Friday, November 23, 2007

Mamma Dharifulhu Naa Na Naa 9

ގޮދަޑީގައި އޮށޯވެގެން އޮތް ދޮންބެގެ ގައިމަތީގައި އިށީންދެގެން އިނދެ މަޑުމަޑުން ހަރަކާތްތެރިވަމުން ދިޔަ ޒުވާން އަންހެން ކުއްޖަކަށް އަހަރެންގެ ނަޒަރު ގޮސް ހުއްޓުނެވެ. އޭނާގެ ޒުވާން ހަށިގަނޑުގައި އެއްވެސް ފޭރާމެއް ނެތެވެ. ނިދާބޮކީގެ ފަނޑު އަލީގެތެރެއިން އެނާގެ ނާޒުކު ގުނަވަންތަކަށް ބަލަން އޮތްއިރު، މީ ފެންނަ ހުވަފެނެއް ނޫންބާއޭ އަހަރެންގެ ހިތަށް އެރިއެވެ.

އެއީ އަހަރެން ކުރިން ދެކިފައި ނުވާ އަންހެން ކުއްޖެކެވެ. އެމަންޒަރަކީ އަހަރެންނަށް ކުރިން ސިފަވެފައިވާ މަންޒަރެއް ނޫނެވެ. އަންހެން ވަންތަ ހަށިގަނޑެއްގެ ފުރިހަމަކަމާއި އެފަދަ ހަށިގަނޑަކުން ލިއްބައިދޭނެ އަރާމާއި އުފަލާއިމެދު އަހަރެންނަށް އެންމެ ފުރަތަމަ ފަހަރަށް ވިސްނާލެވުނީ އެރެއެވެ.

އެމަންޒަރު ބަލަން އަހަރެންނަށް އޮވެވުނީ އަހަރެންގެ އަމިއްލަ އިޚުތިޔާރަކާއި ނުލައެވެ. ކޮޓަރިތެރެއަށް ފެތުރިފައިވާ އާދަޔާޚިލާފު މަޑު ވަހަކާއި އެ އަންހެން ކުއަޖާގެ ފަރި ހަރަކާތްރައް އެކުވެގެން އަހަރެންގެ މުޅި ހަށިގަނޑަށް މަސްތީ އަސަރުތަކެއް ވަނީ ވެރިކުރުވާފައެވެ. އަހަރެންގެ ހަށިގަނޑުގައި މަޑު ތުރުތުރެއް އުފެދިފައި ވިއެވެ. ގައިން ވަނީ ހީބިހި ނަގާފައެވެ. އަނގައިން ކުޅުދިޔާވެފައެވެ.

އެރެއަށްފަހު އަހަރެންނަށް ރޭގަނޑު ނިދޭގޮތެއް ނުވެއެވެ. ކޮންމެ ރެއަކުވެސް އެ އަންހެން ކުއްޖާ ދޮންބެ ކައިރިއަށް އާދެއެވެ. އެކުއްޖާ އަންނަނީ ދަންވަރުއެވެ. އޭނާ އަންނާނެ ވަގުތަކަށް އަހަރެންނަށްވެސް އިންތިޒާރު ކުރެވެން ފެށިއެވެ. އެ ފުރިހަމަ ހަށިގަނޑު ފެނުމަށް އެދެވެން ފެށިއެވެ. ވަގުތުން ދައްކާ ޝޯވއަށް އިންތިޒާރު ކުރެވެން ފެށިއެވެ.

އެރެއަށްފަހު ނަޒީދައްތައާމެދުވެސް އެހެން ނަޒަރަކުން ބެލެންފެށުނެވެ. ނަޒީދައްތައާއި ދިމާވާ ކޮންމެ ފަހަރަކު މޫނަށްވުރެ ބޮޑަށް ހަށިގަނޑަށް ބެލެން ފެށުނެވެ. ޝަހޫދައްތައަށްވުރެ ނަޒީދައްތަ އެތައް ގުނައެއް ރީތި ކަމުގައި އިޙުސާސް ކުރެވެން ފެށިއެވެ. ފޭރާމަކާއި ނުލާ ނަޒީދައްތަ ހުނަނާނެގޮތް ޠަޞައްވުރު ކުރެވެން ފެށިއެވެ.

'އަޒޫ...ދީބަލަ ތިއޮއް ސިގިރޭޓުފޮށި!' އެއްރެއަކު ޝޯވ ނިންމާލުމަށްފަހު އަހަރެން ދެލޯ މަރާލި ތަނާހެން ދޮންބެ ބުނިއަޑު އިވުނެވެ. އަހަރެން ކުޑަކޮށް ހައިރާންވާގޮތް ވިއެވެ. ދޮންބެ ސިގެރޭޓްވެސް ބޮއެހެއްޔެވެ؟ އަހަރެން ލޯހުޅުވާފައި ޔަޤީން ކޮށްލަން ބޭނުންވިއެވެ. ނަމަވެސް ދޮންބެއަށް އަހަރެން ހޭލާ އޮތްކަން އެނގިދާނެތީ ލޯހުޅުވާލާކަށް ނުކެރުނެވެ.

ރޭގަނޑު ނިދި ނުލިބެން ފެށުމުން އަހަންނަށް ދުވާލު ނިދެން ފެށިއެވެ. އެކަމާ މަންމަގެ ރުޅި ގަދަވާން ފެށިއެވެ. ޓެސްޓަށް ފިލާވަޅުވެސް ދަސްކުރެވޭ ގޮތެއް ނުވެއެވެ. ފޮތުގައި އަތްލާ އިރަށް ނިދޭގޮތް ވަނީއެވެ.

'ދަރިފުޅާ!' މާމަ ގޮވާލި އަޑު އިވުމުން އަހަރެން ލޯހުޅުވާލީމެވެ. 'ދަރިފުޅު ބަލިވެތަ ތި އުޅެނީ؟' އަހަރެންގެ ނިތްކުރިމަތީ އަތުގެ ނުފުށް ޖައްސާލަމުން މާމަ އެހިއެވެ.

އަހަރެން ނޫނެކޭ ބުނުމުގެ ގޮތުން ބޯހޫރާލީމެވެ.

'ކީއްވެ ދަރިފުޅު އަބަދު ތި ނިދަނީ؟ ރޭގަނޑު ނުނިދެނީތަ؟'

އަހަރެން ޖަވާބެއް ނުދެމެވެ.

'މާމަ ރަށަށް ދާއިރު ދަރިފުޅުވެސް ދާންވީނު މާމައާއި އެކު.'

އަހަރެން ދެންވެސް ޖަވާބެއް ނުދެމެވެ.

'މަންމަ ބުނި މާމަ ކައިރިއަށް ދަރިފުޅު ގެންދިޔަޔަސް އެންމެ ރަނގަޅޯ.'

އަހަރެން ވިސްނާލީމެވެ. މާމަ ކައިރިއަށް ގޮއްސިއްޔާ ޝަހޫދައްތައެއް ނުފެންނާނެއެވެ. އެކަމަކު ނަޒީދައްތަ ކައިރީ އަބަދު އުޅެވޭނެއެވެ. އެކަމަކު ޝަހޫދައްތައާއި ބައްދަލު ނުކުރެވޭނޭ ތަނެއްގަ އުޅޭކަށް އަހަރެން ބޭނުމެއް ނުވެއެވެ. ނަޒީދައްތަ ކިތަންމެހައިވެސް ރީއްޗެވެ. އޯގާތެރިއެވެ. އެކަމަކު ނަޒީދައްތައަށްވުރެ ބޮޑަށް އަހަރެން ޝަހޫދައްތަދެކެ ލޯބިވެއެވެ.

'މާމަ މިއުޅެނީ މާދަމާ ފުރަން! މާމަ އޮންނާނެ ދަރިފުޅު ހެދުން އަޅަން ކުޑަ ދަބަހެއްވެސް ގަނެދީފަ.' މާމަ ވާހަކަ ދެއްކިއެވެ. 'މިހާރު ދަރިފުޅު ޓެސްޓްވެސް ނިމިއްޖެއްނު... ދެން ރަށު ސްކޫލަށް ވަންނާނީ.'

އަހަރެން ދެންވެސް ޖަވާބެއް ނުދެމެވެ.

'މާމަ ބޭނުމެއް ނޫން ދަރިފުޅު މިތާ ހުންނާކަށް... މާމަޔަށް އެނގޭ ދަރިފުޅު އުޅޭ ހާލު.'

އަހަރެން މާމަޔާއި ހަތަރުކަޅި ހަމަކޮށްލީމެވެ. މާމަގެ ލޮލުގައި ކަރުނައިގެ އަސަރު ވަނިކޮށް އަހަންނަށް ފެނުނެވެ.

'ދަރިފުޅު މިތަނުގެ ހުރެގެން ނުވެސް ކިޔެވޭނެ... މާމަ ބޭނުމެއް ނޫން ދަރިފުޅުގެ ދިރިއުޅުން ހަލާކުވެގެން ދާކަށް.'

އަހަރެން ލޯމަރާލީމެވެ. މާމަގެ އޯގާތެރިކަމުން ފުރިގެންވާ މޫނަށް ބަލަން ނުކުޅަދާނަ ވެގެންނެވެ. އަހަރެންނަށް އެ އޯގާތެރިކަމުގެ ސަބަބުން ކެތްކުރަން ދަތިވެއެވެ. އަހަރެން ރޯކަށް ބޭނުމެއް ނުވެއެވެ. ފިނޑިއަކަށް ވާން ބޭނުން ނުވާތީއެވެ. އެކަމަކުވެސް އަހަރެންނަށް ރޮވެއެވެ. ނުރޯން ކިތަންމެ މަސައްކަތެއް ކުރިޔަސް ކަރުނައިގެ މައްޗަކަށް އަހަންނަށް ބާރެއް ނުފޯރުވެއެވެ. މިއަދުވެސް އަހަންނަށް ވީ އެހެންނެވެ. މާމަގެ އޯގާތެރި ބަސްތައް އަޑުއިވެން ފެށުމުން އަހަރެންގެ ލޮލަށް ކަރުނަތައް ޖަމާވެ އެސްފިޔަތަކުގެ ތެރެއިން ފުރޭނިގެން ފައިބަން ފެށިއެވެ.

'ނުރޮއެ ދަރިފުޅާ!' އަހަރެންގެ ކަރުންތައް ފުހެލަމުން މާމަ ބުންޏެވެ. 'މާމަ މިފަހަރު ދަރިފުޅު ގޮވައިގެން ނޫނީ ރަށަކަށް ނުދާނަން!'

'މިހާރު ކިހިނެއް މިވަނީ!' މަންމަގެ އަޑު އިވުމުން އަހަރެން ލޯހުޅުވާލީމެވެ. އޭރު ކޮޓަރީގެ ދޮރުމަތީގައި މަންމަ ހުއްޓެވެ. 'ނުދާންވެގެން ބޮޑާ ހާކަނީ ދޯ؟ މާޅަވެގެން އުޅޭނެކަމެއް ނެތް ބޮޑުސިންގާ ފިރިހެނެއް!'

'އެސޮރު ނޫޅޭ ނުދާކަށް ދޯ ދަރިފުޅާ!' މާމަ އަހަރެންގެ ދިފާއުގައި ވާހަކަ ދެއްކިއެވެ.

'ބޮޑުވި ބޮޑުވިހެން މީނަގެ ކަންތައް ބޮޑޭވަނީ...' މާމަގެ ވާހަކައަށް އަޅާވެސް ނުލާ މަންމަ ވާހަކަ ދެއްކިއެވެ. 'މިހާރު ދުވާލު ހަތަރުދަމު ނިދުން ނޫން އެހެން ކަމެއް ނުކުރޭ!'

'ސައުދާ!' މާމަ ވަރަށް ބާރަށް މަންމައާ ދިމާއަށް ބުންޏެވެ.

މަންމަ މާމައާއި ދިމާއަށް ބަލާލިއެވެ. އަދި މޫނު ހަދާލާފައި އެނބުރި ހިނގައިގަތެވެ. 'އެއްޗެކޭ ބުނެފިއްޔާ މަށަށްވުރެ ގޯސް މީހެއް ނުހުންނާނެ..' ދަމުންދަމުން މަންމަ ބުނިއަޑު އިވުނެވެ.

'އަޅާނުލާ ދަރިފުޅާ!' އަހަރެންގެ ބޮލުގައި ފިރުމާލަމުން މާމަ ބުންޏެވެ.

އަހަރެން ދަބަހަށް އެއްޗިހި އެޅީ ދެފިކުރެއްގައި ހުރެގެންނެވެ. އަހަރެން މާމަރަށަށް ދާކަށް ބޭނުމެއް ނޫނެވެ. ނަމަވެސް މާމަ އެހައި ލޯބިން އަހަރެން ގެންދަން އުޅޭތީ އެކަމާ ދެކޮޅު ހަދާކަށްވެސް ނުކެރުނެވެ. އެހެންނޫނަސް މަންމައާ ޚިލާފަށް މާމަ އަހަރެން ދެކެ ލޯބިވެއެވެ. މާމަ އަހަރެންނަށް ފުރިހަމައަށް އަޅާލާނެ ކަން އަހަންނަށް އެނގެއެވެ. އެކަމަކުވެސް މާމަގެ ލޯތްބަށްވުރެ ބޮޑަށް އަހަރެންނަށް އެދެވެނީ މަންމަގެ ލޯތްބަށެވެ.

އަހަރެންގެ ހުރިހައި ހެދުމެއް އެ ކުޑަ ދަބަހަށް އެޅުމުންވެސް ދަބަހުގައި އެތައް ތަނެއް ބާކީ ހުއްޓެވެ.

ދަބަސް ހިފައިގެން ބޭރަށް ނުކުތްއިރު ކާރުއައިސް އޮތެވެ. ކާރުކައިރީގައި މާމަ ކޮޅަށް ހުއްޓެވެ. މާމަ ކައިރީގައި، ކާރުގައި ލެނގިލައިގެން ނަޒީދައްތަ ހުއްޓެވެ.

'އަވަހަށް އާދޭ!' އަތުން ހަރަކާތް ކޮށްލަމުން މާމަ ބުންޏެވެ. އަހަރެން އެ ހުރި ފިޔަވަޅު މަތީ ހުއްޓި ހުރީއެވެ. 'ކިހިނެއްވީ ދަރިފުޅާ!' އަހަރެން ހުއްޓި ހުރުމުން މާމަ އެހިއެވެ. 'ދަރިފުޅު ދާން ބޭނުން ނޫނީތަ؟'

އަހަރެން ނަޒީދައްތަގެ މޫނަށް ބަލާލީމެވެ. ނަޒީދައްތަ ހިނިތުންވެލިއެވެ.

'ފައުޒީ!' ބައްޕަ ވަރަށް ބާރަށް ގޮވާލުމުން އަހަރެން ދިޔައީ ސިއްސައިގެންނެވެ.

-ނުނިމޭ-


2 comments:

Mulhadhevi said...

mives anekkaa huvafeneitha noony hama maama a eky rashah dhaan furan nukumevenytha? shahu dhatha aa dhurah dhaan kereynetha? choclate eh nulibeyne ennu dhurah dhiyaeema.......reethi varah..

monchi said...

haha... will let you know soon enough , right after i finish my next paper...

thanx