Friday, November 16, 2007

Mamma Dharifulhu Naa Na Naa 6


އެހިސާބަށް ދެވުމާއެކު އަހަރެންނަށް ހުއްޓެވުނެވެ. ގޮނޑުދޮށުގައި މަޑުމަޑުން ބީހެމުން ދިޔަ ރާޅުތަކުގެ ހިތްގައިމު އަޑުން އަހަރެންގެ ހިތަށް ބުނަންވެސް ނޭންގޭފަދަ އުފާވެރިކަމެއް ވެރިވިއެވެ. ފުރިހަމަ ހަނދެއްގެ ހަނދުވަރު، ކަނޑާއި މޫދުގެ ޞަތަޙައިގައި އުފަށްދާފައިވާ ހިތްގައިމު ވިދުވަރުން އަހަރެން އާޝޯޚް ކޮށްލިއެވެ. ތުނޑީގެ ދޮންވެލިގަނޑަށް ހަނދުވަރުގެ ރިހި އަލިން ގެނުވާފައިވާ ހުވަފެނީ އަސަރުން އަހަރެންގެ ހިތް ފުރޭހައި ވިއެވެ. މަޑުމަޑުން ޖެހެމުންދިޔަ ފިނިފިނި ވައިރޯޅިތައް ހޭޅީގައިހުރި ތިރި ގަސްތަކުގައި އުފައްދަމުން ދިޔަ ނެށުންތައް އެހިތްގައިމު މަންޒަރަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވެއެވެ. އަހަރެންގެ ހިތުގައި މިޔުޒިކެއް އުފެދުނެވެ. މުޅިހަށިގަނޑަށް އުފާވެރިކަމުގެ އިހުސާސް ކުރެވުނެވެ. އަހަރެން ދުއްވައިގަތީމެވެ. މޫދާދިމާއަށެވެ. އަރައިގެން ހުރި ފައިވާން ތުނޑީގެ ދޮންވެލިގަނޑު މައްޗަށް ދޫކޮށްލާފައެވެ. އަދި ދެއަތް ދެފަރާތަށް ދަމާލުމަށްފަހު ލޯމަރާލީމެވެ. ދެން އަޑުގެ ކޮޅަށް ހަޅޭއްލަވައިގަތީމެވެ.

އަހަރެންގޮސް ހުއްޓުނީ ރާޅުފެންފަށުގައެވެ. އެވަގުތު ގޮނޑުދޮށަށް މަޑުމަޑުން ބީއްސާލި ރާޅެއް އަހަރެންގެ ފައި ތެންމާލިއެވެ.

'މޫދަށް ނޭރެއްޗޭ!' ޝަހޫދައްތަ ބުނިއަޑު އިވުމުން އަހަރެން ބަލާލީމެވެ. އޭރު ޝަހޫދައްތަ ތަންކޮޅެއް ދުރުގައި ކަކުލާ ހަމަޔަށް މޫދަށް އެރި ހުއްޓެވެ. މަޑު ވައިރޯޅިއާއެކު ޝަހޫދައްތަގެ އިސްތަށިގަނޑު ވިހުރުވެމުން ދިޔައެވެ. ހަނދުވަރުގެ އަލި ޝަހޫދައްތަގެ ކަނދުރާ މައްޗަށް އެޅިފައިވާތަން ފެނުމުން އަހަރެންގެ ހިތުގައި އާ ވައްތަރެއްގެ ރާގެއް ކުޅެންފެށިއެވެ. އޭގެ ވައްތަރު ބުނެދޭން ނޭނގޭ ރާގެކެވެ. ޝަހޫދައްތަޔާއި ދިމާއަށް ބަލަހައްޓައިގެން އަހަންނަށް ހުރެވުނީ ކިހައި އިރަކު ކަމެއްވެސް ނޭންގެއެވެ. އަހަންނަށް ހޭވެރިކަންވީ ތަންކޮޅެއް ބޮޑު ރާޅެއް އައިސް ފައިބުޑަށް ބީއްސާލީމައެވެ. އަހަރެން ފަޔަށް ބަލާލީމެވެ. އޭރު އަހަރެންގެ ފައިތިލަ ވަނީ ރާޅުފެންފަށުގައި ވަޅުލެވިފައެވެ.

ކުއްލިއަކަށް އަހަރެންގެ ފައި ގަނބަން ފެށިއެވެ. އަހަރެން އަވަސް އަވަހަށް ފައިނަގާ ތަންކޮޅެއް އެއްގަމަށް ޖެހިލީމެވެ. އެތަނުންވެސް ގަނބަންފެށިއެވެ.

'ޝަހޫދައްތާ!' އަހަރެން އަނެއްކާވެސް އެއްގަމަށް ޖެހިލަމުން ގޮވާލީމެވެ. ނަމަވެސް ޝަހޫދައްތަގެ ޚަބަރެއް ނުވިއެވެ. އަހަރެން ޝަހޫދައްތައަށް ބަލާލީމެވެ. ޝަހޫދައްތައެއް ނެތެވެ. އަހަރެން އެނބުރިލާފައި އެއްގަމަށް ބަލާލީމެވެ. ޝަހޫދައްތަ ފެނަނާކަށް ނެތެވެ. އަހަރެންގެ ހިތް ބާރުބާރަށް ތެޅެންފެށިއެވެ.

'ޝަހޫދައްތާ!' އަހަރެން ވަރަށް ބާރަށް ގޮވާލީމެވެ. އަދި ގަނބަމުންދިޔަ ތަނުން އެއްގަމަށް ޖެހުނީމެވެ. ނަމަވެސް ފައިއަޅާ ކޮންމެތަނަކުން ގަނބަން ފަށައެވެ.

'ޝަހޫދައްތާ!' އަހަރެންގެ އަޑު ބެދޭގޮތްވިއެވެ. ބިރުން ރޮވެން އުޅުނެވެ. ޝަހޫދައްތަ ކޮބާހެއްޔެވެ؟

އަހަރެން އެއްގަމަށް ދުއްވައިގަތީމެވެ. ނަމަވެސް ގަނބާތީ ދުވެވެނީ ވަރަށް އުނދަގުލުންނެވެ. ފައިވާން ހޯދާކަށްވެސް އަހަރެން ނޫޅެމެވެ. ޝަހޫދައްތައަށް ގޮވަމުން ހޭޅިއާ ހަމަޔަށް އެރީމެވެ. އެއާއެކު ގެނބުންވެސް ހުއްޓިއްޖެއެވެ. އަހަރެން ވަށައިގެން ހޯދާލީމެވެ. ނަމަވެސް ފެންނަ ހިސާބެއްގައި ޝަހޫދައްތަ ނެތެވެ. އަހަރެންނަށް ރޮވެންފެށިއެވެ.

'ޝަހޫދައްތާ!' އަހަރެން ރޮމުން ގޮވަމުން ގެންދިޔައީމެވެ.

މޫދުގެ ލޮނުގަނޑަށް އެއްޗެއް އެއްލުމުން ގޮވާކަހަލަ އަޑެއް އިވުމުން އަހަރެން މޫދާދިމާއަށް ބަލާލީމެވެ. އަދި ދެލޯ ރަނގަޅަށް ފުހެލީމެވެ. ޝަހޫދައްތަ މޫދުގައި އޮތެވެ.

'ޝަހޫދައްތާ؟' އަހަރެން ގޮވާލީމެވެ. ޝަހޫދައްތަ އަޅާވެސްނުލާ އޮވެ މަޑުމަޑުން އެއްގަމަށް އަންނަންފެށިއެވެ. 'ޝަޙޫދައްތަ އަވަހަށް އާދޭ!' އަހަރެން ބިރާއި އާދޭސް އެކުލެވިގެންވާ ރާގެއްގައި ބުނީމެވެ. އަދި ކެތްތެރިކަމެއްނެތި ޝަހޫދައްތައަށް އިންތިޒާރު ކުރަމުން ދިޔައީމެވެ.

ޝަހޫދައްތަ އެއްގަމަށް އަންނަމުން ދިޔަވަރަކަށް އެއީ ޝަހޫދައްތައެއް ނޫނޭ އަހަރެންނަށް ހީވާން ފެށިއެވެ. 'ޝަހޫދަ...' އަހަރެން ގޮވާލަން އުޅެފައި މަޑުކޮށްލީމެވެ. އަދި މަޑުމަޑުން ހޭޅިތެރެއަށް ޖެހިލީމެވެ. އެއީ ޝަހޫދައްތައެއް ނޫނޭ އަހަރެންގެ ހިތަށް އެރިއެވެ.

ގޮނޑުދޮށާ ހަމަޔަށް އައުމަށް ފަހު އޭނާ ކޮޅަށް ތެދުވިއެވެ. އެއީ ޝަހޫދައްތައަށްވުރެ ދިގު މީހެކެވެ. ތެމިފައިވާ އިސްތަށިތައް މޫނުމައްޗަށް ވައްޓަލައިގެންހުރެ އެ އަންހެންމީހާ އެއްގަމަށް އަންނަން ފެށިއެވެ. އޭނާގެ ހިނގުންވެސް ޝަހޫދައްތައާ ވައްތަރެއް ނޫނެވެ. އަހަރެން ބިރުން ތުރުތުރު އަޅަންފެށިއެވެ. އަހަރެން ހޭޅިފަށުންލާފައި އެއްކޮޅަށް ދުއްވައިގަތީމެވެ. ތަންކޮޅަކަށް ދިޔަތަނާ ހޭޅިގަނޑުތެރެއިން އެއްގަމަށް އެރެން އޮތް މަގެއް ފެނުނެވެ. އެމަގަށް އެޅުމުގެ ކުރިން އަހަރެން ފަސްއެނބުރި ބަލާލީމެވެ. އޭރު އެމީހާ އަހަރެންނާ ދިމާއަށް ހިނގާފައި އާދެއެވެ. އަހަރެން އެމަގުން އެއްގަމަށް އެރީމެވެ. ކުރިމަތީގައިއޮތީ ދެފަރާތުން ބިޔަ ގަސްތައް ހެދިފައިވާ ބޮޑު މަގެކެވެ. އަހަރެން އެމަގުން ހުރިސީދަލަށް ދުއްވައިގަތީމެވެ. ތަންކޮޅަކަށް ދިޔަތަނާ ކުރިމަތިން ފުންކޮށް ކޮނެފައިވާ ބޮޑު ވަޅުގަނޑެއް ފެނުނެވެ. ހަނދުވަރުގެ އަލިކަން ނެތްނަމަ އަހަރެންނަށް އެވަޅުގަނޑު ނުފެނުނީހެވެ.

އަހަރެން އެ ފުޅާ ވަޅުގަނޑުގެ އެއްފަރާތުން ދުއްވައިގަތީމެވެ. ނަމަވެސް ކުޑަތަންކޮޅަކަށްވެސް ނުދެވެނީސް ކައިރިކައިރީގައި ހުރި ދެ ވަޅުގަނޑާ ދިމާވިއެވެ. ދެވަޅުގަނޑު ދޭތެރެއިން ކިރިޔާ ދެވޭހައި ހަނި ތަނކޮޅެއް އޮތެވެ. އަހަރެން އެ ދޭތެރެއިން ވަރަށް ބަލައިގެން އަނެއްކާވެސް ދުއްވައިގަތީމެވެ. ނަމަވެސް އެ ދެވަޅުގަނޑު ނިމޭހިސާބުން ދިމާ ކުރިމަތިން އެހެން ވަޅުގަނޑެއް ފެނުމުން ހުއްޓެވުނެވެ. އަދި ކުރިމަތިން އޮތް ރާސްތާއަށް ރަނގަޅަށް ބަލާލީމެވެ. މުޅިމަގުގައި ވަޅުގަނޑަކާޖެހި ވަޅުގަނޑެއް ކޮނެފައިވާކަމުގެ އިހުސާސް ކުރެވުނީ އެވަގުތުއެވެ. އަހަރެން ތެޅިތެޅިއޮތް ހިތަކާއެކު ފަހަތަށް އެނބުރި ބަލާލީމެވެ. އޭރު އެއަންހެންމީހާ ހުރީ މަގުގެ ކޮޅުގައެވެ. އަހަރެންނަށް ފަސްއެނބުރި ދެވޭކަށް ނެތެވެ. އަހަރެން ނޭވާ ހާސްވާން ފެށިއެވެ. ދެފައި ތުރުތުރު އަޅަންފެށިއެވެ. ވަޅުތަކުގެ ހަނި ދޭތެރެތަކުން ދިއުން ނޫން ގޮތެއް ނެއްކަން އެނގުމުން އަހަރެން ވަރަށް ބަލައިގެން އެދޭތެރެތަކުން މަޑުމަޑުން ދުވަންފެށީމެވެ.

'ފައުޒީ!' ވަރަށް ކައިރިން ޝަހޫދައްތަ ގޮވާލިއަޑު އިވުނެވެ. އެއަޑުއައީ އަހަރެންގެ ފަހަތުން ވަލުތެރެއިންނެވެ. އަހަރެން ހުއްޓުނީމެވެ. އަދި ފަހަތަށް އެނބުރިލީމެވެ. އެވަގުތު ވަޅުގަނޑެއްގެ ކައިރިފަށުގައި އެޅިފައިހުރި އަހަރެންގެ ފައި ކައްސާލިއެވެ. އަދި އެ ފުންމިން ނޭންގޭ ވަޅުގަނޑުގެތެރެއަށް އަހަރެން އަރިއަޅާލިއެވެ.

-ނުނިމޭ-


5 comments:

moyameehaa said...

aavatharehge raagekey? anekkaa konkahala raagebbaa?

monchi said...

hehe...yeah e ee sus raagu...haha

Unknown said...

Shahu dhahtha thee meeheh noon dho....? jinni eh tha? hehehe. dhen avahah aneh bai liye ma ginadhuvahu suspense ga eh nuhureveyne :)k

foniboki said...

Is this story related to you in any way?

monchi said...

nope foniboki..this is related to a friend of mine.