރިޔަށް ބާލައިފިއެވެ. އަހަރެން ކާރުހުއްޓުވި ވާހަކަ ބުނަންވެގެން ގެއަށް ވަންއިރު އެދެމީހުން ތިބީ މާނޭވާ ލެވޭވަރު ވެފައެވެ. ޝާޒިޔާ އޮތީ އަނބުރައިގެންފައެވެ. ޝާޒިޔާ ފެނުމުން އަހަރެންގެ ހިތް ބާރުބާރަށް ތެޅިގަތެވެ. ޝާޒިޔާއަށް ކިހިނެއްވީބާއެވެ؟
ޝާޒިޔާ ގެންދިޔައީ އައި.ޖީ.އެމް ހޮސްޕިޓަލަށެވެ. ޝާޒިޔާ ގޮވައިގެން މޫސަބޭއާއި އަހުމަދު އަދި ދައްތަ ދިއުމުން އަހަންނާއި ނާހިދާވެސް އީއްކޮ ގޮވައިގެން ހޮސްޕިޓަލަށް ދިއުމަށްޓަކައި އެހެން ކާރެއް ހުއްޓުވީމެވެ. މޫސަބޭއާއި ދައްތަ ޝާޒިޔާ ގޮވައިގެން އިމަޖެންސީ ރޫމަށް ވަނެވެ. އަހަރެމެން މަޑުކުރީ އިމަޖެންސީރޫމާއި ދިމާ ބޭރުގައި ބަހައްޓާފައިހުރި ގޮނޑިތަކުގައެވެ. ގޮނޑީގައި އިށީންދެގެން އިންއިރު އަހަރެންގެ ހިތަށް ބުނަންވެސް ނޭންގޭފަދަ ނުތަނަވަސްކަމެއް ވެރިވަމުން ދިޔައެވެ. ގޮނޑީގައި ހިމޭނުން އިންނަންވެސް އަހަރެންނަށް އުނދަގޫވިއެވެ. ޝާޒިޔާއަށް ވީގޮތެއް އެނގޭނެ އިރަކަށް އިންތިޒާރު ކުރެވެމުން ދިޔައެވެ.
އެތައް އިރެއް ވީފަހުން އިމަޖެންސީ ރޫމްގެ ދޮރު ހުޅުވުމުން އެންމެނަށް އެއްފަހަރާ އެދިމާއަށް ބަލާލެވުނެވެ. އޭރު ދޮރުމަތީ މޫސަބޭ ހުއްޓެވެ. ކަޅިޖަހާނުލާ އަހަރެންނާ ދިމާއަށް ބަލަހައްޓައިގެނެވެ. މޫސަބޭގެ ލޮލުގައި އެވަގުތުވީ ނަފުރަތުގެ އަސަރު އަހަރެންގެ ފައިން ފެށިގެން ބޮލާ ހަމަޔަށް ހީބިހި ނަގުވާލިއެވެ. އަހަރެންގެ މޭ ބާރުބާރަށް ތެޅޭނަފެށިއެވެ. ހަތަރެސްފައި ފިނިވެ މުޅިމީހާ ތުރުތުރުއަޅަންފެށިއެވެ. މޫސަބޭ މުއްކަވާލާފައި ހުރިއިރު އޭނާގެ މުޅި ހަށިގަނޑު ތިރުތުރުއަޅަމުން ދިޔައެވެ. އަހަރެންނަށް ބޭއިޚުތިޔާރުގައި ކޮޅަށްތެދުވެވުނެވެ.
=ނުނިމޭ=
1 comment:
i will keep reading..
Post a Comment