Sunday, November 18, 2007

Mamma Dharifulhu Naa Na Naa 7


'ފައުޒީ!'

އަހަންނަށް ހޭލެވުނީ ދޮންބެ އަހަރެންގެ ގައިގައި ހިފާ ތަޅުވައި ގަތުމުންނެވެ. އޭރު އަހަރެން އޮތީ ދާހިއްލާ ފޯވެފައެވެ. މުޅިހަށިގަނޑުގައި މަޑު ތުރުތުރެއް ހުފެދިފައި ހުއްޓެވެ. ނޭވާ ވަނީ އަވަސްވެފައެވެ.

'ކޮން ހަޅޭކެއް ތިޔަލަވަނީ!' އަހަންނަށް ހޭލެވުމުން ދޮންބެ އެހިއެވެ. 'ހުވަފެނެއް ފެނުނީތަ؟'

އަހަރެން އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލީމެވެ.

'ޝަހާދަތް ނުކިޔާ ނިދަންޏާ ވާނީ އެހެން... ދެންވެސް އަވަހަށް ޝަހާދަތް ކިޔައިގެން ނިދާ.' މިހެން ބުނުމަށްފަހު ދޮންބެ ގޮސް އެނދަށް އަރާ އޮށޯތެވެ.

އަހަރެން ޝަހޫދައްތަ ކޮބައިތޯ ބަލާލީމެވެ. ޝަހޫދައްތަ ކޮޓަރިއަކު ނެތެވެ. އެވާނީ އަހަރެންނަށް ނިދުނީމަ ޝަހޫދައްތަ ދިޔައީކަމަށެވެ. އަހަރެން ޝަހާދަތް ކިޔުމަށްފަހު ދެލޯމަރާލީމެވެ. އަލުން ނިދޭތޯއެވެ. ނަމަވެސް ނިދި ނާންނާނެކަން އަހަރެންނަށް އެނގެއެވެ. އަހަރެން ވަނީ އެއަށްވުރެ ބޮޑަށް ހިތްބިރުގެންފައެވެ.

ކުޑަކޮއްކޮ ވަރަށް ބާރަށް ރޮއެގެން އަޑު އިވުމުން އަހަރެން ސިހޭގޮތް ވިއެވެ. ނަމަވެސް އެއީ ކުޑަކޮއްކޮކަން އެނގުމުން ހަމަޖެހޭގޮތް ވިއެވެ. ކުޑައިރުކޮޅެއް ފަހުން މަންމަގެ ނާނާގެ އަޑު އިވެން ފެށިއެވެ. އެއަޑުން އަހަރެންގެ ހިތަށް ހަމަޖެހުން ލިބެންފެށިއެވެ. އަހަރެން ހަމަޖެހުމުގެ ނޭވާއެއްލީމެވެ. މަންމަ އެ ނާނާ ކިޔައިދެނީ އަހަރެންނަށް ކަމުގައި އަހަރެން ހީކޮށްލީމެވެ. ނާނާ ކިޔަމުން މަންމަ އަހަރެންގެ ބޮލުގައި ފިރުމާވެސް ދޭނެއެވެ. އަހަރެންގެ ތުންފަތް މައްޗަށް މަޑުމަޑު ހިނިތުންވުމެއް ވެރިވިއެވެ. އަހަރެންގެ ހިތުގައި އުންމީދުގެ ހުޅުކޮޅެއް ރޯވިކަހަލައެވެ. އަހަރެންގެ ދެލޮލަށް ނިދީގެ އަސަރު ވެރިވާން ފެށިއެވެ.

********************

ޖެހިގެން އައި ހަފުތާގައި އަހަރެން ޝަހޫދައްތައެއް ނުދެކެމެވެ. ޝަހޫދައްތަ އަހަރެންނާ ބައްދަލުކުރާކަށް ނާދެއެވެ. ޝަހޫދައްތަ އަހަރެންދެކެ ރުޅިއައީ ބާއެވެ. އެކަމަކު އެހެން ވާންވީ އެއްވެސް ސަބަބެއް އަހަރެންނަކަށް ނުވިސްނުނެވެ. އަހަރެންނަށް ޝަހޫދައްތަމެން ގެއަށް ދާން އެނގޭނަމަ މިހާރު އެގެއަށް ހިނގައްޖައިމުހެވެ. ކޮންމެ ދުވަހަކުވެސް ޝަހޫދައްތަ އަންނާނެ ކަމުގެ އުންމީދުގައި އަހަންނަށް ވަގުތުތައް ހޭދަކުރެވެއެވެ.

ނަޒީދައްތަ އަހަރެމެން ގެއަށް އައީ އެހަފުތާގައެވެ. ނަޒީދައްތަ އައީ މާމައާއި އެކުގައެވެ. އަހަރެންގެ ބައްޕަ ފަރާތު މާމަ ބަލިވެގެން ރަށުން މާލެ އައިއިރުއެވެ. ނަޒީދައްތަ ފުރަތަމަ ފެނުމާއެކުވެސް އަހަންނަށް ނަޒީދައްތަ ވަރަށް ރީތިވިއެވެ. އިސްކޮޅުން ދިގު، ހިމަތޮޅި ހަށިގަނޑެއް ލިބިފައިވާ ނަޒީދައްތަގެ ދިގު، ރާޅުބައިނި އިސްތަށިގަނޑު އަހަންނަށް ވަކިން ޚާއްޞަކޮށް ރީތިވިއެވެ.

ނަޒީދައްތައާ ފުރަތަމަ ދިމާވީ އަހަރެން ކޮޓަރީގައި އުޅެނިކޮށް އައިސް ކޮޓަރިއަށް ވަނީމައެވެ.

'ތީތަ ފައުޒީކޮއްކޮއަކީ؟' ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު ދޮރުމަތީގައި މަޑުކޮށަލައިގެން ހުރެ ނަޒީދައްތަ އަހާލިއެވެ.

އަހަރެން އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލީމެވެ.

'މީ ނަޒީދައްތަ.' ނަޒީދައްތަ އަމިއްލައަށް ތަޢާރަފް ވެލިއެވެ.

އަހަރެން އެއްވެސް އެއްޗެކޭ ނުބުނެ ނަޒީދައްތައާ ދިމާއަށް ބަލަހައްޓައިގެން ހުރީއެވެ.

'ފައުޒީ ކޮއްކޮގެ މާމަ ގޮވައިގެން މިއަދު ރަށުން މިއައީ!' އަހަރެން ވާހަކަ ނުދެއްކުމުން ނަޒީދައްތަ ވާހަކަ ދައްކަން ފެށިއެވެ. 'މާމަ ފައުޒީ ކޮއްކޮދެކެ ވަރަށް ލޯބިވޭ... އަބަދު ދައްކާނެ ފައުޒީ ކޮއްކޮ ނުފެންނަތާ ގިނަދުވަސްވީ ވާހަކަޔާ... ވަރަށް ދެކޭހިތްވާ ވާހަކަ.'

މާމަ އަހަރެންދެކެ ލޯބިވާ ވާހަކަ ބުނުމުން އަހަރެންގެ ހިތުގެ ވިންދު އަވަސްވާގޮތް ވިއެވެ. ބުނަން ނޭންގޭފަދަ އުފާވެރިކަމެއް އަހަރެންގެ ހިތަށް ވެރިވިއެވެ. ނަމަވެސް ނަޒީދައްތަ އެއީ ކާކުކަމާމެދު އަހަރެންގެ ހިތުގައި ސުވާލު އުފެދުނެވެ.

'ތީ އަހަރެންގެ ދައްތަ ތަ؟' އަހަރެން އެންމެފަހުން އެހީމެވެ.

ނަޒީދައްތަ ހިނިތުންވެލިއެވެ. 'ނޫން... މީ ފައުޒީކޮއްކޮގެ އަސްލު ދައްތައެއް ނޫން... މީ މާމަގެ ގޭދޮށު ދައްތައެއް... އެކަމު ފައުޒީ ކޮއްކޮ ކިޔަންވާނީ ނަޒީ ދައްތަ... އިނގޭ!' ކޮޓަރީގެ ދޮރު ލައްޕާލުމަށްފަހު އައިސް އަހަރެންގެ ބޮލުގެ އިސްތަށިގަނޑާ ކުޅެލަމުން ނަޒީދައްތަ ބުންޏެވެ.

އަހަރެން ހިނިތުން ވެލުމަށްފަހު އާނއެކޭ ބުނުމުގެ ގޮތުން އަވަސް އަވަހަށް ބޯޖަހާލީމެވެ.

'މާމަ ކައިރިއަށް ދާންވީނުން... އެބައިން ސިޓިންގރޫމްގަ!'

އެވަގުތު ކޮޓަރީގެ ދޮރުހުޅުވާލުމަށްފަހު ޝަހޫދައްތަ ކޮޓަރިއަށް ވަނެވެ. އަހަރެމެން ދެމީހުންނަށް އެއްފަހަރާ ޝަހޫދައްތައަށް ބަލާލެވުނެވެ. ޝަހޫދައްތަގެ ނަޒަރު އަމާޒުވީ ނަޒީދައްތައާ ދިމާއަށެވެ. އަހަރެން ނަޒީދައްތައަށް ބަލާލީމެވެ. ޝަހޫދައްތަ ފެނުމުން ނަޒީދައްތަގެ މޫނުމަތީގައިވީ ހިނިތުންވުން ވަނީ ފިލައިގެން ގޮއްސައެވެ.

-ނުނިމޭ-


1 comment:

Unknown said...

hmmm v interesting.... so now dickens have added another character dho :) gud gud .....