Wednesday, November 21, 2007

Mamma Dharifulhu Naa Na Naa 8

އަހަރެން ބޭރަށް ނުކުތީމެވެ. ޝަހޫދައްތައާއި ނަޒީދައްތަ ކޮޓަރީގައި މަޑުކުރީއެވެ. އެދެ ދައްތަ ކުރީންވެސް އެކަކު އަނެކަކު ދަންނަކަމުގައި އަހަންނަށް ހީވިއެވެ. ސިޓިންގރޫމަގައި ހުރި ސަރަންފީ ގޮނޑީގައި އަނގަ ރަތްކޮށް ދުފާލައިގެން މާމަ އިނެވެ. މާމަ ކައިރިން ތަރުފާލުމަތީގައި ދޮންބެއާއި ތުއްތުބެ އިށީންދެގެން ތިއްބެވެ. އަހަރެން ކުރިންވެސް މާމަ ދުށީމެވެ. މަންމަގެ ފޮޓޯ އަލްބަމުގައި ހުރި ފޮޓޯތަކުންނެވެ. ނަމަވެސް މިހާރު މާމަ ވަނީ ފޮޓޯތަކުގައި ހުރި އިރަށްވުރެ އެތައް ގުނައެއް މުސްކުޅިވެފައެވެ. މޫނުމަތީ ރޫގިނައެވެ. ބޮލުގެ އެއްފަރާތަށް ހުޅިޖަހާފައިވާ އިސްތަށިގަނޑުގެ ހުރިހައި އިސްތައްޓެއްހެން ވަނީ ނުރައަށްވެފައެވެ.

'މަގޭ ދަރިފުޅު ފައުޒީތަ؟' އަހަރެން ފެނުމުން މާމަ ބުންޏެވެ. ދޮންބެއާއި ތުއްތުބެ އަހަރެންނާ ދިމާއަށް ބަލާލިއެވެ. 'މިހާރު ދަރިފުޅު ހާދަ ބޮޑުވެއްޖޭ ދޯ؟' މާމަގެ އަޑުގައި ބަލިކަމުގެ އެއްވެސް އަސަރެއް ނެތެވެ. 'އާދެބަލަ މާމަ ކައިރިއަށް.'

އަހަރެން މަޑުމަޑުން ހިނަގާލާފައި މާމަ ކައިރިއަށް ދިޔައިމެވެ. އެވަގުތު މަންމަމެންގެ ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު ކުޑަކޮއްކޮ ގޮވައިގެން މަންމަ ސިޓިންގރޫމަށް ނުކުތެވެ.

'ދަރިފުޅު ކީއްވެތަ ތިހާ ހިކީ؟' އަހަރެންގެ މޫނުގެ ދެފަރާތުގައި ދެއަތުން ފިރުމާލަމުން މާމަ ބުންޏެވެ. 'ދައިފުޅު ރަނގަޅަށް ނުކަނީ ދޯ؟ ދަރިފުޅުގެ މަންމަ ބުންޏޭ ދަރިފުޅު ރަނގަޅަށް ނުކާވާހަކަ.'

އަހަރެން މަންމަގެ މޫނަށް ބަލާލީމެވެ. މަންމަ ހުރީ އަހަރެންނަށް ބަލަހައްޓައިގެންނެވެ. މަންމަގެ ލޮލުގައިވަނީ ފޫހިކަމާއި ނުރުހުމުގެ އަސަރެވެ.

'މާމަ ކާ ކޮންމެ ފަހަރަކު ދަރިފުޅުވެސް ދެން ވާނެ މާމައާއިއެކު ކާން!'

އަހަރެން މާމައަށް ބަލާލީމެވެ. މާމަގެ ލޮލުގައިވަނީ އޯގާތެރިކަމެވެ. އެދެލޮލުގައި މަޑުމަޑުން ކަރުނަ ފޭދެމުން ދިޔަހެން އަހަންނަށް ހީވިއެވެ. އަހަރެން ފެންކަޅިވާގޮތްވިއެވެ. މާމަ މަޑުމަޑުން ދެއަތަކަށް ބޯ ހޫރާލިއެވެ. އަހަރެންނާ ހަތަރުކަޅި ހަމަކޮށްގެން ހުރެއެވެ. ދެރަ ނުވާށޭ ބުނާފަދަ ގޮތަކަށެވެ. ހުރިހާ ކަމެއްވެސް ދެން ރަނގަޅުވާނޭ ބުނާފަދަ ގޮތަކަށެވެ.

'މަހުދީ!' ބައްޕަ ގޮވާލިއަޑު އިވުމުން އަހަރެމެން އެންމެންނަށް އެއްފަހަރާ ބަލާލެވުނެވެ. އޭރު ގޭގެ ދޮރުމަތީގައި ބައްޕަ ހުއްޓެވެ. 'ހިނގާބަލަ އެ ފިލާތަކާ ޓިނުތައް ޕިކަޕުން ބާލަން.'

ދޮންބެ ބައްޕަ ފަހަތުން ހިނގައިގަތުމުން އަހަރެންވެސް ދޮންބެގެ ފަހަތުން ހިނގައިގަތީމެވެ.

'ކީއަކުރާ ޓިނުތަކެއްތަ؟' ގޯތިތެރޭގައި އޮންނަ ހުސްތަނުގެ ތެރެއިންލާފައި ގޮސް މަގުމައްޗަށް ނުކުންނަމުން އަހަރެން ދޮންބެކުރެން އެހީމެވެ.

'އެއީ ދޮންބެއަށް ކޮޓަރި ހަދަން.' ދޮންބެ ހިނިތުންވެލާފައި ބުންޏެވެ. 'މިހާރު މާމަ އައީމަ ކޮޓަރީގަ ނިދާނެ ތަނެއް ނުހުންނާނެ އެއްނު.'

'ފައުޒީވެސް ނިދާނީ ދޮންބެ ކޮޓަރީގަ.' އަހަންނަށް ބަލާލަމުން ބައްޕަ ބުންޏެވެ. އަދި ދޮންބެގެ މޫނަށް ބަލާލިއެވެ.

އަހަންނަށްވެސް ދޮންބެއާ ދިމާއަށް ބަލާލެވުނެވެ. ދޮންބެގެ މޫނުމަތީގައި ހިތްހަމަ ނުޖެހުމުގެ އަސަރު ކޮންމެވެސް ވަރަކަށް ފާޅުވާން ހުއްޓެވެ. ނަމަވެސް ދޮންބެ ވަކި އެއްޗެކޭ ނުބުނެއެވެ. ދޮންބެވެސް އަހަރެންނާމެދު ހިތްހަމަ ނުޖެހެނީ ބާއޭ އަހަރެންގެ ހިތަށް އެރިއެވެ. އެކަމަކު ދޮންބެ އަހަރެންނަށް އަބަދުވެސް ވަރަށް ރަނގަޅެވެ. ވީއިރު ދޮންބެގެ ކޮޓަރީގައި އަހަރެން ނިދުމާމެދު ދޮންބެ ހިތްހަމަ ނުޖެހެންވީ ކީއްވެ ހެއްޔެވެ؟ އެވާނީ އަހަރެންނަށް ހީވި ގޮތަކަށެވެ.

ގެއާއި ވަކިން ގޯތިތެރޭގައި އެކޮޓަރި ހަދަން ފަސް ދުވަސް ނެގިއެވެ. އެދުވަސްތަކުގައި އަހަރެންނާއި ދޮންބެ ނިދީ ސިޓިންގރޫމްގައެވެ. ކޮޓަރީގެ މަތީއެނދުގައި ނިދަނީ ތުއްތުބެއެވެ. ތިރީ އެނދުގައި މާމައެވެ. ޖާދުﷲ ކޮއްކޮގެ ތަންމައްޗަކަށް ބަދަލެއް ނާދެއެވެ. އަހަރެންގެ ގޮދަޑިގައި ނަޒީދައްތައެވެ. އަހަރެން ކޮޓަރިތެރޭ، އެގޮދަޑީގައި ނިންދަވަން މާމަ ވަރަށް މަސައްކަތް ކުރިއެވެ. ބޭރުގައި ނިދިޔަސް ގޮދަޑި އަޅައިގެން ނިދާށޭވެސް ބުންޏެވެ. ނަމަވެސް އަހަރެން ބޭނުންވީ ނަޒީދައްތައަށް އެ ގޮދަޑި ދޭށެވެ. ނަމަވެސް އަހަރެން ކުނާމަތީ ނިދަނީ ނަޒީދައްތައަށް ގޮދަޑިދޭންވެގެންކަން މާމައަށް އެނގިއްޖެނަމަ މާމަ ނަޒީދައްތަދެކެ ރުޅިއަންނާނޭތީވެ، އެ ގޮދަޑިން ގައިކަހާ ކަމުގައި ބުނެ އަހަރެން އުޒުރު ދެއްކީމެވެ.

*******************

'މަހުދީ!' އަހަންނަށް ހޭލެވުނީ މަންމަ ދޮންބެއަށް ގޮވާއަޑަށެވެ. އޭރު ދޮންބެ ގޮދަޑިން ތެދުވެގެންގޮސް ކޮޓަރީގެ ދޮރު ހުޅުވަނީއެވެ. 'މިއަދު އޮފީހަށްވެސް ނުދާދުވަހަކީތަ؟' ދޮންބެ ކޮޓަރީގެ ދޮރު ހުޅުވުމުން މަންމަ އެހިއެވެ. ތިންވަނަ ޓާރމްގެ ޓެސްޓް ފެށިގެން އުޅޭތީ އަހަރެން ސްކޫލަށް ދާންޖެހެނީ ޓެސްޓް އޮންނަދުވަސްތަކުގަ އެކަންޏެވެ. މިއަދަކު ޓެސްޓެއް ނެތެވެ.

'ދޭބަލަ ފެންހަމެއް ހިފައިގެން އަންނަން... ނެތޭ ސައި ކެއްކޭކަށްވެސް ފެންނެތީމަ.' މަންމަ ބުންޏެވެ. އަދި ކުޑަކޮށް ބޯއަރިކޮށްލުމަށް ފަހު ކޮޓަރި ތެރެއަށް ބަލާލިއެވެ. 'މިއޮއް މީހާވެސް ގޮވައިގެން ދޭ!' އަހަނާ ދިމާއަށް މޫނުން އިޝާރާތް ކޮށްލަމުން މަންމަ ބުންޏެވެ.

'ކީއްކުރަން... އޭނައަކަށް ފެނެއްވެސް ނުގެނެވޭނެ އެއްނު!' ދޮންބެ ބުންޏެވެ.

'ކުޑަ ހުދު ހަމުގަ އޭނައަށްވެސް ގެނެވޭނެ ފެން! އިނަނާނެ އޭގެ ދެހަން.'

'ތެދެއް؟' އަހަންނަށް ބަލާލަމުން ދޮންބެ ބުންޏެވެ.

އަހަރެން އަވަސް އަވަހަށް ބޯޖަހާލީމެވެ. ދޮންބެއާއެކު ފެންބަލާ ދާން ބޭނުންވާތީއާއި މަންމަ ހިތްހަމަ ޖެހޭނޭތީއެވެ. ނަމަވެސް ފެނަބަލާ ދިއުމަށް އެއްބަސް ވެވުނީތީ ފަހުން ދެރަވިއެވެ. މިސްކިތުގައި ހުންނަ އިސްކުރުބަރިން އެ ދެހަން ފުރާ ފެން އަޅާއިގެން އަހަރެންނަށް އުފުލެނީ ކިރިޔާއެވެ. ފެންހަންތައް ހިފައިގެން ގެއާއި ހަމަޔަށް އާދެވުނުއިރު އަހަރެން ވަނީ ވަރުބަލިވެ މާނޭވާ ލެވިފައެވެ. މިސްކިތާ ގެއާ ދެމެދުގައިވާ ދުރުމިން ކުރިއަށްވުރެ އެތައް ގުނައެއް ދުރުހެންވެސް ހީވިއެވެ.

އެދުވަހަށްފަހު ކޮންމެ ދުވަހަކުވެސް އަހަންނަށް ފެންބަލާ ދާން ޖެހެއެވެ. ހެނދުނު އެކަންޏެއް ނޫނެވެ. ފެނަށް ބޭނުންވާ ވަގުތެއްގައި ދޮންބެ ގޭގައި ނެތިއްޖެނަމަ ފެންބަލާ ދާންޖެހެނީ އަހަންނަށެވެ.

'ދަރިފުޅާ ހާދަ ވަރުބަލިވެފަ! ކީއްކޮއްލާފަ ތި އައީ؟' ދެ ފެންހަން ހިފައިގެން އައިސް ބަދިގޭގައި ބަހައްޓަފައި ސިޓިންގރޫމަށް ވަނުމުން މާމަ އަހާލިއެވެ. އެއަޑަށް މަންމަ ކޮޓަރިން ނުކުތެވެ. އަދި އަހަރެންނާ ދިމާއަށް ކަޅި އަޅާލިއެވެ.

އަހަރެންނަށް ފެންބަލާ ދިޔަ ވާހަކަ މާމަ ކައިރީ ބުނާކަށް ނުކެރުނެވެ. ދޭނެ ވަކި އެހެން ޖަވާބެއްވެސް ނޭންގުނެވެ.

'ދުވެދުވެފަތަ ތި އައީ؟' މާމަ އެހިއެވެ. 'ކުޅެނީ ދޯ؟'

އަހަރެން އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލީމެވެ. އަދި ސިޓިންގރޫމުގައި ޓީވީ ބަލަން އިށީންނީމެވެ. އޭރު ޓީ.ވީ.އެމް އިން 'ތަންޑަކެޓްސް' ކާރޓޫނު ދައްކަނީއެވެ. ތަންޑަކެޓްސް އަކީ އަހަރެން މާ ގަޔާވާ ކާރޓޫނެއް ނޫނެވެ. ނަމަވެސް އެހެން ކާރޓޫނެއް ދައްކަން ފަށާނެ ވަގުތެއްގެ އިންތިޒާރުގައި ޓީވީ ކުރިމަތީ އިނީއެވެ.

އަހަރެން ޓީވީ ބަލަން އިންއިރު މާމަ އަހަރެންނާ ދިމާއަށް ބަލަން އިންކަމުގެ އިހުސާސް އަހަންނަށް ކުރެވެމުން ދިޔައެވެ.

***************

'ޝަހޫދައްތަ ކީއްކުރަންތަ މިއަދު ފައުޒީ ކޮއްކޮ ގޮވައިގެން ބަދިގެ ފުރަގަހަށް ދިޔައީ؟' އަހަރެންގެ ގޮދަޑި ކައިރީ ތަރުފާލުމަތީ އިށީންދެގެން އިނދެ ނަޒީދައްތަ އެހިއެވެ. އޭރު ދޮންބެ އަދި ނިދާކަށް ނާދެއެވެ.

'ޝަހޫދައްތަ ޗޮކަލެޓެއް ދިނީ.' ފުރާޅުގެ ޓިނުތަކާދިމާއަށް ބަލަން އޮވެގެން އަހަރެން ބުނީމެވެ.

'ޗޮކްލެޓެއްދޭން ކީއްކުރަން ބަދިގެ ފުރަގަހަށް ގެންދިޔައީ؟'

'ތުއްތުބެއަށް ފެނިދާނެތީ... އެހެންނޫނީ ތުއްތުބެ އަތުލާނެ.'

'އެހެންތަ؟'

އަހަރެން ބޯޖަހާލީމެވެ.

'ހުމމ... އެކަމު ޝަހޫދައްތައާއި އެކު ތަންތަނަށް ނުދައްޗޭ!' ނަޒީދައްތަ ނަޞޭޙަތުގެ ރާގެއްގައި ބުންޏެވެ.

'އެ ކީއްވެ؟' އަހަރެން ސުވާލު ކުރީމެވެ.

'އެއީ އެހާ ރަނގަޅުކަމެއް ނޫން... އަނެއްކާ ފައުޒީ ކޮއްކޮގެ މަންމަވެސް ހިތްހަމައެއް ނުޖެހޭނެ.'

'ޝަހޫދައްތަ ވަރަށް ރަނގަޅުވާނޭ!' އަހަރެން ޝަހޫދައްތަގެ ދިފާއުގައި ވާހަކަ ދެއްކީމެވެ.

'ނަޒީދައްތަ ނުބުނަމެއްނު ޝަހޫދައްތަ ގޯހެކޭ...'

'ދެން ކީއްވެ ޝަހޫދައްތައާއި އެކު ތަންތަނަށް ނުދާންވީ؟'

'އެދެން އެހާ ރަނގަޅު ކަމެއް ނޫންވީމަ.'

'އެކީއްވެ؟'

'ފައުޒީ ކޮއްކޮއަކަށް އަދި ނުވިސްނޭނެ... ދެން މާގިނަ ސުވާލުނުކޮށް އަވަހަށް ނިދާ.'

އަހަރެން ބަސްއަހައިގެން ދެލޯމަރާލީމެވެ. ނަމަވެސް އަހަރެންގެ ހިތުގައި އުފެދެމުން ދިޔަ ގިނަ ސުވާލުތަކުގެ ސަބަބުން އެތައް އިރެއް ވަންދެން ނުނިދިފައި އޮތީމެވެ. އެހެން އޮއްވާ ނިދި ލޮލަށް ސަވާރުވީ ކޮން އިރަކު ކަމެއްވެސް ނޭންގެއެވެ.

އަހަންނަށް ހޭލެވުނީ މީހަކު މަޑުމަޑުން ކުކުރާ އަޑަށެވެ. ހީވަނީ ތަނެއްގައި ރިއްސާތީ ކުކުރާހެންނެވެ. އެއަޑު އަންނަނީ ދޮންބެގެ ގޮދަޑިއާއި ދިމާއިން ކަމަށްވުމުން އަހަރެން އެދިމާއަށް ބަލާލީމެވެ. އެވަގުތު އަހަރެންގެ ހިތް ބާރުބާރަށް ތެޅިގަތެވެ. ދެލޯބޮޑުވެ، ނޭވާ އަވަސްވެގެން ދިޔައެވެ.

-ނުނިމޭ-


1 comment:

Mulhadhevi said...

mi shahu dhatha akee anekkaa gadi roolhaa meehakeetha??????? keekey liyantha thiulheny eoh rangalhu kujjaaey kiyaigen........adhi v reethi ingey mihisaabah story.... kuriyah oibayah hama inthizaaru kureveny.....