'ފައުޒީ!' ސްކޫލުން ނުކުމެގެން ތަންކޮޅަކަށް ދެވުނުތަނާ ޝަނޫމިސް ގޮވާލިއަޑު އިވުމުން އަހަރެން ބަލާލީމެވެ. 'އަނެއްކާ މިއަދުވެސް؟' ސުވާލަކަށްވުރެ ބޮޑަށް ބުނެލާ ބުނެލުމެއްގެ ރާގުގައި ޝަނޫމިސް ބުނެލިއެވެ.
އަހަރެންނަކަށް ދޭނެ ޖަވާނެއް ނޭންގުނެވެ. އަހަރެން އިސް ޖަހާލީމެވެ. އަހަރެންގެ ހިތަށް އެރިއެވެ. މިއަދު މި ޝަހޫދައްތަ ކައިރިއަށް ނުދެވުނީއެވެ. މިރޭ ޝަހޫދައްތަ ގެއަށް އަންނާނެބާއެވެ. ނައިސިއްޔާ މާދަމާ ކޮނަމެހެންވެސް ޝަހޫދައްތައާ ބައްދަލުކުރަން ދާނަމެވެ.
ސްކޫލުން ނިމިގެން ގެއަށް ދިއުމުގެ ބަދަލުގައި އަހަރެން ދިޔައީ ސްކޫލުގެ ފުރަގަހުގައި އޮންނަ ހުސް ބިމަށެވެ. އެތަނުގައި އުޅުނު ކުދިން ކޮޅަކާއެކު ފުޓްބޯޅަ ކުޅުމުގައި އަހަރެން ގަޑިއެއްހައިއިރު ހޭދަކުރީމެވެ. ގެއަށްނުގޮސް ލަސްވުމުން މަންމަ ރުޅި އަންނާނެކަން އެނގިހުރެމެއެވެ. އަވަހަށް ގެއަށް ދިޔަޔަސް އަދި ލަހުން ދިޔަޔަސް މަންމަ ލޯބިން އަނގައިން ނުބުނާނެކަން އަހަރެންގެ ޅަސިކުނޑިއަށް ވިސްނޭތީއެވެ. ޖާދުﷲ ކޮއްކޮ އަވަހަށް ނިމޭތީ ކޮންމެ ދުވަހަކުވެސް ކޮއްކޮ ބަލާ އަންނަނީ ދޮންބެއެވެ. އެހެންކަމުން ކޮންމެ ދުވަހަކުވެސް އަހަރެން ގެއަށްދަނީ އެކަންޏެވެ.
ކުޅުމުގެ ތެރޭގައި ގިނައިރުވާންފެށުމުން އަހަރެންގެ ހިތް ނުތަނަވަސްވާން ފެށިއެވެ. ހަޤީޤަތާ ކުރިމަތިލާން ކިތަންމެ ބޭނުނަނުވިޔަސް، މަންމަ އަހަރެންދެކެ އިތިރަށް ރުޅި އަންނާކަށް އަހަރެން ބޭނުމެއް ނުވެއެވެ. އެންމެފަހުން ކުޅުން ހުއްޓަލާފައި ގެއަށް ދިއުމަށްޓަކައި ހިނގައިގަތީމެވެ.
ގެއަށް ވަދެވުމާއެކު ނޭފަތުގައި ނުބައި ވަހެއް ހެޖުނެވެ. އަހަރެންނަށް ހޮޑުނުލެވުނީ ކިރިޔާއެވެ.
'އާދެވިއްޖެ ދޯ؟' އަހަރެން ފެނުމުން މަންމަ ބުނެލިއެވެ. މަންމަ ހުރީ ސިޓިންގރޫމްގައި އިސަތިރިކުރާށެވެ. 'ކޮންތާކަށް ވަދެ އޮވެއޮވެފަ ތިއައީ؟ މިހާރު ކޮންއިރެއް ސްކޫލުން ނިމޭނެތާ!'
'މިސް ދިން ފިލާވަޅު ހަދަންވެގެން ލަސްވީ.' އަހަރެން ދޮގުހެދީމެވެ.
'ކޮން ދޮގެއް ހަދާކަށް...! މަ ގުޅާނަމޭ ތިޔަ މިސް އަށް.'
މަންމައަށް އޮޅުވާލުމަކީ ވަރަށް ނާދިރު ކަމެކެވެ. ދޮގުނުހަދާ ތެދަށް ބުންޏަސް ގިނަފަހަރަށް ޤަބޫލެއް ނުކުރާނެއެވެ.
'ފެންބާލިދީއެއް ހިފައިގެން އައިސް ތި ކޮޓަރިތެރެ ސާފުކުރޭ!' މަންމަ އަމުރު ކުރިއެވެ.
ކޮޓަރީގެ ދޮރު ހުރީ ލައްޕާފައެވެ. އަހަރެން ދޮރު ހުޅުވާލީމެވެ. އެއާއެކު ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ. ކޮޓަރީގެ ރަތުފާލުމަތީ ދިޔާ ސީތަކެއް ހުއްޓެވެ. މިއަދުވެސް ޖާޖުﷲ ކޮއްކޮ، ކޮޓަރިއަށް ސީލީއެވެ. އަހަރެން ކައިރިއަށް ރުޅިއަންނަގޮތް ވިއެވެ. ކޮއްކޮ މިހާރު މިކަހަލަ ކަންތައް ކުރާވަރަށްވުރެ މާބޮޑުވެއްޖެއެވެ. ކޮންމެ ދުވަހަކު މުޅި ކޮޓަރިތެރެ އެބަ ނަޖިސް ކޮށްލައެވެ. އަދި މިހިރަ ދުވާ ނުބައި ވަހެކެވެ.
ފޮތްތައް ހަރުގަނޑުމަތީ ބެހެއްޓުމަށްފަހު ކޮޓަރިތެރެ ސާފުކުރުމަށް އަހަރެން އަވަސްވެގަތީމެވެ. ފެންބާލިދީއަކާ މޮޕް އަދި މެދާހަމަޔަށްހުރި ދޮންނަކުނޑި އުރައެއް ހިފައިގެންއައިސް ކޮޓަރިތެރެ ސާފުކުރަން ފެށިތަނާ ކޮއްކޮ އައިސް ކޮޓަރިއަށްވަނެވެ.
'ނުކުމޭ!' އަހަރެން ވަރަށް ބާރަށް ބުނީމެވެ.
ކޮއްކޮ ދިޔައީ ސިއްސައިގެންނެވެ. އަދި އިރުކޮޅަކު އަހަރެންގެ މޫނަށް ބަލަން ހުރެފައި ކޮޓަރިން ނުކުތެވެ.
އެތައްފަހަރަކު ސާފުކުރުމުންވެސް ކޮޓަރިތެރެއިން ވަސް ކެނޑޭގޮތެއް ނުވިއެވެ. އެންމެފަހުން ވަރުބަލިވެގެން ހުއްޓާލީއެވެ. އަދި ކޮޓަރީގެ ކުޑަދޮރުތައް ހުޅުވާލުމަށްފަހު، ކޮޓަރިން ބޭރަށް ނުކުތީމެވެ. އޭރު ސިޓިންގރޫމުގައި މަންމަކައިރީ ކޮއްކޮ ހުއްޓެވެ. ކުޑަކޮށް ދެރަވެފައިވާ ގޮތަކަށް އަހަރެންނާ ދިމާއަށް ބަލަހައްޓައިގެނެވެ.
'ކާން ދޭ!' އަހަރެންނާ ދިމާއަށް ބަލާވެސް ނުލާ މަންމަ ބުނަޏެވެ. 'ކައިގެން ސިންކު ތެރޭހުރި ތަށިތައް ދޮވެފަ ތަށި ބަހައްޓާ އެތީގަ ބަންޑުން ޖަހާތި!'
އަހަރެން ކާހިތެއް ނެތެވެ. އެހެންނަމަވެސް ބަދިގެއާ ދިމާއަށް ހިނގައިގަތީމެވެ. ބަދިގެއަށް ވަންއިރު ކާމޭޒުމަތީގައި ކާންހަދާފައެއް ނެތެވެ. ނަމަވެސް މޭޒުމަތި ހުރީ ސާފު ނުކޮށެވެ. ސިންކު ރެތޭގައި ހެނދުނު ސައިބުއި ތަށިތަކަށްދަންދެން ނުދޮވެ ހުއްޓެވެ. އެހެންޏާ ހެނދުނު ސައިބޯ ތަށިތައް މަންމަ ދޮންނާނެއެވެ. މިއަދު މާ ބުރަ ދުވަހަކީ ތޯއްޗެކެވެ.
ސިންކުމަތީ އޮތް ސްޕޮންޖުގަނޑެއް ހިފައިގެން އައިސް ކާމޭޒުމަތި ސާފުކުރުމަށްފަހު، ސިންކުތެރޭގައި ހުރި ތަށިތައް އަހަރެން ދޮންނަންފެށީމެވެ.
********************
ޝަހޫދައްތައައިސް ގެއަށްވަނީ ގަޑިން ރޭގަނޑު އައްގަޑި ބައިވާން އުޅެނިކޮށެވެ. އޭރު މަންމަ އުޅެނީ އޮލިމްޕަހުގައި އަޅުވާފަ އޮތް ދިވެހި ފިލްމަކަށް ދާންވެގެންނެވެ. ޝަހޫދައްތަ ފެނުމާއެކު އަހަރެންގެ ހިތަށް ބުނަންވެސް ނޭންގޭފަދަ އުފާވެރިކަމެއް ލިބިގެންދިޔައެވެ. މަންމަ ޝަހޫދައްތައަށް ބަލާލިއެވެ. ނަމަވެސް އަނގަޔަކުން ނުބުނެއެވެ. އަދި އަހަރެންގެ މޫނަށް އިރުކޮޅެއްވަންދެން ބަލަހައްޓައިގެން ހުއްޓެވެ. ޝަހޫދައްތަ އަޅާވެސްނުލާ ސިޓިންގރޫމް ތެރެއިންލާފައިގޮސް އަހަރެމެންގެ ކޮޓަރިއަށް ވަނެވެ. އަހަރެންގެ ހިތް ބާރުބާރަށް ތެޅިގަތެވެ. ޝަހޫދައްތަ ކޮންމެ ރެއަކުހެން އަހަރެންނާ ބައްދަލުކުރަން އަންނަކަން މަންމައަށް އެނގިއްޖެނަމަ ކަންތައް ވަރަށް ގޯސްވާނެއެވެ.
'ކޮއްކޮ ހޭލައިގެން ރޮންޏާ މަހުދީއަށް ގޮވާތި!' ސިޓިންގރޫމްގައި ހުރި ސަރަންފީ ގޮނޑިއެއްގައި ނިދިފައި އިން ދޮންބެއަށް ބަލާލަމުން މަންމަ ބުންޏެވެ. އޮފީހުން އައިސް ވީ. ސީ. އާރަށް ލެއްވި ފިލްމު ނުވެސް ނިމެނީސް ދޮންބެއަށް ނިދުނީއެވެ. އަހަރެން އިނީ މަންމަ ޝަހޫދައްތަޔާ ބެހޭގޮތުން ސުވާލެއް ކޮށްފާނެތީ ބިރުންނެވެ. 'ހަނދާންކުރާތި! ކަލޭ ގޮސް އެކުއްޖާޔަށް އަނިޔާއެއް ނުދޭތި!'
އަހަރެން އަވަސް އަވަހަށް ބޯޖަހާލީމެވެ.
މަންމަ ދިއުމުން އަހަރެން ކޮޓަރިއަށް ވަނީމެވެ. އޭރު ޝަހޫދައްތަ އަހަރެންގެ ގޮދަޑިމަތީގައި އިށީންދެލައިގެން ހިނިތުނވެފައި އިނެވެ. ޝަހޫދައްތަގެ ހިނިތުންވުން ފެނުމުން އަހަރެންގެ މާޔޫސްކަމާއި ނުތަނަވަސްކަން ފިލައިގެން ދިޔަކަހަލައެވެ. ކުރީރޭ ޝްހޫދައްތަ ދިން ޗޮކްލެޓާއި ބެހޭގޮތުން ކުރަން ހިތުގައިހުރި ޝަކުވާތައްވެސް ހިތުން ފުހެވިގެން ދިޔައެވެ. އަހަރެން ގޮސް ގޮދަޑީގައި އޮށޯވެލީމެވެ. އަދި ޝަހޫދައްތަގެ އުނގުގައި ބޯ އަޅާލީމެވެ. ޝަހޫދައްތަ އަހަރެންގެ ބޮލުގައި ފިރުމަން ފެށިއެވެ. އަހަރެން ލޯމަރާލާ ހަށިފުރާ ނޭވާއެއް ލީމެވެ. އަދި އެވަގުތު އަހަރެންނަށް ލިބެމުންދިޔަ އުފާވެރިކަން ފިޔަވާ އެހެން ހުރިހައި ކަމެއްގެ މަތިން ހަނދާން ނައްތާލީމެވެ. އެގޮތުގައި ހޭދަވީ ކިހައި ވަގުތެއްކަމެއްވެސް ނޭންގެއެވެ. އަހަރެން ލޯހުޅުވާލީ ޝަހޫދައްތަ މަޑުމަޑުން ގޮވާލި އަޑަށެވެ. އަހަރެން ޝަހޫދައްތަގެ މޫނަށް ބަލާލީމެވެ. ސުވާލުގެ ނަޒަރަކުންނެވެ.
'ޝަހޫދައްތަ ބުނީމެއްނު އެއްކަލަ ތަނަށް ދާންވާނޭ.' ޝަހޫދައްތަ ހަނދާން ކޮށްދިނެވެ. އަހަރެން ހިނިތުން ވެލީމެވެ. އަދި އަވަސް އަވަހަށް ޝަހޫދައްތަގެ އުނގުން ތެދުވީމެވެ. އަދި ދެމީހުން ކޮޓަރިން ނުކުމެ، ސިޓިންގރޫމުގައި އޮތް ދޮންބެއަށް ނާންގާ ސިއްރުސިއްރުން ގެއިން ބޭރަށް ނުކުތީމެވެ.
-ނުނިމޭ-
2 comments:
getting curiouser and curiouser. Who is this ShahooDha'tha? A Fairy? A God mother? who?
Getting Curious. Who is This Shahoo Dhathatha? A fairy? A God Mother? Who?
Post a Comment