އަހަރެން އެނބުރި ބަލާލިއިރު ބައްޕަ އަހަރެންނާ ދިނާއަށް ހިނަގާފަ އަންނަނީއެވެ. ބައްޕަޔާ އެކުއެކީހެން މަންމަވެސް ހިނގާފައި އާދެއެވެ.
'އާދެބަލަ ބައްޕަޔާއެކު!' އަހަރެންގެ ކައިރިއަށް އައިސް އަތުގައި ހިފަމުން ބައްޕަ ބުންޏެވެ. އަދި އަހަރެންގެ އަތުން ދަބަސް އަތުލިއެވެ.
އަހަރެން މާމަގެ މޫނަށް ބަލާލީމެވެ. ވާނުވާ ނޭންގިފައި ހުންނަ ފަދަ ގޮތަކަށް މާމަ ހުއްޓެވެ.
'ކިހިނެއް ވީ ނަޒީފު؟' މާމަ ބައްޕަކުރެން އެހިއެވެ.
'ނަޒީފު ބޭނުމެއް ނުވޭ ނޮވެމްބަރ އެގާރައިގެ ކުރިން ފައުޒީ ފޮނުވާކަށް'. މަންމަ ޖަވާބު ދިނެވެ. އަހަރެން ބައްޕަގެ މޫނަށް ބަލާލީމެވެ. ބައްޕަ ހިނިތުން ވެލިއެވެ. އަދި އަހަރެމެން ދެމީހުން އެކުގައި އެތެރެއަށް ހިނގައިގަތީމެވެ.
'މަންމަވެސް މަޑުކުރަންވީނު؟' މަންމަ ބުނިއަޑު އިވުނެވެ.
އަހަރެން ވަރަށް އުފާވިއެވެ. މިފަހަރު ނޮވެމްބަރ އެގާރައިގައި ވަރަށް ކުޅިވަރުތައް އޮންނަ ވާހަކަ އަހަރެންވެސް ވަނީ އަޑު އަހާފައެވެ. އެދުވަހަށް އަހަރެންނަށްވެސް އައީ އިންތިޒާރު ކުރެވެމުންނެވެ.
11 ނޮވެމްބަރ 1993 ވެގެން ދިޔައީ އަހަރެން ހީވެސް ނުކުރާފަދަ ކުލަގަދަ އުފާވެރި ދުވަހަކަށެވެ. އެދުވަހަށް ތައްޔާރުވުމުގެ ގޮތުން މުޅި މާލޭގެ މަގުތަކަށް ދޮންވެލި ލާ، މަގުތަކުގެ މަތީގައި ކުލަކުލައިގެ ބޮކިފަތިތަކާއި، ފެއްސާ، ރަތާ، ހުދުގެ ދިދަފަތިތައް ދަމާ މުޅިމަގުތައް ހިޔާކޮށްލިއެވެ. ގޭގޭގައި ކުލަލައި، މަގުމަތީފާރުތަކާއި ގަސްތައް ކުލަކުލައިގެ ނިވިދިއްލޭ ބޮކިތަކުން ފަޅުފިލުވާލިއެވެ. އަވަށު އޮފީހުން ކޮންމެ ގެއަކަށްވެސް ވަކިވަރަކަށް ބޮކިފަތި ދިނެވެ. އަހަރެމެން ގެއަށްވެސް ހަ ބޮކިފަތި ލިބުނެވެ.
އަހަރެމެން ގޭދޮށު މަގަށް ދޮންވެލި ލުމުގައި އަހަރެންނާއި ދޮންބެވެސް ބައިވެރިވީމެވެ. އަހަރެމެން ވެލިލުމުގެ މަސައްކަތުގައި އުޅުނުއިރު ނަޒީދައްތަ ގޭގެ ދޮރުމަތީގައި ހުރެއެވެ. އަހަރެންނާ ދިމާއަށް ހިނިތުން ވެލައިގެނެވެ. ވެލިލުމާއި ބޮކިފަތި ދެމުމުގައި އުޅުނު މީހުން ބުއިމަށްޓަކައި ބޮޑު ތެއްޔެއްގައި ޖޫސް ގިރާފައި އަބަދުވެސް ހުރެއެވެ. އަހަރެމެންގޭ ކުރިމަތީ ހުރި ގެއިން މެދުނުކެނޑި ބާރަށް ލަވަޖަހާފައި ހުރެއެވެ. 'އިންފޯމަރ' އަދި 'އައިސް އައިސް ބޭބީ' އަކީ އަހަރެންނަށް އެދުވަސްވަރު މެދުނުކެނޑި އަޑުއިވިއިވި ރީތިވި ދެލަވައެވެ. ދެލަވައިންކުރެ އެއްލަވައިގައިވެސް ކިޔާއެއްޗެއް އަހަރެންނަކަށް ދޭހައެއް ނުވެއެވެ. އެކަމަކުވެސް އަހަރެންނަށް އެދެލަވަ ވަރަށް ރީތިވިއެވެ.
ނޮވެމްބަރ އެގާރަ ވަނދުވަހުގެ ރޭ އަހަރެމެން އެންމެން މާލެތެރެ ބަލާލުމަށްޓަކައި ޕިކަޕެއްގައި ދުއްވާލަން ދިޔައީމެވެ. ގޭ އެންމެން ގޮވައިގެން ދުއްވާލަން ދިއުމަށްޓަކައި ބައްޕަ ޕިކަޕެއް ކުއްޔަށް ހިފީއެވެ. ޝަހޫދައްތައާއި ނަޒީދައްތަވެސް އަހަރެމެންނާއެކު ދިޔައެވެ.
ބައެއް ގޭގޭއާއި ތަންތަނުގެ ފާރުތަކުގައި ނިވިދިއްލޭ ބޮކިތަކުން ހަދާލާފައިވާ މަންޒަރުތައް ފެނުމުން އަހަރެން ހައިރާންވެ އަންތަރީސް ވާހައި ވިއެވެ. ޚާއްޞަކޮށް ސިފައިންގޭގެ ފާރުގައި ނިވިދިއްލޭ ބޮކިން ހަދާފައިވާ މަންޒަރު ފާހަގަ ކުރެވުނެވެ. ކޮންމެވެސް އެއް މަގެއްގައި މައުމޫނުގެ ވަރަށް ބޮޑު ފޮޓޯއެއް ބަހައްޓާފައި ހުއްޓެވެ. އެއީ ކުރަހާފައި ހުރި ފޮޓޯއެއްކަން އެނގުމުން އަހަރެން އާޝޯޚު ވިއެވެ.
'ނަޒީދައްތަ ރަށަށް ނުގޮސް މަޑުކުރާނީ.' އަހަރެން މާމައާއެކު ފުރަން އޮތް ދުވަހުގެ ކުރީރޭ ނަޒީދައްތަ އަހަރެން ކައިރީ ބުންޏެވެ. 'ފައުޒީ ކޮއްކޮގެ މަންމަ ބުނީ މަޑުކުރާށޭ... އެހެން ނޫނަސް ފައުޒީ ކޮއްކޮ ދިޔައިމަ ޖާދުﷲ ކޮއްކޮ އެކަނި ވާނެ އެއްނު.'
އަހަރެން ނަޒީދައްތަގެ އަތުގައި ބާރަށް ހިފާލީމެވެ. އަހަރެން އޮތީ ނަޒީދައްތަގެ އުނގުގައި ބޯ އަޅައިގެންނެވެ. ނަޒީދައްތަ ރަށަށް ނުދާން އެ ނިންމީ ޖާދުﷲ ކޮއްކޮ މިއަދު ރުއިތަން ފެނިގެން ހެއްޔެވެ؟ އަހަރެން ދާން އުޅޭކަން އެނގުމުން ޖާދުﷲ ކޮއްކޮ މިއަދު ވަރަށް ރޮއެހެދިއެވެ. ރަށަށް ނުދާށޭ ކިޔައިގެންނެވެ. އެކަމަކު މަންމަވެސް ބޭނުންވަނީ އަހަރެން މާމައާއިއެކު ފޮނުވާށެވެ. ބައްޕަވެސް އެކަމަކާ ދެކޮޅެއް ނުހަދައެވެ. ބައްޕަ، ނުދާށޭ ނުވަތަ ދާންބޭނުން ނޫންހޭ އަހާލިނަމަވެސް އަހަރެން މާމައާއި އެކު ރަށަށް ދިއުމާ ދެކޮޅު ހެދީމުހެވެ. އެކަމަކު ބައްޕަ ނާހާނެކަން އަހަންނަށް އެނގެއެވެ.
'ދެން މާމަ ބަލާނެ މީހަކު ނުހުންނާނެ އެއްނު.' އަހަރެން ބުނީމެވެ.
'ފައުޒީ ކޮއްކޮ ތިހުރީނު... ތިމާގެ މީހުންވެސް ތިބޭނެ އެއްނު ރަށުގަ.'
'ދެން ނަޒީދައްތަ ނުވެސް ފެންނާނެ އެއްނު' އަހަންނަށް ރޮވުނެވެ. 'ނަޒީދައްތަ ދާންވާނެ!'
'ފައުޒީ ކޮއްކޮ ދިޔައިމަ މަންމަ ޖާދުﷲ ކޮއްކޮ އާއިމެދު ކަންތައް ކުރާނެ ގޮތެއްވެސް ނޭންގެ އެއްނު.' ނަޒީދައްތަ އަހަރެންގެ ބޮލުގަ ފިރުމާލިއެވެ. 'ނަޒީދައްތަ ޖާދުﷲ ކޮއްކޮ ބަލާނަމޭ... ކޮއްކޮއަށް ދެރަގޮތެއް ވާކަށް ބޭނުމެއް ނޫނެއްނު ދޯ؟'
އަހަރެން ބޯޖަހާލީމެވެ. 'އެކަމު މަންމަ ކޮއްކޮދެކެ ލޮބި ވެޔޭ!'
'އެއީ ފައުޒީކޮއްކޮ ޖާދުﷲ ކޮއްކޮގެ ހުރިހައި ކަމެއް ބަލަހައްޓާތީނު... ކޮއްކޮ ގޭތެރެއަށް ސީލީމަވެސް ސާފުކުރަނީ ފައުޒީ ކޮއްކޮއެއްނުދޯ؟'
އަހަރެން އަނެއްކާވެސް ބޯހަލުވާލީމެވެ. ނަމަވެސް އަހަރެންގެ ހިތް ނަޒީދައްތަ މަޑުކުރާކަށް ނޭދެއެވެ.
'ފައުޒީ ކޮއްކޮ ނެތިއްޔާ ސާފުކުރާނެ މީހަކުވެސް ނުހުންނާނެއެއްނު... ދެން މަންމަ ރުޅި އަންނާނެ އެއްނު ކޮއްކޮދެކެ.' ނަޒީދައްތަ އަހަންނަށް ވިސްނައިދިނެވެ. 'މާމަވެސް ބުނިއްޔޭ އެހެންވެ ނަޒީދައްތަ ކައިރީ ރަށަށް ނުގޮސް މަޑުކޮށްދޭށޭ.'
އަހަންނަށް ހަމަ ރަނގަޅަށްވެސް ރޮވޭގޮތްވިއެވެ. އަހަރެން ނަޒީދައްތަގެ އުނގުގައި މޫނު ފޮރުވީމެވެ.
'ނަޒީދައްތަ އަދި ދާނަމޭ ރަށަށް.' އަހަރެންގެ އިސްތަށިގަނޑުގައި ފިރުމަމުން ނަޒީދައްތަ ބުންޏެވެ. 'ނަޒީދައްތައަށް އަބަދު މިތާކު ނުވެސް ހުރެވޭނެ އެއްނުދޯ؟'
އެރޭ އަހަރެންނަށް އަނެއްކާވެސް އެ ހުވަފެން ފެނުނެވެ. ޝަހޫދައްތައާއި އެކު އެރީތި ތުނޑި މައްޗަށް ދާތަނެވެ. އަދި ގޮނޑުދޮށުގައި ފައިގަނބާ ތަނެވެ. ދެން އެ ފުންމިން ނޭނގޭ ވަޅުގަނޑުގެތެރެއަށް އަހަރެން އަރިއަޅާލާތަނެވެ. ހޭލެވުނު އިރު އަހަރެން އޮތީ ދާހިއްލާ ފޯވެފައެވެ. އަހަރެންގެ މޫނާއި ދިމާއަށް ބަލަހައްޓައިގެން ދޮންބެ އޮތެވެ. ދޮންބެ ކައިރީ ގުދުވެގެން އަހަރެންނާ ދިމާއަށް ބަލަން ހާސްވެފައި އަޒޫ އޮތެވެ. ދެމީހުން ކުރެ އެކަކުގެ ހަށިގަނޑުގައިވެސް ފޭރާމެއް ނެތެވެ. އަހަރެންނަށް ބަލަން އޮވެވުނީ އަޒޫގެ މޭމައްޗަށެވެ.
'އަނެއްކާވެސް ހުވަފެނެއް ފެނުނީތަ؟' ދޮންބެ އެހިއެވެ.
އަހަރެން ދޮންބެއަށް ބަލާލީމެވެ. އަދި ބޯޖަހާލުމަށްފަހު އަނެއްކާވެސް އަޒޫއާ ދިމާއަށް ބަލާލީމެވެ. އޭރު ހުރެވުނު ހާލަތު އަޒޫ އަށް އިޙުސާސް ކުރެވުނީ ކަންނޭންގެއެވެ. އޭނާ އަވަސް އަވަހަށްގޮސް ގޮދަޑީގެ ބެޑްޝީޓް ނަގާ ގައިގާ އޮޅާލިއެވެ. އަދި ރޯނުގައި އޮތް ތުވާލި ދޮންބެއާ ދިމާއަށް އެއްލިއެވެ.
އަހަރެން ރަށަށް ދިއުމަށްޓަކައި މާމައާއިއެކު އަނގަމަތި މަސްދޯންޏެއަގައި ފުރީ އަނެއް ދުވަހުގެ ހަވީރުއެވެ. އެއީ އަހަރެން ކަނޑު މައްޗަށް އަދި ދޯންޏަކަށްވެސް އެރި ފުރަތަމަ ފަހަރެވެ. ނަމަވެސް އަހަރެން އެއްވެސް ޖެހިލުމެއް ނުވެއެވެ. ދޯނީގެ އިންޖީނު ފޮށިގަނޑު ކައިރިން މަޅު އަޅާފައިވާ ބައިގައި މާމައާއި އަހަރެން ތިބިއިރު އެއްވެސް ވާހަކައެއް ނުދައްކަމެވެ. އަހަރެމެން ތިބި ދިމާއިން ފަރުމާނު މަތިން ދެފަރާތަށް ސަތަރިއެއް ދަމައިގެން އަހަރެމެންނަށް ހިޔާކޮށްދިނުމަށްޓަކައި ދޯނީގެ މީހުން އޭރު ދިޔައީ މަސައްކަތް ކުރަމުންނެވެ. ރޭގަނޑު ވާރޭ ވެހިދާނެ ކަމަށެވެ.
އަހަރެން އިނީ އޮއްސެމުން ދިޔަ އިރާ ދިމާއަށް ބަލަހައްޓައިގެނެވެ. އޮރެންޖް-ރަތް ކުލައެއްގައިވާ އިރުގެ ވަށައިގެން އުޑުމަތި ވަނީ އެކި ކުލަކުލައިން ޒީނަތްތެރިވެފައެވެ. އުޑުމަތީގައި ހުރި ކުދިކުދި ވިލާކޮޅުތަކުގެ ކައިރިފައްތައް މަޑު އޮރެންޖް ކުލަޔަކުން ފަވާލާފައި ވާކަހަލައެވެ. އިރުގެ ރަތް ދޯދިތައް ކަނޑުގެ ޞަޠަޙައަށް މަޑު ރަތްކުލައެއް ވެރިކުރުވާފައިވެއެވެ. އެހިތްގައިމު މަންޒަރުން އަހަރެންނަށް އެއްވެސް އުފާވެރިކަމެއް ނުލިބުނެވެ. އިރުވެސް އެންމެފަހުން އަހަރެންނާ އަލްވަދާއު ކިޔަނީއެވެ. މުޅި ދަތުރަށް ނާމާން އަނދިރިކަން ވެރިކުރުވަމުންނެވެ. އާދުވަހަކަށް އަލިވިލުމަށް ޓަކައެވެ. އެކަމަކު އެ އަލިވިލުމުން އަހަރެންގެ ޙަޔާތަށް އަލިކަން ފޯރާނީ ކިހައި މިންވަރަކަށް ކަން ވިސްނާލަންވެސް ނޭންގިފައި އަހަރެން އިނީމެވެ.