Sunday, December 9, 2007

Mamma Dharifulhu Naa Na Naa 12

އަހަރެން މާލެ އައިއިރު ސްކޫލްތަކުގެ ބޮޑުބަންދު ޗުއްޓީ ފެށުނީއެވެ. ރަށު ސްކޫލުގެ ގްރޭޑް ހަތެއް ނިންމާފައި މާލެ އައުމުގެ ސަބަބުން، ވަރަށް ފަސޭހަކަމާއެކު އެމް.އީ.އެސްގެ ގްރޭޑް އަށަކުން އަހަރެންނަށް ޖާގަ ލިބުނެވެ. ސްކޫލަށް ވެއްދުމުގެ ހުރިހައި ޒިންމާއެއް އުފުލުމަށްފަހު، މޫސަބޭ އަހަރެންނަށް ބާޒާރު ކުރާށާއި މާރުކޭޓަށްގޮސް މަސް ގަންނަން ދަސްކޮށްދިނެވެ. ކުރިން މާލޭގައި އުޅުނު ނަމަވެސް އަހަރެންނަށް މާލޭގައި ތަންތަނަށް ގޮސް ހަދާކަށް ނޭންގެއެވެ.

މޫސަބޭގެ ހަތަރު ދަރީންނާއި އަންބަކު ހުރެއެވެ. އެ ހަތަރު ދަރީން ތެރެއިން ދޮއްޓަށް ތިބޭ ދެ އަންހެން ދަރީންނާއި ފިރިހެން ދަރިފުޅު އުޅެނީ މީހުނާ އިނދެގެނެވެ. ހަގަށް ހުންނަ އަންހެން ކުއްޖާ ފެށޭއަހަރު ބަދަލުވާނީ އަމީނިއްޔާގެ ގްރޭޑް ނުވައަކަށެވެ. އެއީ ޝަޒިޔާއެވެ. ހަތަރު ދަރީންތެރެއިން މޫސަބޭ އެންމެ ލޯބިވާ ދަރިފުޅެވެ. އެއާއިލާގެ އެންމެންވެސް ޝާޒިޔާދެކެ ވަރަށް ލޯބިވެއެވެ. އެމީހުން ވާ ލޯބީގެ ހެކި ޝާޒިޔާގެ ގައިގާ ޖަހާފައިވާ ލޮކި މަސްތަކުން ހާމަވާހައިވެއެވެ.

އަހަރެން އެގެއަށް ދިޔަ ދުވަހުން ފެށިގެން ޝާޒިޔާ އަހަރެންނަށް ވަރަށް ބަލާކަން ފާހަގަ ކުރެވުނެވެ. އޭއްޗެކޭމީއްޗެކޭ ކިޔައިގެން އަހަރެންނާ ވާހަކަ ދައްކަން މަސައްކަތް ކުރެއެވެ. އުމުރުން ސާދަ އަހަރު ފުރިފައި ވުމާއެކު އަހަރެންނަށްވެސް މިވަނީ ކީއްކަން އެނގޭހައި ވިއެވެ. އެކަމަކު އަހަރެން ޝާޒިޔާއާއި އެއްގޮތަކަށްވެސް ގަޔާއެއް ނުވެއެވެ. ވެއްޓިއްޖެއްޔާ ނަގާބަހައްޓާނެ ކޮޅެއްވެސް ނޭންގޭހައި ފަލަވީމައެވެ. ތަށިބަރިއެއްހެން ގައިގެ ވަށައިގެން މަސްޖަހާފައި ހުންނައިރުވެސް ގަޔަށްބާރު ހެދުން ލާފައި ހުންނާތީއެވެ. އުމުރަށްވުރެ ޅަވެގެން، ތުއިވެ ތުއިވެފައި ވާހަކަ ދައްކާތީއެވެ. ތުއްތު ކުއްޖެއްހެން މޫސަބޭގެ އުނގަށް އެރި އުޅޭތީއެވެ. އެހެން އުޅެނިކޮށް މޫސަބޭގެ ސަރަންފީ ގޮނޑި ބިންދައިގެން ދެމީހުން ސިޓިންގރޫމް ތެރެއަށް ވެއްޓުނު ދުވަހު އަހަރެން ކައިރިއަށް ނުލަފާ ހިންޏެއް އައެވެ. އެކަމަކު ހިނިގަނޑު އޮއްބާލާފައި ގޮސް ދެމީހުން ނެގޭތޯ ބެލީމެވެ. އެކަމަކު އަހަރެންނަކަށް ޝާޒިޔާއެއް ނުނެގުނެވެ. އޭނާ ނެގުނީ މޫސަބޭގެ އެންމެ ދޮށީ އަންހެން ދަރިފުޅު ނާހިދާގެ ފިރިމީހާ، އަހުމްދުގެ އެހީއާއިވެސް އެކުގައެވެ.

އަހަރެން މޫސަބޭއާއިއެކު ފަސްވަގުތު ނަމާދަށް ދަމެވެ. މިސްކިތަށްދާން ނުކުންނަ ކޮންމެ ފަހަރަކު އަހަރެން ދޮންބެ މަތިން ހަނދާންވެއެވެ. މިސްކިތުން ދޮންބެއާއި ދިމާވާނެ ނަމައޭ ހިތަށް އަރައެވެ. އެކަމަކު ގަލޮޅުގައި ހުންނަ މިސްކިތަކަށް ދޮންބެ ނަމާދަށް ނާންނާނެކަން އަހަރެންނަށް އެނގެއެވެ.

އެއްދުވަހަކު މޫސަބޭއާއިއެކު މާރުކޭޓަށް މަސް ގަންނަށް ގޮސް އުޅެނިކޮށް އަހަރެންނަށް މާރުކޭޓުތެރެއިން ބައްޕަ ފެނުނެވެ. މީހަކު އަހަރެންނާ ދިމާއަށް ބަލާހެން ހީވެގެން އަހަރެން ބަލާލިއިރު އަހަރެންގެ ކުރިމަތިން ދިހަވަރަކަށް ފޫޓު ދުރުގައި ބައްޕަ ހުއްޓެވެ. އެކަމަކު ބައްޕަ ހުރީ އަހަރެންނަށް ބަލަހައްޓައިގެނެއް ނޫނެވެ. އަހަރެން ބައްޕައާއި ދިމާއަށް ވަރަށް ބެލީމެވެ. ނަމަވެސް ބައްޕައަކަށް އަހަރެން ފެނުނުހެނެއް ހިއެއް ނުވެއެވެ. އަހަރެމެން މަސްގަނެގެން މާރުކޭޓުން ނުކުތްއިރުވެސް ބައްޕަ މާރުކޭޓް ތެރޭގައި ހުއްޓެވެ. މޫސަބޭގެ ސައިކަލު ފަހަތަށް އެރުމަށްފަހުވެސް އަހަރެން މާރުކޭޓް ތެރެއިން ބައްޕަ ފެނޭތޯ ބަލާލީމެވެ.

އެރޭ އަހަރެންގެ މާޒީގެ މަތިން ވަރަށް ހަނދާންވިއެވެ. އެންމެ ބޮޑަށް ހަނދާންވީ ޝަހޫދައްތަގެ މަތިންނެވެ. ޝަހޫދައްތަ ކޮބައިބާއެވެ؟ ރަށުގައި އަހަރެން ހޭދަކުރި ދެއަހަރު ދުވަހުގެތެރޭ ޝަހޫދައްތަ އެންމެ ފަހަރަކުވެސް އަހަރެންނަށް ގުޅާނުލީ ކީއްވެބާއެވެ؟ ޝަހޫދައްތަ އަހަރެންމަތިން ހަނދާން ނައްތާލީ ހެއްޔެވެ؟

*******************

އާއަހަރުފެށި، ސަކޫލްތަކުގެ ކިޔެވުން ފެށިއްޖެއެވެ. އެކަމަކު އަހަރެންނަށް ސްކޫލަށްދާން ފެށޭވެރުވީ ދެހަފުތާވީ ފަހުންނެވެ. ފާނަބަސަންދު ޖެހިގެން ގޭގައި މަޑުކުރަން ޖެހުނީއެވެ. އަހަރެން ބަލިވުމުން މޫސަބޭއާއި މޫސަބޭގެ އަންހެނުން އުފަން ދަރިއެއް ފަދައިން އަހަރެންނަށް އަޅާލިއެވެ. އަހަރެންނަށް އެކަނި ސްކޫލަށް އައިސް ގޮސް ހަދަން ދަސްކޮށް ދިނުމަށްޓަކައި މޫސްބޭ ހަފުތާއެއް ވަންދެން އަހަރެން ގޮވައިގެން ސްކޫލު ދޮށަށް ހިނގިއެވެ. ފުރަތަމަ ކްލާހަށް ދިޔައިރު އަހަރެން ހުރީ ކޮންމެވެސް ވަރަކަށް ބިރުގެންފައެވެ. ކުލާސް ދޮރުމައްޗަށް އެރުމާއެކު އަހަރެންގެ ހިތް ބާރުބާރަށް ތެޅެންފެށިއެވެ. ކުލާހުގެ ހުރިހައި ކުދިން ތިބީ އަހަރެންނާ ދިމާއަށް ބަލަހައްޓައިގެނެވެ. އޭގެތެރޭގައި ދަންނަ އެންމެ މޫނެއްވެސް ނެތެވެ. ބޯޑުގައި އެއްޗެއް ލިޔަން ޓީޗަރު ހުއްޓެވެ.

'ސަރ! އާކުއްޖެއް!' އަހަރެން އައިސް ދޮރުމައްޗަށް ހުއްޓުމުން ކުއްޖަކު ބުނިއަޑު އިވުނެވެ.

ޓީޗަރު އަހަންނަށް ބަލާލިއެވެ. 'އާދޭ!' އަހަރެންނަށް އަތުން އިޝާރާތް ކޮށްލަމުން ޓީޗަރު ބުންޏެވެ.

އަހަރެން މަޑުމަޑުން ކުލާސްތެރެއަށް ވަނީމެވެ.

'އިށީންދޭ!' އެންމެ ކުރީބަރީގައި ހުސްކޮށްހުރި ގޮނޑިއަކަށް އިޝާރާތްކޮށްލަމުން ޓީޗަރު ބުންޏެވެ.

އަހަރެން ޑެސްކް މަތީ ދަބަސް ބޭއްވުމަށްފަހު ގޮނޑީގައި އިށީންނީމެވެ.

'ޓައިމްޓޭބަލާ ހުރިހައި އެއްޗެއް ހަމަޔަށް އެބަހުރިތަ؟' ޓީޗަރ އަހާލިއެވެ.

'ލައްބަ!'

އިރުކޮޅެއް ވަންދެން އަހަރެންގެ މޫނަށް ބަލަހައްޓައިގެން ޓީޗަރު ހުއްޓެވެ. އެއަށްފަހު ކުލާހުގެ ހުރިހައި ކުދިންނާ ވާހަކަ ދައްކަން ފެށިއެވެ. 'މިއަދު ކުލާހަށް އިތުރު ކުއްޖަކު އައީމަ ސަރ ބޭނުން ހުރިހައި ކުދިން އަލުން ތަޢާރަފް ވެލަން. ކޮބާ މިކޮޅުން ފަށާ!' ކުލާހުގެ އެންމެ ކުރިން ކަނާތްފަރާތު ކަނުގައި އިން ކުއްޖާއަށް އިޝާރާތް ކޮށްލަމުން ސަރ ބުންޏެވެ.

ފަހަރަކު ކުއްޖަކު ތަޢާރަފުވާން ފެށިއެވެ. އެކަމަކު އަހަރެން އެއިން އެއްވެސް ކުއްޖެއްގެ ނަމެއް ހަނދާނެއް ނުހުންނާނެކަން ގައިމެވެ.

އެންމެން ތަޢާރަފުވަމުން އައިސް އަހަރެންނާ ހަމަވުމުން އަހަރެން ކޮޅަށް ތެދުވީމެވެ. އަދި ނަން ބުނެލީމެވެ.

'ކޮން ރަށެއް؟' ނަން ބުނުމަށްފަހު އިށީންނަން އުޅެނިކޮށް ސަރ އެހިއެވެ.

އަހަރެންނަކަށް ދޭނެ ޖަވާބެއް ނޭންގުނެވެ. ސަރއަށް ބަލަހައްޓައިގެން ހުރެވުނީއެވެ.

'މަންމަ ކޮންރަށެއް؟' އަހަރެންނަށް ޖަވާބުދޭން އުނދަގޫވި ސަބަބު ސަރއަށް ވިސްނުނު ކަހަލައެވެ.

'މާލެ.' އަހަރެން ޖަވާބު ދިނީމެވެ.

'ބައްޕަ؟'

'އަލިފު ރަސްދޫ.'

'އެހެންވީއިރު ފައުޒީ ކޮން ރަށެއް؟'

އަހަރެންނަށް ޔަޤީންކޮށް ބުނާކަށް ނޭންގުނެވެ. އުފަންދުވަހުގެ ސެޓްފިކެޓް ބަލާލާފަ އާދެވުނު ނަމައޭ ހިތަށް އެރިއެވެ.

'އައި.ޑީ ކާރޑްގަ އިންނަނީ ކޮން ރަށެއް؟'

'އަޅުގަނޑުގެ އައި.ޑީ ކާރޑެއް ނޯވޭ.' އަހަރެން ތުރުތުރު އަޅާ އަޑަކުން ބުނީމެވެ.

ކުލާސްތެރެއިން ކުއްޖަކު ހީނލިއަޑު އިވުނެވެ. ސަރ އެކުއްޖާއާއި ދިމާއަށް ހަރުކަށި ގޮތަކަށް ބަލާލިއެވެ.

'އެންމެ ރަނގަޅު... އިށީންދޭ.' އަހަންނަށް ބަލާލުމަށްފަހު ސަރ ބުނެލިއެވެ.

ކުލާހުގެ ހުރިހައިކުދިން ތަޢާރަފްވެ ނިމުމުން ސަރ ތަޢާރަފު ވެލިއެވެ.

'ސަރ އަށް ކިޔަނީ ޝަފީގު! ސަރ ކިޔަވައިދެނީ ދިވެހި.' އަދި އެއަށްފަހު ބޯޑާ ދިމާއަށް އެނބުރިލިއެވެ.

'އޭ ނިއުބޯއި!' އަހަރެންގެ ފުރަގަހުގަ އިން ކުއްޖާ މަޑުމަޑުން ގޮވާލުމުން އަހަރެން އެނބުރިލީމެވެ.

'އޭ ކާކު!' ސަރ ބުނިއަޑު އިވުމުން އަހަރެން އަވަސް އަވަހަށް އެނބުރިލީމެވެ. 'ކާކު ނިއުބޯއި އޭ ބުނީ!'

އެކަކުވެސް އަނގަޔަކުން ނުބުންޏެވެ.

'އޭނަޔަށް ކިޔަނީ ފައުޒީ! އެކަކުވެސް ނިއުބޯއި ކިޔައިގެން ނުވާނެ!'

'ލައްބަ ސަރ' ހުރިހައި ކުދިން އެއްފަހަރާ ބުންޏެވެ.

އެކަމަކު ދެހަފުތާއެއްހައި ދުވަސް ވަންދެން އަހަރެންނަށް 'ނިއުބޯއީ'ގެ ލަގަބު ލިބުނެވެ.

'ފައުޒީ!' އެދުވަހު ކްލާސްތައް ނިމިގެން އަހަރެން ސްކޫލުން ނުކުންނަން ދަނިކޮށް ޝަފީގު ސަރ ގޮވާލިއަޑު އިވުމުން އަހަރެން ބަލާލީމެވެ. 'އެކަނިތަ ގެއަށް ދަނީ؟'

'ނޫން! ބޭބެއާއި އެކު.' އަހަރެން ބުނީމެވެ.

'ސަރ ބޭނުން ފައުޒީގެ ބޭބެއާއި ބައްދަލުކޮށްލަން.'

އަހަރެމެން ސްކޫލުން ނުކުތްއިރު ދޮރު ކައިރީ މޫސަބޭ ހުއްޓެވެ. އަހަރެން ސަރ މޫސަބޭއާއި ބައްދަލުކޮށް ދިނީމެވެ. ޝަފީގުސަރ މޫސަބޭކައިރީ ދެއްކީ އަހަރެންގެ އައި.ޑީ ކާރޑްގެ ވާހަކައެވެ. އަދި އަހަރެން ރަޖިސްޓްރީ ކޮށްފައިވަނީ ކޮން ރަށެއްގައިތޯ އެހިއެވެ.

'މާލޭގަ.' މޫސަބޭ ބުންޏެވެ.

އަމިއްލަ ރަށަކީ ކޮބައިކަން އެނގުމުން އަހަރެން ހަމަޖެހުމުގެ ނޭވާއެއް ލީމެވެ.

އެންމެ ފުރަތަމަ އެކަނިން ސްކޫލަށް ދިޔަދުވަހު އަހަރެން ވަރަށް އުފާވިއެވެ. އެހެން މީހުންގެ މައްޗަށް ބަރޯސާނުވެ އުޅުމަކީ އަހަރެން އެންމެ އެދޭ ގޮތެވެ. ނަމަވެސް އެ ހިތްހަމަޖެހުން ދެމިއޮތީ އެދުވަހުގެ ކިޔެވުން ނިމެންދެނެވެ. އަހަރެން ސްކޫލުން ނުކުތްއިރު ސްކޫލާއި ތަންކޮޅެއް ދުރުން ގެއެއްގެ މަގުމަތީ ފާރުގައި ލެނގިލައިގެން ޝަހޫދައްތަ ހުއްޓެވެ.

-ނުނިމޭ-


1 comment:

Mulhadhevi said...

anekkaaves ekkala shahu dhatha dho.....male adheytho balabala dho mihuree.....hehehe.